ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް ފަންޑުކުރި ބަޔަކު ނުހޯދުމަކީ ނުހަނު ކަންބޮޑުވާކަމެއް ކަމުގައި އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީން މިހެން ބުނެފައިވަނީ އެ ހަމަލާއަށް މިއަދު އަހަރެއް ފުރިފައިވާއިރު އެކަމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ބުނފައިވަނީ ރައީސް ނަޝީދަށް ދިން ހަމަލާއަކީ ދުރާލާ ރާވައިގެން ބަޔަކަ ހިންގި އަމަލެއް ކަމަށް އެ ޕާޓީއިން ޤަބޫލުކުރާ ހިނދު މި އަމަލުގެ ފަހަތުގައި ތިބެގެން ޚަރަދުކުރި ބަޔަކު މިއަދާހަމައަށްވެސް ހޯދިފައި ނުވާކަމީ އެޕާޓީން ނުހަނު ކަނބޮޑުވާކަމެއް ކަމަށާއި އަދި އެހަމަލާ ދިނުމަށް ބަޔަކު ހަރަދުކޮށްފައިވާނަމަ ހަރަދުކުރި މީހުންނާއި، އެހަމަލާގެ ކުރިންނާއި ފަހުން އެކަމަށް ވާގިވެރިވެ ހިތްވަރު ދިން މީހުންނާ ހަމައަށް ތަހުޤީޤު ފުޅާކޮށް، އަވަސް ނަތީޖާއެއް ނެރެވޭނޭ ގޮތަށް އިންތިޒާމުތައް ރޭވުމަށް އެ ޕާޓީން އިލްތިމާސްކުރާކަމަށެވެ.
އެމްޑީޕީން ބުނެފައިވަނީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނީ އެމަނިކުފާނަކީ އިސްލާމްދީނުގެ ޢަދުއްވެއްކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުންކަން މިހާތަނަށް ހިންގި ތަޙުޤީގުން އެނގޭކަމަށާއި މިއީ ރާއްޖޭގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ދަލާލަތުކޮށްދޭ ކަމަކަށްވާއިރު، އެހަރުކަށި ވިސްނުން ނައްތާލުމަށްޓަކައިވެސް ދައުލަތުގެ އެންމެހާ އިދާރާތަކުން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެ ޕާޓީން ދެކޭކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނުއިރު، އެމައްސަލައާއި ގުޅިގެން ކުރަމުން ގެންދާ ތަހުޤީޤު އަވަހަށް ފުރިހަމަކުރުމަށާއި، މިހާތަނަށް ދައުވާ އުފުލިފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލަމެވެ. އަދި، މި ހަމަލާއަކީ އިންޒާރުގެ ރަނގަބީލެއްކަމުގައި ދެކި، އެފަދަ ކަމެއް ތަކުރާރު ނުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ގޮވާލަމެވެ." އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީން ބުނެފައިވަނީ ރައީސް މުހައްމަދު ނަޝީދަށް ދެވުނު ހަމަލާއަކީ ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު އަވަހާރަކޮށްލުމަށް އެފަދަ ގޮތަކަށް ދިން ފުރަތަމަ ހަމަލާކަމަށްވާއިރު މިއީ ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދުނު ހަމަލާއަކަށްވާއިރު، އެހަމަލާގެ ފުރިހަމަ ތަހުޤީޤަކުން މެނުވީ، އެފަދަ އިތުރު ހަމަލާތައް ނުހުއްޓުވޭނޭކަމަށްވެސް އެ ޕާޓީން ދެކޭކަމަށާއި ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ފަދަ ހަމަލާއެއް މިގައުމުގައި ތަކުރާރުވުމަކީ އެޕާޓީއާއި، އަދި ދިވެހި ރައްޔިތުންގެ ތެރެއިން ގައުމީ ލޯބި ހުރި އެއްވެސް ރައްޔިތަކު އެދޭނޭ ކަމެއް ނޫންކަމަށެވެ.
މެއި 6، 2021 ގެ ހަމަލާއަށްފަހު ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެ ޕާޓީން މަރުހަބާކިޔާކަމަށްވެސް އެ ނޫސްބަޔާނުގައި ބުނެފައިވެއެވެ. އެފިޔަވަޅުތަކާމެދު އިދިކޮޅުފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ ކަމުގެ ނުރައްކާތެރިކަމާއި، ބިރުވެރިކަން އެނގިތިބެ، ހަމައެކަނި ސިޔާސީ މަޤުސަދެއްގައި ރައީސް ނަޝީދުގެ ނަންފުޅު ކިލަނބުކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށްެވެސް އެމްޑީޕީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް