ހުޅުމާލޭގައި ތަރައްޤީ ކުރަމުން އަންނަ ކޭ-ޕާކް ރެސިޑެންސްގެ ލޯކަލް އެޖެންޓުގެ ގޮތުގައި މަސައްކަތްކުރި ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ކަސްޓަމަރުންނަށް އޮޅުވާލައި، ފްލެޓް ވިއްކުމުގައި ސައްހަ ނޫން މުޢާމަލާތުތަކެއް ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހް (މަންޑޭ) ގެ ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ހަންބޯގެ ރާއްޖޭ ކުންފުނީގެ މައި ހިއްސާދާރަކީ ޝިއުން ޖިން އެވެ. އެ ކުންފުނީގެ 95 ޕަސެންޓު ހިއްސާ ވަނީ ޝިއުން ޖިންގެ އެވެ. އަދި މަންޑޭ ހިއްސާވަނީ ފަސް ޕަސެންޓެވެ.
އެގޮތުން މަންޑޭގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނީ ހަންބޯ ކުންފުނީގެ އަނެއް ހިއްސާދާރު ކަމަށްވާ ޝިއުން ޖިންއާ މައްސަލަޖެހި އޭނާގެ ފަރާތުން ބޮޑެތި ތުހުމަތުތަކެއް ކޮށް މައްސަލަ ފުލުހުން ހުށަހަޅާފައި ވަނިކޮށެވެ.
މީގެ އިތުރުން އާބަންކޯ އިން ވެސް ވަނީ ތުހުމަތުތައް ތަހުގީގުކޮށްދޭން އެދި ޕޮލިހަށް ހުށަހަޅާފައެވެ. އެނގިފައިވާ ގޮތުގައި ތަހުގީގު ކުރިއަށްދާތީ ފުލުހުންގެ އެދުމަށް ކޯޓުން އަމުރު ނެރެ މަންޑޭގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް