ހުޅުމާލޭ މަގުތަކުގެ ޕޭވްމަންޓްމަތިން ކެފޭތަކުގެ ގޮނޑިއާ މޭޒުތައް ނަގަން އަންގައިފި

ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް މި ކުންފުނީގެ ފަރާތުން ދީފައިވާ ހުއްދައާ ޚިލާފަށް އަމަލު ކުރަމުންދާ ކަމަށް އާބަންކޯއިން ބުނެފި އެވެ. އެ ކުންފުނިން މިއަދު ނެރުނު ...

06 May 2023 | 18:57

ހުޅުމާލޭގައި ހިންގުމަށް ހުއްދަދީފައިވާ ކެފޭތަކާއި، ޓޭކްއަވޭ ޝޮޕްތަކަށް މި ކުންފުނީގެ ފަރާތުން ދީފައިވާ ހުއްދައާ ޚިލާފަށް އަމަލު ކުރަމުންދާ ކަމަށް އާބަންކޯއިން ބުނެފި އެވެ.

އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބައެއް ކެފޭ އަދި ޓޭކްއަވޭ ޝޮޕްތަކުން މަގުގެ ޕޭމަންޓުގައި ގޮނޑިއާއި، މޭޒު ބަހައްޓައި އެތަނުގައި ކެފޭ ޚިދުމަތް ދެމުން އަންނަ ކަމަށެވެ. މިކަމުގެ އުނދަގޫ އާންމުންނަށް ފޯރާތީ އެކަމުގެ ޝަކުވާވެސް  އެ ކުންފުންޏަށް ލިބިފައިވާ ކަމަށް ބުންޏެވެ.

މި މައްސަލާގައި އާބަންކޯއިން ބެލި އިރު ހުޅުމާލޭގެ 34 މަގެއްގެ ޕޭމަންޓުގައި 183 މޭޒު ބަހައްޓައި ދަނީ ހިދުމަތް ދެމުންނެވެ. މިކަން ހައްލުކުރުމަށްޓަކާއި، ގޮނޑިއާއި މޭޒު އެތަންތަނުން ނެގުމަށް ވިޔަފާރި ހިންފާ ފަރާތްތަކަށް ކުންފުނީގެ ފަރާތުން ވާނީ އަންގާފައެވެ.

މަގުތަކަކީ ކުދި ބޮޑު އެންމެން ބޭނުންކުރާ ތަނަކަށްވާއިރު، މިގޮތަށް ޕޭމަންޓުތަކުގައި ގޮނޑި މޭޒު ބަހައްޓައި، ކެފޭ އުސޫލުން ހިންގައި އެތަންތަނުގައި ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތައްކުރުމަކީ އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމައުއަށްވެސް ކުރާ ކަންކަމަށް އާބަންކޯއިން ބުނެ އެވެ.

ޓޭކްއަވޭ ވިޔަފާރިއާއި، ކެފޭ ޚިދުމަތްތަކަށް ވެސް ހުއްދަ ދީ ހިންގަމުން އަންނަނީ ހުޅުމާލެ އަކީ އެންމެން ވެސް ހިންހަމަޖެހޭ ބަދަހި މުޖުތަމައުއެއް އޮންނަ ތަނަކަށް ހެދުމުގެ މަގްސަދުގައެވެ. އަދި ކެފޭތަކާއި، މިފަދަ ޚިދުމަތްތައް ދިނުމަށް، އޯޕަން އޭރިއާތައް އާންމުންނަށް އަދިވެސް ބޭނުންވާކަން މި ކުންފުންޏަށް ފާހަގަވެފައިވާތީ، އެފަދަ ފުރުސަތުވެސް ފަހިކޮށްދިނުމަށް ކުންފުނިން އަންނަނީ މަސައްކަތްކުރަމުންނެވެ.

ހުޅުމާލޭގެ މާހައުލަކީ އެންމެނަށް ވެސް ފަސޭހަ އަދި ހިތްގައިމު މާހައުލަކަށް ހެދުމަށް މި ކުންފުނިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ވަކިން ހާއްސަކޮށް، ހުޅުމާލޭގެ މަގުތަކަށް ބަލައިފި ނަމަ މަގުތަކުގެ ބޭނުން އާންމުންނަށް އެންމެ އެކަށީގެންވާނެ ގޮތަށް ކުރެވޭނެ މަގުފަހިކުރުމަށް މި ކުންފުނިން އަބަދުވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އޭގެ ތެރޭގައި މަގުތައް ހިޔާވާނެ ހެން ގަސް އިންދުމާއި، އެކްސެސިބިލިޓީގެ ގޮތުން ބެލިނަމަވެސް، އާންމުންނަށް އެންމެ ލުއި ފަސޭހަ ގޮތަކަށް ބައްޓަން ކުރުމަށް ގިނަ ކަންތައްތަކެއް ކޮށްފައިވާނެއެވެ. އަދި ކުންފުނީގެ ފަރާތުން ކުރަމުން އަންނަ މި މަސައްކަތަށް އެންމެންގެ އެއްބާރުލުން ދިނުމަކީވެސް ކުންފުނީގެ ވަރަށް ބޮޑު އެދުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް