ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ބުނެ ފަތުރަނީ ދޮގު ހަބަރު: ހެރިޓޭޖް

ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަަމަށްބުނެ ފަތުރަނީ ދޮގު ހަބަރުތަކެއް ކަމުގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ. އެ މަރުކަޒުން މިހެން ބ...

06 May 2022 | 18:33

ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަަމަށްބުނެ ފަތުރަނީ ދޮގު ހަބަރުތަކެއް ކަމުގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

އެ މަރުކަޒުން މިހެން ބުނެފައިވަނީ އެކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ މިފަދަ ދޮގު ހަބަރުތަކަކީ ދިވެހީންގެ ދީނީ އެއްބައިވަންތަކަމާއި، މުޖްތަމައުގެ ހަމަޖެހުން ގެއްލި ދިވެހިންގެ ތެރޭގައި ފިތުނަފަސާދަ އުފެދި ބައިބައިވުަށް މަގުފަހިވާނޭ އަމަލުތަކެއް ކަމަށާއި ދިވެހިންގެ ދީނީ ލޯތްބާއި ދީނަށްޓަކައި އޮންނަ ގުރުބާނީގެ ރޫހު ނަހަމަގޮތުގައި ބޭނުންކޮށް ސިޔާސީ ބޭނުމަށް ހިންގާ މިބާވަތުގެ އަމަލުތައް ކުށްވެރިކޮށް އެފަދަ އަމަލުތައް ހުއްޓައިލުމަށް ގޮވައިލާކަަމަށެވެ.

ސަގާފަތާއި ތަރިކައިގެ ދާއިރާއިން އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރަމުންދާ މަސައްކަތްތަކާ ބެހޭ ތަފްސީލުވެސް އެ ނޫސްބަޔާނުގައި ހިމަނާފައިވެއެވެ.

އެގޮތުން އިންޑިއާ ސަރުކާރުގެ މާލީ އެހީގައި މި ދާއިރާއިން މިހާރު ކުރަމުންދާ މަސައްކަތްތަކަކީ މާލޭ ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި، ތ. ދިޔަމިގިލީ ގަނޑުވަރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތާއި ނ. ލަންދޫ މާބަދިގެ (ހަތްކަ) ނުވަތަ މާބުދުގެ ސަރަހައްދުގައި ދާރުލްއާސާރަކާއެކު ހެރިޓޭޖް ޕާކެއް ތަރައްގީ ކުރުމުގެ މަސައްކަތް ކަމަށް ބުނެފައިވެއެވެ.

"މާލޭ ހުކުރު މިސްކިތަކީ ދިވެހީންގެ ތާރީހާއި ފަންނުވެރިކަމާއި މަސައްކަތްތެރިކަމާއި އިސްލާމް ދީން ދެކެ ދިވެހިން ވާ ލޯބި ދައްކައިދޭ ދިވެހިވަންތަކަމުގެ ރަމްޒެކެވެ. އެހެންކަމުން މިކަންކަން ރައްކާތެރިކޮށް ހިމާޔަތްކޮށް ދެމެހެއްޓުމަށްޓަކައި ޒަމާނުއްސުރެ ގިނަގުނަ މަސައކްަތްތަކެއް ދަނީ ކުރެވެމުންނެވެ. މިގޮތުން 1987 އިން 1988 އަސް އިންޑިއާގެ އެހީގައި މާލޭ ހުކުރު މިސްކިތް އާބާތުރަ ފިލުވުމުގެ ބޮޑު މަސްރޫއެއް ހިންގާފައިވެއެވެ. އަދި އިންޑިއާގެ ހިލޭ އެހީގައި މާލޭ ހުކުރު މިސްކިތް އާބާތުރަ ފިލުވައި ގިނަދުވަހަށް ރައްކާތެރިކުރުމަށް 23 މިލިޔަން ރުފިޔާގެ މަޝްރޫއެއް މިހާރު ދަނީ ހިންގަމުންނެވެ." އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެ ނޫސްބަޔާނުގައި ބުނެފައިވަނީ އިންޑިއާގެ އެހީގައި 2001 ވަނަ އަހަރު އދ. ފެންފުށީ އާސާރީ މިސްކިތުގެ އަދި 2004 ވަނަ އަހަރު މާލޭ ދަރުމަވަންތަ މިސްކިތުގެ އާބާތުރަ ފިލުވައި ގިނަދުވަހަށް ރައްކާތެރިކުރުމުގެ މަސައްކަތް ވަނީ ކުރެވިފައި ކަމަށާއި މީގެ އިތުރުން މިހާރު މި ދާއިރާއިން ކުރިއަށްދާ މުހިއްމު މަޝްރޫއުތަކުގެ ތެރޭގައި ޖަޕާނުގެ ކިޔޯޓޯ ޔުނިވާސިޓީއާ ގުޅިގެން އާކޭޑިއާ ފަންޑުގެ މާލީ އެހީގައި ރާއްޖޭގެ މާއްދީ ސަގާފީ ތަރިކަ ޒަމާނީ ފެންވަރަށް ކިތާބުކޮށް 3ޑީ ސްކޭންކޮށް، އާސާރީ ސަރަހައްދުތައް ޖިއޯޓެގް ކުރުމުގެ މަސައްކަތާއި، ދިވެހިރާއްޖޭގެ ހިރިގަލު މިސްކިތްތައް ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ހިމެނުމަށް ވޯލްޑް މޮނިއުމަންޓް ފަންޑުގެ އެހީގައި ކުރެވޭ މަސައްކަތް ހިމެނޭކަމަށެވެ.

"ނ. ލަންދޫ މާބަދިގެ ސަރަހައްދުގެ ފޮޓޯ ބޭނުންކޮށްގެން އެ ސަރަހައްދުގައި ހުރިކަމަށް ބެލެވޭ ބުދު ދީނުގެ އާސާރުތައް އިންޑިއާއިން މަރާމާތުކުރަން އުޅޭކަމަށް ދޭހަވާ ގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވީނަމަވެސް، އެ ސަރަހއްދުގައި ހިންގަން ރާވާފައިވާ މަޝްރޫއުގައި ހިމެނެނީ ދާރުލްއާސާރެއް ބިނާކުރުމާއި، ހެރިޓޭޖް ޕާކެއް ތަަރައްގީ ކުރުމުގެ މަސައްކަތެވެ. މި މަޝްރޫއަކީ ދިވެހި ސަރުކާރުން އިސްނަގައިގެން ހުށަހެޅި ޕްރޮޕޯޒަލަކަށް ބިނާކޮށް އިންޑިއާ ސަރުކާރުން ލިބިފައިވާ ހަތަރު މިލިޔަން ރުފިޔާގެ ހިލޭ އެހީގައި ކުރިއަށްގެންދާ މަޝްރޫއެކެވެ. " އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

ހެރިޓޭޖްގެ އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ރާއްޖޭގައި ހުރި ބުދު ދީނުގެ އާސާރުތައް މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރަމުންނުދާކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހިންނަށް އަރުވާކަމަށާއި އެ މަރުކަޒުން ހިންގާ އެކި އެކި މަޝްރޫއުތައް އަބަދުވެސް ކުރިއަށްގެންދަނީ ގާނޫނު ނަންބަރު 94/6 (ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު) އާއި އޭގެ ރޫހާ އެއްގޮތަށް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް