މި މަހުގެ 15 އިން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތައް ބަލަހައްޓަން މާލެސިޓީ ކައުންސިލްގެ 80 މަގުފާރަވެރިން ހަރަކާތްތެރިވާން ފަށާނެ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެގޮތުން މިކަން ހާމަކޮށް މާލެސީޓީ ކައުންސިލްގެ މޭޔަރު މުޢިއްޒު ވިދާޅުވީ މަގުފާރަވެރިންނަކީ ކައުންސިލްގެ މިދައުރަށް އެކުލަވާލި ސްޓްރެޓެޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމެއް ކަމަށާއި، މި މަޝްރޫޢުގެ މަޤްޞަދަކީ މާލެސިޓީގެ މަގުތަކާ ގުޅޭ ހުރިހާ މައްސަލަތަކެއް ހައްލުކުރުން ކަމަށެވެ.
އަދި މާލެސިޓީ ކައުންސިލްގެ މުވައްޒަފުންތަކެއް ނުކުމެ އަބަދުވެސް މަގުމަތި ބަލަހައްޓާ ޓްފެރިކްގެ ކަންކަން ވިޔަސް ޕާކިން ވިޔަސް ކުނީގެ މައްސަލަ ވިޔަސް އަދި ނުގަވާއިދުން ޕޭވްމެންޓް މަތީގައި ބަހައްޓާފައި ހުންނަ ތަކެތީގެ މައްސަލަވިޔަސް ރައްކާތެރިނޫން ގޮތަކަށް އިމާރާތެއްގެ މަސައްކަތް ކުރުން ކަމަށްވިޔަސް މަގުމައްޗަށް ހުންނަ ހުރިހާ މައްސަލައެއް ބަލާނެ ޓީމެއް އުޅެންވާނެ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.
މިގޮތުން މަގުމަތި ބެލެހެއްޓުމުން މަގުމަތީގެ މައްސަލަތައް ހައްލުކުރުމަށް މުހިންމު ފިޔަވަޅެއް އެޅޭ ކަމަށް މުއިއްޒު ވިދާޅުވެފައި ވެއެވެ.
އެހެންކަމުން މި މަސައްކަތް ފަށައިގަތުމަށް ނިންމާ އެ ކައުންސިލްގެ 80 މުވައްޒަފުންގެ ޓީމެއް މި މަހުގެ 15 އިން ފެށިގެން މާލެއާއި ވިލިމާލޭގެ މަގުތަކުގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް މޭޔަރ މުޢިއްޒު ވިދާޅުވި އެވެ.
ސިޓީ ކައުންސިލްގެ މުވައްޒަފުން މަގުތަކުގައި ހަރަކާތްތެރިވާނީ އެކަމަށް ޚާއްސަ ޔުނީފޯމެއް އަޅައިގެން ކަމަށާއި މަގުފާރަވެރިން މަގުތަކުގައި ހަރަކާތްތެރިވާނީ ދެ ޝިފްޓަކަށް ބަހާލައިގެން ކަމަށާއި ރޭގަނޑު 12 އިން 8 އަށް ފިޔަވާ ހުރިހާ ވަގުތެއްގައި މަގުތަކުގައި ޑިއުޓީ ކުރާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ ގިނަފަހަރު މަގުމަތީގެ ކަންކަން ބަލާނެ މީހެއް ނެތުމުން، މައްސަލަތައް ދިމާވެގެން ރިޕޯޓު ކުރަން ޖެހެނީ އާންމު ފަރާތްތަކުން ކަމަށާއި ސީދާ ކައުންސިލްގެ މުވައްޒަފުން ނުކުމެ މަގުތައް މޮނިޓާ ކުރާނަމަ މައްސަލަތައް މަދުކުރުމަށް އެހީއަކަށް ވެގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް