ރަށްވެހި ޗެލެންޖްގެ ޗެމްޕިއަންކަން އެސްޖީސީ ހޯދައިފި

ފިޠުރު ޢީދުގެ މުނާސަބަތުގައި ފ.ނިލަންދޫގައި ކުރިއަށް ގެންދިޔަ ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްޖީސީ ހޯދައިފިއެވެ. އެސްޖީސީ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މިއަދު ހަވީރު 4 ލަނޑ...

06 May 2022 | 17:07

ފިޠުރު ޢީދުގެ މުނާސަބަތުގައި ފ.ނިލަންދޫގައި ކުރިއަށް ގެންދިޔަ ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން އެސްޖީސީ ހޯދައިފިއެވެ.

އެސްޖީސީ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި މިއަދު ހަވީރު 4 ލަނޑު 2 ލަނޑުން ސްޕޯރޓްސް ކްލަބް ފަހުލަވާނުގެ މައްޗަށް ކުރިހޯދައިގެންނެވެ.

ނިލަންދޫ ރަށްވެހި ގްރޫޕުން އިސްނަގައިގެން ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ގުޅިގެން ކުރިއަށް ގެންދިޔަ ބީއެމްއެލް ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ ފައިނަްލ މެޗް ޝަރަފްވެރިކޮށްދެއްވީ ބޭންކް އޮފް މޯލްޑިވްސްގެ ކްލަސްޓަރ މެނޭޖަރ އަޙުމަދު ރައުޝާންއެވެ.

ނިލަންދޫގެ ކުދިބޮޑު ގިނަބައެއްގެ ކުރިމަތީގައި ކުޅެވުނު ފައިނަލް މެޗް ފަށައިގެން 5 ވަނަ މިނެޓްގައި އެސްޖީސީން ވަނީ ލަނޑެއްޖަހާ ކުރިހޯދާފައެވެ. މިލަނޑު އަޙުމަދު ރިޒުވާނުގެ އެހީތެރިކަމާއެކު ކާމިޔާބުކޮށްދިނީ ޢަބްދުލް ބާޞިޠުއެވެ. މިލަނޑަށްފަހު 2 ޓީމަށްވެސް ގޯލްޖަހާނެ ރަނގަޅު ފުރުޞަތުތަކެއް މިހާފުގައި ލިބިގެން ދިޔަ ނަމަވެސް ހާފު ނިމިގެން ދިޔައީ މިނަތީޖާއިން އެސްޖީސީ ކުރީގައި އޮވެގެންނެވެ.

އެހެން ނަމަވެސް 2 ވަނަ ހާފުގެ ކުޅުން ފެށުމާއެކު ފަހުލަވާނުގެ ޓީމު ކުރިއަށް ޖެހި ކުރި މަސައްކަތުގެ ނަތީޖާއިންމެޗްގެ 26 އަދި 33 ވަނަ މިނެޓްގައި ސައްދާމު ޙުސައިން ޖެހި 2 ގޯލާއެކު ފަހުލަވާނު ކޮޅަށް ނަތީޖާ އަނބުރާލި ނަމަވެސް ޖެހިގެން އައި މިނެޓްގައި އަބްދުލް މުޢީން ކާމިޔާބުކޮށްދިން ލަނޑާއެކު ނަތީޖާ ހަމަހަމަވެގެން ދިޔައެވެ. މެޗްގެ މިހިސާބަށް ދިޔައިރު ފަހުލަވާނު ޓީމުގެ ފަރާތުން ވަރަށްބޮޑަށް ވަރުބަލިކަން ފާހަގަވެގެން ދިޔައެވެ. މިކަމުގެ ފައިދާ ނަގައި އެސްޖީސީން ވަނީ ފަހުވަގުތު 2 ގޯލް ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. މި 2 ގޯލް ކާމިޔާބުކޮށްދިނީ އިސްމާޢީލް މުރުޝިދުއާއި ޢަބްދުލް ބާސިޠުއެވެ.

ފައިނަލް މެޗް ނިމުމުން މުބާރާތުގެ ވަނަވަނަ ހޯދި ޓީމުތަކަށާއި ކުޅުންތެރިންނަށް ޢިނާމު ދިނުމުގެ ރަސްމިއްޔާތުވަނީ ބާއްވާފައެވެ. މިރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިވަޤުތު ނިލަންދޫއަށް ވަޑައިގެން ހުންނެވި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ އެމްބަސެޑަރ ހިޒްއެކެސެލެންސީ އެޑްމިރަލް މުޚުތާރުއެވެ.

ފައިނަލް މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޖީސީގެ އަޙުމަދު ރިޒުވާންއެވެ. މުބާރާތުގެ މޮޅު 5 ކުޅުންތެރިންނަށް ހޮވުނީ އެސްޖީސީގެ ޙަސަން ވަޙީދުއާއި، ކޭއެފްސީގެ މޫސާ ޖަމާލުއާއި، ފަހުލަވާނުގެ އަޙުމަދު ނަބީލުއާއި، ވައިޕާރސްގެ ޢަބްދުލް ޖަލީލު ޢަބްދުއް ރައްޒާޤުގެ އިތުރުން އެސްޖީސީގެ އަޙުމަދު ރިޒުވާންއެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިއަކަށް ހޮވުނީ ފަހުލަވާނުގެ ޢާދިލް ޢަލީއެވެ. 21 އަހަރުން ދަށުގެ އެންމެ އުއްމިދީ ކުޅުންތެރިއަކަށް ހޮވުނީ ކޭއެފްސީގެ ޔާނިއު ޢަބްދުއްޞަމަދުއެވެ. ޓީމަށް އެންމެ ފައިދާ ހޯދައިދިން ކޯޗަކަށް ހޮވުނީ އެސްޖީސީގެ ކޯޗް އަޙުމަދު އިސްމާޢީލްއެވެ. ހުރިހާ ގޮތަކުން އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޖީސީގެ އަޙުމަދު ރިޒުވާން އެވެ. ފެއަރޕްލޭ ޓީމަކަށް ހޮވުނީ އަހަރެމެން އެފްސީއެވެ.

މުބާރާތުގެ ރަނަރަޕް ޓީމަކަށް ހޮވުނު ފަހުލަވާނަށް މެޑަލް އާއި ހަނދާނީ ލިއުން އަދި ފައިސާގެ ޢިނާމު ޙަވާލުކޮށްދެއްވީ ޕާކިސްތާނުގެ ޑެޕިއުޓީ ހައިކޮމިޝަނަރ ޒުލްޤަރުނައިންއެވެ. ޗެމްޕިއަން އެސްޖީސީއަށް ރަށްވެހި ގްރޫޕުން ހުށަހަޅާފައިވާ ފައިސާގެ ޢިނާމާއި ހަނދާނީ ލިއުމާއި މެޑަލް އަދި ޓްރޮފީ ޙަވާލުކޮށްދެއްވީ ޕާކިސްތާން އެމްބެސެޑަރ ހިޒްއެކްސެލެންސީ އެޑްމިރަލް މުޚުތާރުއެވެ.

މުބާރާތް ނިމުމާއެކު ރަށްވެހި ގްރޫޕުންވަނީ އަޟުޙާ ޢީދުގައި ރަށްވެހި ގްރޫޕްގެ ފަރާތުން ފ.އަތޮޅަށް ހުޅުވާލައިގެން އަދި ދ.އަތޮޅުގެ ބައެއް ރަށްތަކަށް ދަޢުވަތުދީގެން ބޭއްވުމަށް ޤަޞްތުކުރާ ރަށްވެހި ޗެލެންޖް އަޟުޙާކަޕް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަން އިޢުލާނުކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް