އުރީދޫ ފަން ރަން 3000 އަށްވުރެ ގިނަ ބައިވެރިންނާއެކު ކުޅުދުއްފުށި ސިޓީގައި ބާއްވައިފިއެވެ.
މިކަން ހާމަކޮށް އުރީދޫ މޯލްޑިވްސް އިން ބުނީ ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އަދި އެންމެ އުފާވެރި ދުވުން، އުރީދޫ ފަން ރަން އިއްޔެ ކުޅުދުއްފުށީ ސިޓީގައި ބާއްވާފައިވާ ކަމަށެވެ.
އެގޮތުން އުރީދޫ މޯލްޑިވްސް އިން ބުނީ 3000 އަށް ވުރެ ގިނަ ބައިވެރިންނާއެކު އިއްޔެ ކުޅުދުއްފުށީގައި ބޭއްވި ދުވުމަކީ މިހާތަނަށް އަތޮޅުތެރޭގައި ބޭއްވުނު އެންމެ ބޮޑު ދުވުން ކަމަށެވެ.
އުރީދޫ ފަން ރަން އަކީ ހަމައެކަނި ދުވުމުގެ އިތުރުން އުފާވެރި އަދި މަޖާ ހަރަކާތްތަކެއް ހިމެނޭ ދުވުމެއް ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ. މިއީ ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމުގެ ވައްޓަފާޅިއެއް އާލާ ކުރުމުގެ ގޮތުން ކުރިއަށް ގެންދާ ހަރަކާތެކެވެ.
ދުވުންތެރިން ދުވެ ނިންމާ ކޮންމެ ކިލޯމީޓަރަކީ ކުލަތަކާއި، އިންފްލެޓްބަލް އޮބްސްޓެކްލްސް، ފޯމް ޕާޓީއެއް ފަދަ މަޖާ ހަރަކާތްތަކާއެކު ކުރިއަށް ގެންދިޔަ ވަގުތުތަކެވެ. އަދި މި ދުވުމަކީ ކަސްރަތުގެ އިތުރުން އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތު ކޮޅެއް ހޭދަކޮށްލުމުގެ ފުރުސަތު ފަހިވެގެން ދިޔަ ދުވުމެއް ކަމަށް އުރީދޫ އިން ބުނެފައި ވެއެވެ.
އެހެންކަމުން މި ދުވުމުގައި ހުރިހާ އުމުރު ފުރައެއްގެ ފަރާތްތަކަށް އަދި ދުވުމުގެ ތަޖުރިބާއެއް ނެތް ފަރާތްތަކަށް ވެސް ބައިވެރިވެވޭނެ ފަދަ ދުވުމެއް ކަމުގައި އުރީދޫ އިން ބުނެފައި ވެއެވެ.
އުރީދޫ ފަން ރަން ފަށާފައިވަނީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ އާއި ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ، ކުޅުދުއްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފް، ކުޅުދުއްފުށީ ސިޓީގެ ޑެޕިއުޓީ މޭޔަރު އަލީ އަހުމަދް، ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރް، ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުالله ނަދީމް، މަކުނުދޫ ކައުންސިލްގެ ރައީސް އައުޒަމް އާދަމް، ހިރިމަރަދޫ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު، ނެއްލައިދޫ ކައުންސިލްގެ ރައީސް މުހައްމަދު އަލީފް، އުރީދޫ މޯލްޑިވްސްގެ މެނޭޖްމަންޓް ޓީމް ހިމެނޭހެން ދުވުންތެރިންނާއެކު ނެގި ކުލަ ގަދަ ސެލްފީއަކުންކަމަށް އުރީދޫން ބުނެފައި ވެއެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވީ ކުޅުދުއްފުށީގައި ފަންރަން ބާއްވައި، އެ ހަރަކާތުގައި ބައިވެރިވުމުގެ ފުރުސަތު އެ އަތޮޅުގެ މީހުންނަށް ލިބިގެންދިޔުމަކީ ލިބިވަޑައިގެންނެވި އުފަލެއް ކަމަށެވެ. ފަން ރަން ހަނދާނުން ނައްތައިނުލެވޭނެ ދުވުމަކަށް ހަދައިދިނުމަށް ކުޅުދުއްފުށި ކައުންސިލުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް