ޗާގޮސް މައްސަލައިގަ ޕީޕީއެމްއިން އުމަރައި ބައްދަލު ކޮށްފި

ޗާގޮސް ރާއްޖޭގެ ބައެއްގެ ގޮތުގައި ހިމަނަން ވަކާލާތު ނުކޮށް އެ ތަން ދޫކޮށްލި މައްސަލައިގަ ދެކޮޅު ހަދަމުންދާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ބައްދަލު ކޮށްފި...

06 May 2023 | 03:51

ޗާގޮސް ރާއްޖޭގެ ބައެއްގެ ގޮތުގައި ހިމަނަން ވަކާލާތު ނުކޮށް އެ ތަން ދޫކޮށްލި މައްސަލައިގަ ދެކޮޅު ހަދަމުންދާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ބައްދަލު ކޮށްފި އެވެ.

އުމަރު ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައި އެވެ. އެކަމަކު އެއްވެސް ސިޔާސީ ލީޑަރެއްގެ ފަހަތަށް އޭނާ ނާރުއްވާނެ ކަމަށް ވިދާޅުވެފައި އެވެ.

ޗާގޮސް ދޫކޮށްލި މައްސަލައިގަ އޭނާވެސް ހުންނެވީ ސަރުކާރާއި ދެކޮޅަށެވެ. އުމަރު ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އިސް ބޭފުޅުން ކޮޅެއް އޭނާ އާއި ބައްދަލު ކުރެއްވީ ޗާގޮސް މައްސަލައިގަ ހިޔާލު ބަދަލު ކޮށްލެއްވުމަށް ކަމަށެވެ.

އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްގެ ނައިބުު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް އާއި މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ.

މި ބައްދަލުވުން އޮތީ އުމަރުގެ އޮފީހުގައި އެވެ. ބައްދަލުވުމާއި ގުޅޭ އިތުރު މައުލޫމާތު ދެ ފަރާތުންވެސް ހާމައެއް ނުކުރެ އެވެ.

ޗާގޮސް ދޫކޮށްލި މައްސަލައިގަ އެމްޑީޕީއާ އެކު މިއަހަރުގެ ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދާފައިވާ ޕާޓީތައް ފިޔަވައި ހުރިހާ ޕާޓީތަކެއް ދެކޮޅެވެ. ދެކޮޅު ޕާޓީތަކުގެ ތެރޭގައި ޖޭޕީ، ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން، ޕީޕީއެމް/ ޕީއެންސީ ކޯލިޝަން، އެމްއާރުއެމް ކުރީގެ އެޓާނީ ޖެނެރަލް ޑރ. މުހައްމަދު މުނައްވަރު، އުމަރު ހިމެނެ އެވެ.

މި މައްސަލައިގަ އިދިކޮޅު ފަރާތްތަކުން މިދިޔަ ހަފްތާގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު ކުރިޔަށް އެ ޕާޓީތަކުން ރާވާފައިވާ ގޮތެއް އަދި ހާމައެއް ނުކުރެ އެވެ. އެކަމަކު އޭގެ ފަހުންވެސް ސިޔާސީ އިސް ފަރާތްތަކުން ދަނީ ގިނަ ބައްދަލުވުންތަކެއް ވަކިވަކިން ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް