ބޯކޮށް ވާރޭވެހި ކޯރެއް ބަންޑުންޖަހާލައި ބްރެޒިލްގެ ރިއޯ ގްރާންޑޭ ޑު ސުލް ސްޓޭޓްގައި ފެންބޮޑުވެފައިވާއިރު މިހާތަނަށް މަރުވި މީހުންގެ އަދަދު 75 އަށް އަދި ގެއްލިފައިވާ މީހުންގެ އަދަދު 103 އަށް އަރައިފިއެވެ.
ސަލާމަތީ ޚިދުމަތްތަކުން އެންމެފަހުން ބުނެފައިވާގޮތުގައި މި ހާދިސާއާއި ގުޅިގެން 88 ހާސް މީހަކު ގެދޮރު ދޫކޮށް ސަލާމަތީ އައްސޭރިތަކަށް ގޮސްފައިވާއިރު މިހާތަނަށް 16 ހާހަށްވުރެ ގިނަ މީހުން ވަގުތީ ރެފިއުޖީ ހިޔާތަކުގައި އެބަތިއްބެވެ.
މިދިޔަ ހޮނިހިރު ދުވަހު ވެހެންފެށި ބޯ ވާރެއާއެކު އެ ސްޓޭޓްގެ ބޮޑުބައެއް ކަވަރުކުރާ ގުއައިބަ ކޯރުގެ ފެންގަނޑު އުފުލި އެ ފެންގަނޑު ބަންޑުންޖަހާލައި އަދި ފާއިތުވި ހަތް ދުވަހުވެސް ގިނަ އަދަދަކަށް ވާރޭވެހެމުން އަންނައިރު އެ ސަރަހައްދުގެ ހާލަތު ވަނީ ވަރަށް ގޯސްވެފައެވެ.
މިއީ ފާއިތުވި 80 އަހަރުގެ ތެރޭގައިވެސް އެ ކޯރުގެ ފެންގަނޑު މިހާ މައްޗަށް އުފުލުނު ފަހަރުކަމުގައި އެ ގައުމުން ބުނެއެވެ. އެގޮތުން އއެ ކޯރުގެ ފެންގަނޑު 17.5 ފޫޓުގައި ހުރި އިރު މިއީ 1941ގައި ރެކޯޑު ކުރެވުނު 15.6 ފޫޓު އުސްމިނަށްވުރެ މާ އުސްމިނެއްކަމަށް މިވަނީ ރެކޯޑު ކުރެވިފައެވެ.
އަދިވެސް އެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކުރެވޭއިރު ކޯރު ބަންޑުން ޖަހާލުމުގެ ސަބަބުން ބިންގަނޑު ކެނޑުމާއި އިމާރާތްތައް ވެއްޓުމާއި ކަރަންޓާއި ފެނާއި މުވާސަލާތީ ޚިދުމަތްތައް ކެނޑުމާއި މިފަދަ އެތައް އެތައް ކަމެއް އަންނަނީ އެ ސަރަހައްދުގައި ހިނގަމުންނެވެ. އެގޮތުން އާބާދީގެ އަށް ލައްކައެއްހާ މީހުން މިވަގުތު ތިބީ ފެނާއި ކަރަންޓާއި މުވާސާލާތީ ޚިދުމަތުން މަހުރޫމުވެފައިކަމަށް އެންމެ ފަހުގެ އަދާހަމަތަކުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް