ސިޓީ ކައުންސިލްގެ ހުޅުމާލޭ ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ތަކުރާރުކޮށް ބިރުދައްކާ އިންޒާރުދެމުން އަންނަކަމަށް ސިޓީ ކައުންސިލްގެ ވިލިނގިލި ދާއިރާގެ މެންބަރު ނަހުލާ އަލީ ވިދާޅުވެއްޖެއެވެ.
ނަހުލާ މިހެން ވިދާޅުވީ އޭނާ ޕީޕީއެމްއިން ވަކިކޮށްފައިވާކަމަށްބުނެ އެމްވީކްރައިސިސްގައި ޖަހާފައިވާ ޕޯސްޓެއްގެ ވާހަކަ ދޮގުކޮށް ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ނޫސްބަޔާނުގައި ނަހުލާ ވިދާޅުވެފައިވަނީ ޕީޕީއެމް އިން އޭނާ ވަކިކޮށްފައިނުވާކަމަށާއި ފަތުރަމުން ދަނީ ދޮގު ހަބަރެއް ކަމަށެވެ.
"ވިލިމާލެ ދާއިރާގެ ޑަބްލިއުޑީސީ ގެ ބައި-އިލެކްޝަން އަށް ދާއިރާގެ ކައުންސިލަރ ގެ ހައިސިއްޔަތުން ކެނޑިޑޭޓެއްގެ ނަން އަޅުގަނޑު ޕާޓީއަށް ހުށަހެޅުމުން އަޅުގަނޑު ހުށަހެޅި ކެނޑިޑޭޓްގެ ނަން ނަގަން އަންގާ އެ ނަން އަޅުގަނޑު ނުނެގުމުން ކެނޑިޑޭޓް ލައްވާ ނަން ނަންގުވާ ހުޅުމާލެ ދާއިރާގެ ކައުންސިލާ ސުޖާ ބޭނުންފުޅުވާ ކެނޑިޑޭޓަށް ޓިކެޓު ދެއްވާފައިވޭ." ނަހުލާ ބުނެފައިވެއެވެ.
ނަހުލާ ބުނެފައިވަނީ ވިިލިމާލެ ޑަބްލިއުޑީސީ ބައި އިލެކްޝަންގައި ވާދަކުރާ ޕީޕީއެމް ކެނޑިޑޭޓްގެ ފޯމް އިލެކްޝަން ކޮމިޝަނަށް ވަނުމާއެކު އެދުވަހުން ފެށިގެން ޕީޕީއެމް ކެނޑިޑޭޓަށް ކާމިޔާބު ނުވެއްޖެނަމަ އޭނާ ޕާޓީން ވަކިކޮށްފަ ނޫނީ ހުއްޓާނުލާނެ ކަމަށް ހުޅުމާލެ ދާއިރާ ކައުންސިލަރ އަންނަނީ ތަކުރާރުކޮށް އިންޒާރުދީ ބިރުދައްކަމުން ކަމަށާއި މާލޭ ސިޓީ މޭޔާރގެ ކުރިފުޅުމަތީ ސިޓީ ކައުންސިލްގެ އޮފީހުގަ މުވައްޒަފުންގެ ވެސް ކުރިމަތީ ވަނީ އިންޒާރުދީ ބިރުދައްކާފައި ކަމަށެވެ.
"މިކަން ވާނީ މޭޔަރގެވެސް ހާޒިރުގަ ޕީޕީއެމްގެ ލީޑަރޝިޕަށްވެސް ހުށަހަޅާފަ. ރައީސް ޔާމީނަށް ވެސް ވާނީ ދަންނަވާފަ. " ނަހުލާ ވިދާޅުވެފައިވެއެވެ.
ނަހުލާ ވިދާޅުވެފައިވަނީ ކޮންމެ ކަމެއް ކުރިޔަސް ކޮންމެ ގޮތެއް ހެދިޔަސް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ މަސްލަހަތު އޭނާ އިސްކުރާނެ ކަމަށާއި ވިލިމާލެ ދާއިރާއަށް ހިދުމަތް ކުރުމުގައި ފިކުރު ތަފާތު ނުކޮށް ރައްޔިތުންގެ މަސްލަހަތު އިސްކުރާނެ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ސިޔާސީ ލީޑަރަކީ ރައީސް ޔާމީން، ރައީސް ޔާމީން ނޫން އެހެން މީހަކު ވެރިކަމަށް ގެންނަން މަސައްކަތް ކުރާ ފަރާތްތަކުގެ ޕްރެޝަރު ޕީޕީއެމް އެތެރޭން އަޅުގަނޑަށް ވަރަށް ބޮޑު" ނަހުލާ ވިދާޅުވެފައިވެއެވެ.
ނަހުލާ އިތުރަށް ވިދާޅުވެފައިވަނީ ބިނާކުރަނިވި ފިކުރަށް ތާއީދު ކުރައްވާ އަދި ވިލިމާލޭގެ ތަރައްގީއަށް މަސައްކަތް ކުރައްވާ ބޭފުޅުން މިކަމުގައި އޭނާއާއެކު ސާބިތުވެ ތިއްބެވުމަށް ދަންނަވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް