ވަޒީފާއަށް ބޭނުންވާ ހުނަރު ތިބާގެ ހުރެދާނެއެވެ. މަތީދަރަޖައަކަށް ތަމްރީންވެސް ލިބިފައި ހުރެދާނެއެވެ.
ނަމަވެސް މިވަރުން އަދި ނުފުދިދާނެއެވެ. ބައެއް މީހުން އެމީހުންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާމެދު ޝައްކުކުރެއެވެ. މަސައްކަތު މާޙައުލުގައި އަމިއްލަ ނަފްސާމެދު ފަނާކުރަނިވި ނަޒަރުން ދެކެއެވެ.
މިކަމުގެ ޙައްލަކީ ކޮބައިހެއްޔެވެ؟ މިފަދަ ނޭދެވޭ ޝުޢޫރުތަކުގެ މައްޗަށް ގަދަވެގަންނާނީ ކިހިނެއްހެއްޔެވެ؟ ތިރީގައި މިލިޔެލާ ބަސްކޮޅުން ހިތްވަރެއް ލިބިދާނެއެވެ.
އެމީހަކު ކުރާ މަސައްކަތެއްގެ ފަންނާއި ހުނަރު މަތީދަރަޖައަކަށް ލިބިފައި، އެހެން މީހުންނާ މުޢާމަލާތްކުރުމުގެ ވަށްޓަފާޅި ހުންނަ މީހުންނަށް މަސައްކަތު ދުވަހަކީ ވަރަށް ހިތްހަމަޖެހޭ ދުވަހަކަށް ވެދާނެއެވެ.
އެހެން ގޮތަކަށް ބުނާނަމަ މިއީ ކާމިޔާބުވުމަށް މަގުދައްކައިދޭ ޙާލަތްތަކެވެ. މިހެން މިކަން އޮތުމާއެކުވެސް، ވަރަށް ގިނަ މީހުން މަސައްކަތުގައި އުޅޭއިރު އަމިއްލަ ނަފްސުގެ ޤާބިލްކަމާމެދު ޝައްކުކުރެއެވެ. އަމިއްލަ ނަފްސާމެދު ފަނާކުރަނިވި ނަޒަރުން ފާޑުކިޔައެވެ. އަމިއްލަ އަށް ބުނާނެއެވެ. ފުދޭވަރަށް އަހަރެންނަށް ކަންތައްތަކެއް ނޭނގެއެވެ. އަހަރެންނަށް މިކަން ކުރެވޭނެ ހެއްޔެވެ؟
އަމިއްލަ ނަފްސަށް ނޭދެވޭ ނަޒަރުން ބަލަނީ ގިނައިން އަންހެނުންނެވެ. މިދާއިރާގެ ތަޖްރިބާކާރުން ބުނާގޮތުގައި ވަޒީފާތަކުގައި އުޅޭއިރު އަމިއްލަ ނަފްސާމެދު އޮންނަންޖެހޭ އިތުބާރު ގިނަފަހަރަށް ނޯންނަނީ އަންހެނުންގެއެވެ. ޖަރުމަނުގައި ހުންނަ އިންޓަރނޭޝަނަލް ޔުނިވަރސިޓީ އޮފް އެޕްލައިޑް ސައިންސް ގެ ރިސާޗް ޓީމަކުން 2017 ވަނަ އަހަރުގެ ތެރޭގައި ހެދި ދިރާސާއަކުން ދައްކާގޮތުގައި މަސައްކަތު މާޙަލުގައި އުޅޭ އަންހެނުން އެމީހުން އަމިއްލަ ނަފްސަށް ކުރާ އިތުބާރު، އެބައިމީހުންނާއެކު މަސައްކަތްކުރާ ފިރިހެނުންނަށްވުރެ ދަށެވެ.
ފިރިހެނުންގެ ތެރޭގައި ވެސް އަމިއްލަ ނަފްސަށް އިތުބާރު ކުޑަ މީހުން އުޅެއެވެ. ނަމަވެސް މި ނިސްބަތް އަންހެނުންނާ އެއްވަރެއް ނޫނެވެ.
ވަޒީފާގައި އުޅޭއިރު އަމިއްލަ ނަފްސަށް އިތުބާރު ނޯންނަ ގިނަ ސަބަބުތައް ހުރެދާނެއެވެ. އޭގެ ތެރޭގައި އަމިއްލަ ނަފްސަށް ޖެހިލުންވާ މީހަކަށް، ނުވެސް ދެނެހުއްޓާ އެކަމެއްގެ އެކަށީގެންވާ ތަޖްރިބާ ނެތްކަމެއް ކުއްލިއަކަށް ކުރަންޖެހުން ހިމެނެއެވެ.
މި ފަންނުގެ ތަޖްރިބާކާރުން ވިދާޅުވަނީ މިފަދަ ޙާލަތްތަކުގައި ކޮންމެވެސްވަރެއްގެ ޖެހިލުމެއް އޮތުމަކީ ޠަބީޢީކަމެކެވެ. އެހެން ނަމަވެސް ވަރަށް ގިނަ ޙާލަތްތަކުގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވަނީ އަމިއްލަ ނަފްސަށް އޮންނަންވާ އިޙްތިރާމްވެސް ކުޑަވީމައެވެ.
އެންމެ ފުރިހަމައަށް ކަންތައް ކުރަން ބޭނުންވާ މީހުން އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ކުޑަވާނެއެވެ.
ތިބާއަކީ އެހެން މީހުން ތިބާއާ މެދު ބުނާ ހެޔޮބަސްތައް ނުވަތަ ޕޮޒިޓިވް ބަސްތަކަށް މާބޮޑަށް އަޅާލާ މީހެއްނަމަ އެއްވެސް މީހަކު އެއާ ޚިލާފަށް އެއްޗެއް ބުނާއިރަށް ނަފްސަށްކުރާ އިތުބާރު ކުޑަވާނެއެވެ.
ވަޒީފާއާ ގުޅޭ އެޑްވައިޒަރުން ވިދާޅުވާގޮތުގައި މިފަދަ މީހުންނަށް އެންމެ ރަނގަޅުވާނީ ރަނގަޅަށް ކުރެވޭ ކަންތަކާމެދު އެހެން މީހުންގެ ރައުޔު ހޯދުމެވެ.
އަދި އަމިއްލަ ނަފްސާމެދުވެސް އިޖާބީ ނަޒަރަކުން ދުށުމެވެ. އޭނާ ބޭނުން ލަނޑުދަނޑިއާ ހިސާބަށް ވާޞިލުވުމަށްޓަކައި އޭނާ އަމިއްލަ ނަފްސާ ކުރަންޖެހޭ ސުވާލެއް އެބައޮތެވެ. ތިމަންނާގެ މަސައްކަތުން ޙާޞިލްކުރަން ބޭނުންވާ ކަމަކީ ކޮބައިހެއްޔެވެ؟ އަހަރެން ކުރާ މަސައްކަތުގެ އެންމެ ފަހުގެ ނަތީޖާއަކީ ކޮބައިހެއްޔެވެ؟
އަމިއްލަ ނަފްސަށް ކަނޑައަޅަންޖެހޭ ކަންތައްތަކުގެ ތެރޭގައި، ވަޒީފާގެ މާޙައުލުގައި ކުރާ ކޮންމެ ކަމެއް އެންމެ ފުރިހަމައަށް ނުނިމުނަސް ރަނގަޅުވާނެކަން އެނގެންޖެހެއެވެ. ބައެއް ކަންތައްތައް ނިންމުމުގައި ލިބިފައިވާ ވަގުތަށް ބަލައި އަވަސްކޮންލަންޖެހޭ ކަންތައްތައް ވެސް ހުންނާނެއެވެ.
ނޯޓުކުރުމަކީ އެހީއެކެވެ.
ކަންކަން ނޯޓު ކުރުމަކީ އަމިއްލަ ނަފްސަށް އޮންނަ ޝައްކު ފިލުވާލާކަމެކެވެ. އަމިއްލަ ނަފްސަށް އިތުބާރުކުރަން ދަތިވާ ކަންތައްތައް ކުރިމަތިވުމުން އެކަމެއް ރަނގަޅަށް ލިޔުމުން ސިފަކުރާށެވެ.
އެކަންތަކުގައި އެކުލެވިގެންވާ ޓާސްކުތައް ދެނެގަންނާށެވެ. މިކަން ފުރިހަމަކުރަން ބޭނުންވާ ހުނަރުތަކަކީ ކޮބައިކަން ތަފްޞީލުކުރާށެވެ. އެއަށްފަހު މިކަން ތިމާއަށް ނުކުރެވެންވީ ކީއްވެތޯ އަމިއްލަ ނަފްސާ ސުވާލުކުރާށެވެ. ޙަޤީޤަތުގައިވެސް މިކަމަށް ބޭނުންވާ ހުނަރު ތިމަންނަގައިގައި ނެތީހެއްޔެވެ؟ ކަނޑައެޅިފައިވާ ވަގުތުގައި މިކަން ނުނިމިދާނެތީ ޖެހިލުންވަނީ ހެއްޔެވެ؟
މިކަމުގެ މާހިރުން ވިދާޅުވާގޮތުގައި، އެމީހަކު ޖެހިލުންވާ ސަބަބު އޮޅުންފިލައިފިނަމަ އެކަމާގުޅޭގޮތުން ދެން ހުންނަ ކަންތައްތައް ޙައްލުކުރަން މަސައްކަތްފެށޭނެއެވެ.
މިސާލަކަށް ވަކި ޚާއްޞަ ޓެކްނޮލޮޖީއަކަށް ބޭނުންވުން، ނުވަތަ ވެރިއަކަށް ހުންނަ މީހަކާ އެމަސައްކަތުގެ ބުރަކަމާމެދު މަޝްވަރާކުރުން، ނުވަތަ އެ ބިރަކީ ޙަޤީޤަތުގައި ވެސް ފަރުވާއެއް ބޭނުންވާކަމެއްނަމަ އެފަރުވާއެއް ހޯދައިގަތުމަށް އަވަސްވެ ގަތުން، މީ ކުރެވިދާނެ ކަންތަކެވެ.
އަމިއްލަ ނަފްސަށްކުރާ އިތުބާރު ދައްވުމުގެ މައްސަލަ ދިގުމުއްދަތަކަށް ދެމިގެން ދިޔަނުދިނުން
އަމިއްލަ ނަފްސާމެދު ފަރުވާ ބެހެއްޓުމަކީ ކޮންމެ ފަރުދަކުވެސް ކުރަންޖެހޭކަމެކެވެ. އޭގެ ތެރޭގައި މަސައްކަތުގެ މާޙައުލުގައި އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ދައްވުމުގެ މައްސަލަ ދިގުލައިގެން ދިޔަނުދިނުން ވެސް ހިމެނެއެވެ.
މިގޮތުން މަސައްކަތުގައި ރަނގަޅަށް ކަންތައް ކުރެވުނު ދެފަހަރެއް ނުވަތަ ތިންފަހަރެއް ލިޔެފައި ބަހައްޓާށެވެ. އެއަށްފަހު އިތުބާރު ދައްވެ ޖެހިލުންވާގޮތް ވެއްޖެނަމަ ކުރިން ކަންތައް ކުރިގޮތާމެދު ލިޔެފައި ހުރި އެއްޗެއް ކިޔާ ބަލައި މުޠާލަޢާކޮށްހަދާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް