އއ. ރަސްދޫ ޕޮލިސް ސްޓޭޝަންގައި ބަންދުކޮށްފައި ހުއްޓަ ފިލި މީހާ ރަށެއްގެ ފަޅު ތެރޭގައި އޮއްވަ ފެނިއްޖެ އެވެ.
ފުލުހުން ބަންދު ކޮށްފައި ހުރީ އއ. ހިމަންދޫ ދަބުގެ އުމުރުން 25 އަހަރުގެ ހުސައިން ޝަހުބާން އެވެ. އޭނާ ފިލީ ރޭގެ ވަގުތެއްގައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިރޭ ވިދާޅުވީ ޝަހުބާން ފެނުނީ ރަސްދޫ ކައިރީގައި އޮންނަ ރަށެއްގެ ފަޅުތެރެއިން ކަމަށެވެ. ފެނުނު އިރު އޭނާގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
އެކަމަކު އޭނާ ފެނުނު ރަށެއް އަދި ފެނުނީ ކޮން އިރަކު ކަމެއް ހާމައެއް ނުކުރެ އެވެ.
ޝަހުބާން މިހާރު އަނެއްކާވެސް ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން އޭނާ ހޯދުމަށް ސޯޝަލް މީޑިއާގައި ޕޯސްޓު ހިއްސާކޮށް ފުލުހުންނަށް އެހީވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައި ވެއެވެ.
ޝަހުބާން ފިލީ ރަސްދޫ ޕޮލިސް ސްޓޭޝަންގެ ގޯތިތެރެއަށް ނެރެފައި ހުއްޓަ އެވެ. ޝަރީއަތް ނިމެންދެން އޭނާ ބަންދުކޮށްފައި ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް