ފ. ނިލަންދޫ ފުޓްސަލް މުބާރާތް: ފަހުލަވާނާއި އެސްޖީސީ ފައިނަލަށް

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ފ. ނިލަންދޫގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފޯރިގަދަވި ސެމީފައިނަލް ދެ މެޗަށްފަހު ފައިނަލްގެ ޖާގަ ފަހުލަވާނާއި އެސްޖީސީން ހޯދައިފިއެވެ. ނިލަންދޫ ރަށްވެހ...

06 May 2022 | 09:15

މިއަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތުގައި ފ. ނިލަންދޫގައި ކުރިއަށް ގެންދާ ފުޓްސަލް މުބާރާތުގެ ފޯރިގަދަވި ސެމީފައިނަލް ދެ މެޗަށްފަހު ފައިނަލްގެ ޖާގަ ފަހުލަވާނާއި އެސްޖީސީން ހޯދައިފިއެވެ.

ނިލަންދޫ ރަށްވެހި ގްރޫޕުން އިސްނަގައިގެން ޖަމްޢިއްޔަތުއް ޝަބާބު ނިލަންދޫއާއި ގުޅިގެން ކުރިއަށް ގެންދާ ބީއެމްއެލް ރަށްވެހި ޗެލެންޖް ފުޓްސަލް މުބާރާތުގެ ސެމީފައިނަލް ފުރަތަމަ މެޗްގައި އިއްޔެ ހަވީރު ރަށްވެހި މުބާރާތްތަކުގައި މުޅިން އަލަށް ވާދަކުރަންފެށި ކޭއެފްސީން ވަނީ ފަހުލަވާނާއި ދެކޮޅަށް ރަނގަޅު ފައިޓެއް ދީފައެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓްގައި ކޭއެފްސީން މުބާރާތުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންދާ މޫސާ ޖަމާލު ގޯލެއް ޖަހާ ކޭއެފްސީއަށް ކުރިހޯދާ ދީފައިވަނިކޮށް ފަހުލަވާނަށް އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ޢާދިލް ޢަލީއެވެ. ދެ ވަނަ ހާފް ފަށައިގެން ނުވަ ވަނަ މިނެޓްގައި ކޭއެފްސީގެ މުޙައްމަދު ނަދީހުގެ ގޯލުން އަނެއްކާވެސް ކޭއެފްސީ ލީޑު ހޯދުމުން ފަހުލަވާނުގެ މުޅި ޓީމު ކުރިއަށް ޖެހި ގޯލެއް ޖެހުމަށް ކުރިމަސައްކަތް ކާމިޔާބުވީ މެޗް ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އަނެއްކާވެސް ޢާދިލް ޢަލީ ޖަހައިދިން ގޯލުންނެވެ. ލިބުނު ހިތްވަރާއެކު ކުޅެންފެށި ފަހުލަވާނުން އޭގެ މިނެޓެއްފަހުން ޢާދިލްގެ ޢަލީ ގޯލެއްޖަހާ ހެދި ހެޓްރިކާއެކު މެޗް ނިމިގެން ދިޔައީ 3 ލަނޑު 2 ލަނޑުން ފަހުލަވާނު މޮޅުވެގެންނެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޢާދިލް ޢަލީއެވެ.

ދެ ވަނަ ސެމީފައިނަލްގައި ރޭ އެސްޖީސީއާއި ވާދަކޮށް ވައިޕާރސްވެސްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެހެންނަމަވެސް 4 ލަނޑު 3 ލަނޑުން މެޗްކާމިޔާބުކޮށްފައިނަލުގެ ޖާގަ ޔަޤީން ކުރީ އެސްޖީސީއެވެ.

އެސްޖީސީގެ ރިޒުވާނު ލަނޑެއް ޖަހާފައި ވަނިކޮށް ވައިޕާރސްއިން ޢަބްދުލް ޖަލީލުގެ ލަނޑުން ނަތީޖާ ހަމަކުރުމުން އަނެއްކާވެސް އެސްޖީސީ ކުރި ހޯދީ އަކުރަމުގެ ލަނޑުންނެވެ. އެހެންނަމަވެސް ޙަސަން ވަސީމު ޖެހި ލަނޑާއެކު ފުރަތަމަ ހާފް ނިމުނީ ދެޓީމު އެއްވަރުވެގެންނެވެ.

ފަހުހާފު ފަށައިގެން އަނެއްކާވެސް އަކުރަމު ލަނޑެއްޖަހާ ކުރިހޯދާފައިވަނިކޮށް ލީޑު އިތުރަށް ފުޅާވީ ވައިޕާރސްގެ ކުޅުންތެރިއެއް އަތުން ބައިކޮޅަށް ވަތް ލަނޑާއެކުއެވެ. އެހެންނަމަވެސް ހިތްވަރު އެލުވާނުލާ ކުޅެ ވައިޕާރސްގެ ޝަނޫނުވަނީ ފަހުވަގުތު ލަނޑެއް ޖަހާ ނަތީޖާ ފަރަޤު ކުޑަކޮށްފައެވެ.

މެޗް ނިމިގެން ދިޔައީ މިނަތީޖާއިންނެވެ. މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެސްޖީސީގެ އަޙުމަދު ރިޒުވާނު އިސްމާޢީލްއެވެ.

މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް