އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްގެ ސިފައިންނާއި ދިވެހި އަސްކަރިއްޔާއިން ގުޅިގެން ބާއްވާ އެކްސަސައިޒް "ބްލެކް މަރލިން" ގެ 4 ވަނަ އެޑިޝަން އިއްޔެ ފަށައިފިއެވެ.
މި ތަމްރީނުތައް ފެށުމުގެ ގޮތުން ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. މި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ޔޫއެސް މޮންޓާނާ ނޭޝަނަލް ގާޑުގެ އެޖުޓަންޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޕީޓަރ ރޮނެކް ވަނީ ރިމާކްސް ހުށަހަޅުއްވައި ދެއްވިކަމުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެއެވެ.
އިއްޔެއިން ފެށިގެން މި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދަން ތާވަލުކޮށްފައިވާ "ބްލެކް މަރލިން" ގެ މި އެޑިޝަންގައި ފަސް އެސްއެމްއީއީ (ސަބްޖެކްޓް މެޓަރ އެކްސްޕަރޓް އެކްސްޗޭންޖް ޕްރޮގްރާމް) ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި އޭގެތެރޭގައި، އިންޓެލިޖަންސް، ލޮޖިސްޓިކް، މެޑިކަލް، އީއޯޑީ، އަދި އިންފެންޓްރީއާ ގުޅުންހުރި އެސްއެމްއީއީ ކުރިއަށްގެންދަން ނިންމާފައިވާކަމަށާއި މީގެތެރެއިން އިންފެންޓްރީ އެސްއެމްއީއީ ލ.ކައްދޫގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު، އެހެން ހުރިހާ އެސްއެމްއީއީތަކެއް ކުރިއަށް ދާނީ މާލޭގައި ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
"ބްރިގޭޑް ނުވަތަ ބެޓާލިއަން ލެވެލްގައި އިންޓަގްރޭޓެޑް ކްރޮސް ފަންކްޝަނަލް ސްޓާފުން ލީޑުކޮށް ބެލެހެއްޓުމަށް އެންމެ އެކަށޭނެ ޓީޓީޕީއެއް ފޯރުކޮށްދިނުމުގެ މަޤްސަދުގައި މި އަހަރުގެ އެކްސަސައިޒްގެ ތެރެއިން، "ފީލްޑް ގްރޭޑް އެކްސްޗޭންޖް ޕްރޮގްރާމް" ގެ ނަމުގައި އައު އެންޑީވަރއެއް އެމްއެންޑީއެފާއި ޔޫއެސް އަސްކަރިއްޔާއާ ދެމެދު ކުރިއަށް ގެންދިއުމަށް ވަނީ ރާވާފައި، މި އެންޑީވަރއާއެކު ސްޓާފް އޮފިސަރުންގެ ޒިންމާތަކާއި، މިލިޓަރީ ޕްލޭނިންގ ޕްރޮސެސްއާއި ޓްރެއިނިންގ މެނޭޖްމަންޓްގެ ކަންކަން ކުރިއަށްވުރެ ރަނގަޅަށް ދެނެގަތުމަށް މަގުފަހިވެގެންދާނެ" އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވނީ މި ތަމްރީނުތައް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމެރިކާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އެމްބެސެޑަރ، ހިއުގޯ ޔޮންއާގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޡް އަދި އެމްއެންޑީއެފްގެ ސީނިއަރ އޮފިސަރުން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް