ނުރައްކާތެރި މިންވަރަކަށް ރާއްޖޭގައި ކޯވިޑް-19 ފެތުރެމުންދާ މިދަނޑިވަޅުގައި ވައިރަސް ކޮންޓްރޯލް ކުރަން އިދިކޮޅު ޕީޕީއެމް/ ޕީއެންސީ ކޯލިޝަނުން ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފު ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތަށް އެއްބާރުލުން ދޭނެކަމުގެ ޔަގީންކަންދީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއަކުން ދަންނަވާފައިވާނެ ކަމަށެވެ. އަދި މިއީ ކޯވިޑާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދޭނެ ކަން ސަރުކާރަށް އެންގި ދެވަނަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ ސަރުކާރުން އެދޭ ނަމަ ކޯވިޑް ކަންކަމުގައި ހަރަކާތްތެރިވާނެ ވޮލެންޓިއަރުން އިދިކޮޅުން ފޯރުކޮށްދޭނެ ކަމަށެވެ.
އިދިކޮޅުން އެންމެ ކަންބޮޑުވާ ކަމަކީ ރާއްޖޭގައި ކޮވިޑް ފެތުރެން ފެށި ފަހުން މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ރައްޔިތުންނަށް ބޭނުންވާ ސަލަމާތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރު ނުކުޅެދިފައިވުން ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ބަލި ފެތުރިފައިވާއިރު، އެ ތަންތަނުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެހިފައި ނެތުމާއި ބަލިވާ މީހުން ގިނަވެ، މީހުނަށް ފަރުވާދޭނެ ޑޮކްޓަރުންނާއި ނަރުހުން މަދުވުމާއި އަދި ކޮވިޑް ފެސިލިޓީތަކާއި އައިސީޔޫގެ ހުރި ދަތިކަމަކީ އިދިކޮޅުން ފާހަގަކުރި ކަންބޮޑުވުންތަކެވެ.
ވޮލެންޓިއަރުން ހޯދައިދޭނެ ކަމަށް އިދިކޮޅުން ބުނި އިރު އިއްޔެ ހެލްތް މިނިސްޓްރީން ވަނީ ކޯވިޑް ކޮންޓްރޯކް ކުރަން ހަރަކާތްތެރިވާނެ ވޮލެންޓިއަރުން އިއުލާނުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް