ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަންވެސް ކުރިން ކުރެއްވި ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށް މިއަދު ތިން އަހަރު ފުރޭއިރު އެމަނިކުފާނަށް އިންސާފު ލިބިފައިނުވާތީ ދަ ޑިމޮކްރެޓްސް ޕާޓީއިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އެ ޕާޓީއިން މިކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވަނީ މިއަދު ނެރުނު ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި އެ ޕާޓީއިން ބުނެފައިވަނީ މިއަދަކީ، ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް އުސޫލުން ފުރަތަމަ ފަހަރަށް އިންތިހާބުކުރެވުނު ރައީސް، ރައީސް މުޙައްމަދު ނަޝީދު، އެމަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނަވަނިކޮށް އަވަހާރަކޮށްލުމަށް ބޮމުގެ ޓެރަރިސްޓް ހަމަލާއެއް ދިން ހާދިސާއަށް ތިން އަހަރު ފުރޭ ދުވަސް ކަމަށާއި އެ މައްސަލާގައި މިއަދާ ހަމައަށް އެމަނިކުފާނަށް އިންސާފު ލިބިވަޑައިގެންފައި ނުވާތީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާކަމަށެވެ.
"ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް އެ ހަމަލާ ދީފައިވަނީ 2021 ވަނަ އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭގެ އިރާކޮޅު ވަގުތެއްގައި އެމަނިކުފާނުގެ ގެކޮޅުން ނުކުމެވަޑައިގެން ކާރުކޮޅާ ދިމާލަށް ވަޑައިގެންނެވި ވަގުތު، ބޮމުގެ އެ ހަމަލާގައި އެމަނިކުފާނުގެ ފުރާނަފުޅު ސަލާމަތްވި ނަމަވެސް، ރޭޒާފުށްތައް ހަށިކޮޅުގެ އެތަން މިތަނަށް އަރައި ޒަހަމްކޮށްލާފައިވުމުން ކްރިޓިކަލް ހާލަތެއްގައި 16 ގަޑިއިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުގެ ޑޮކްޓަރުންގެ ޓީމަކުން ކުރައްވަންޖެހިވަޑައިގަތް" އެ ހާދިސާގެ ހަނދާންތައް އާކުރަމުން އެ ޕާޓީއިން ބުނެފައިވެއެވެ.
ދައުލަތުގެ މުހިއްމު މަގާމެއްގައި ހުންނެވި ބޭފުޅަކަށް، ދުރާލާ ރާވައިގެން މިވަރުގެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއެއް ދިނުމަށް ފުރުސަތުލިބިދީފައި އޮތުމީ އެ ޕާޓީންކަންބޮޑުވާ އަދި ކުށްވެރިކުރާ އެއްކަމެއް ކަމަށާއި އަދި ވަކިން ހާއްސަކޮށް ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ތިން ފަހަރެއްގެ މަތިން ކުރިންވެސް ރާވައި މަސައްކަތްކުރިކަމުގެ އިންޓެލިޖެންސް މައުލޫމާތު އެމްއެންޑީއެފް އަށް ލިބިފައިވަނިކޮށް އެއާވިދިގެން ވެސް އެމަނިކުފާނަށް ގާނޫނުއަސާސީން ލާޒިމުކުރާ ރައްކާތެރިކަން ކަށަވަރުކޮށްނުދީ އޮތްއޮތުން ތަކުރާރުކޮށް ކުށްވެރިކުރާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފައިވެއެވެ.
އެ ޕާޓީން ބުނެފައިވަނީ ރައީސް މުޙައްމަދު ނަޝީދަށް އެ ބޮމުގެ ޓެރަރިސްޓް ހަމަލާދިނުމުގައި އެގޮތަށް ކަންހިނގާފައިވާއިރު، އެ ހަމަލާގެ މައްސަލާގައި އިއުތިރާފުވި ފަރާތްފިޔަވައި، އެހެން މީހުންގެ ޝަރީޢަތްތައް ހިނގުން ލަސްވެ، ހައްޔަރުގައިވާ ބައެއް މީހުން ހައްޔަރުން ދޫވެ، ބައެއް މީހުންގެ މައްޗަށް ކުށް ސާބިތުނުވެ، އަދި އެ ހަމަލާގެ އަޑީގައިވާ އެއްވެސް ފަރާތެއް މިއަދާ ހަމައަށްވެސް ނުހޯދި، އިންސާފު ގާއިމުނުވެ އަހަރުތައް ފާއިތުވެ ދިއުމަކީ މި ގައުމުގެ ހާލަތު ބަޔާންކޮށްދޭ ލަދުވެތި ކަމެކެވެ. އަދި ބޮޑެތި މައްސަލަތައް ކުދި ކަންކަމުގެ ގޮތުގައި ދެކި، އެމައްސަލަތަކުގެ ސީރިއަސްކަން ކަނޑުވާލައި "ނޯމަލައިޒް" ކުރުމުގެ އަމަލެއްކަމުގައި އެ ޕާޓީން ދެކޭކަމަށެވެ.
ރައީސް މުޙައްމަދު ނަޝީދަށް ދިން ބޮމުގެ ޓެރަރިސްޓް ހަމަލާގެ މައްސަލަ، އޭގެ އެންމެ ފުންމިނަށް ބަލައި، އެކަމުގައި ބައިވެރިވާ ފަރާތްތަކަށް ހައްގު އަދަބު ކަނޑައަޅައި، އެމަނިކުފާނަށް އިންސާފު ގާއިމުކުރުން އަވަސްކުރުމަށް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށްވެސް އެ ޕާޓީއިން ގޮވާލާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް