މާލޭ ސިޓީ ކައުންސިލްގެ ވިލިމާލެ ދާއިރާގެ މެންބަރު ނަހުލާ އަލީ އަންނަނީ ފިތުނަ އުފައްދަމުން ކަމަށާއި ނަހުލާއާއި އޭނާގެ މަންމަ އާމިނަތު ލީލާގެ ސުލޫކީ މައްސަލަ ބަލަމުން އަންނަކަމުގައި ޕީޕީއެމްއިން ބުނެފިއެވެ.
ޕީޕީއެމްއިން މިހެން ބުނެފައިވަނީ ރޭގައި ނަހުލާ، އޭނާގެ ފޭސްބުކް އެކައުންޓްގައި ލިޔެފައިވާ ލިޔުމަަކަށް ރައްދުދީ އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެނޫސްބަޔާނުގައި ބުނެފައިވަނީ ނަހުލާ އަލީ ރޭގެ ވަގުތެއްގައި އޭނާގެ ފޭސްބުކް އެކައުންޓްގައި އެ ޕާޓީއާއި އެ ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް ދައްކާފައިވަނީ ހަގީގަތާ ހިލާފު ދޮގު ވާހަކަތެއްކަމަށެވެ.
ޕީޕީއެމްއިން ބުނެފައިވަނީ ޕާޓީގެ އާންމު މެންބަރުން ގާތު އާއި، ސޯޝަލް މީޑިއާގައި އެ ޕާޓީގެ ލީޑަޝިޕް ބަދުނާމުކޮށް ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަން ފަށާފައިވަނީ، ވިލިމާލެ ދާއިރާ، މާލޭ ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި އިލެކްޝަންގައި މި ޕާޓީގެ ޓިކެޓްގައި ވާދަކުރާ މި ޕާޓީގެ ކެނޑިޑޭޓަށް އެންޓި ކެމްޕެއިންކޮށް، އިދިކޮޅުން ވާދަކުރަމުން ގެންދާ ކެނޑިޑޭޓަށް ވޯޓު ހޯދުމުގެ މަސައްކަތްތަކެއް ކުރާކަމުގެ މައުލޫމާތު ހެއްކާއެކު ލިބި، އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި، ޕާޓީގެ ސުލޫކީ ކޮމިޓީން ބަލަން ފެށުމުން ކަމަށެވެ.
"މި ޕާޓީގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދާ، ފިތުނަ އުފެދޭ ވާހަކަތައް ދައްކަމުން ގެންދާކަންވެސް ފާހަގަކުރަމެވެ. އަދި މިކަންކަން ކުރުމުގައި ނަހުލާ އަލީއާއެކު އޭނާއަށް ވާގިވެރިވުމުގައި އޭނާގެ މަންމަ އާމިނަތު ލީލާ، އާއި ސުލޫކީ ކޮމިޓީއަށް މައްސަލައެއް ހުށަހެޅި އެ މައްސަލަ ބަލަން ފެށުމާއެކު، ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު ޕާޓީން ވަކިވެފައިވާ އޭނާގެ ކޮއްކޮ މަރްޔަމް ނަފްހާ އަލީވެސް ހިމެނޭވާހަކަ ދެންނެވީމެވެ." ޕީޕީއެމްގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ ނޫސްބަޔާނުގައި އިތުރަށް ބުނެފައިވަނީ ނަހުލާ އަލީގެ އިތުރުން އާމިނަތު ލީލާގެވެސް ސުލޫކީ މައްސަލައެއް ޕާޓީން ގެންދަނީ ބަލަމުން ކަމަށާއި ނަހުލާ އަލީ އަދި އާމިނަތު ލީލާ އާއި ގުޅިގެން ސުލޫކީ ކޮމިޓީން މައްސަލަ ކުރިއަށް ގެންދިއުމުގައި އެދެބޭފުޅުން އެއްބާރުލުން ނުލިބޭކަންވެސް މި ފުރުސަތުގައި ފާހަގަކުރާކަަމަށެވެ.
https://twitter.com/dhuvasmv/status/1522331571956682753
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް