ކުރީގެ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނަށް އަނިޔާވެފައި ވާތީ ސާޖަރީއެއް ހެދުމަށް ތައްޔާރުވެއްޖެއެވެ.
އެނގިފައިވާ ގޮތުގައި އެއްޗެއް ގޮވާފައި ވަނީ 8:39ގައި އަތަމާ ޕެލެސް ހޮޓެލް ކުރިމަތީގައި އޮންނަ ގޯޅިއެއްގެ ތެރޭގައި ރައީސް ނަޝީދު އުޅުއްވާ ގެކޮޅު ކައިރީގައި ޕާކު ކޮށްފައިވާ ސައިކަލެއްގައެވެ.
ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމް ވިދާޅުވީ ރައީސް ނަޝީދަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ލިބުނު އަނިޔާތަކާއި ގުޅިގެން އޮޕަރޭޝަނެއް ކުރަންޖެހިފައިވާ ކަމަށާއި، މިއޮޕަރޭޝަނަށް މިހާރު ތައްޔާރުވަމުންދާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެމަނިކުފާނުގެ އިސްތަށިފުޅުގެ ދެތަނަކަށް ވަނީ އަނިޔާވެފައެވެ. އަދި ރައީސް ނަޝީދުގެ ބޮޑީގާޑަށް ވެސް އަނިޔާވެފައިވެއެވެ.
ފައިސަލްގެ މިމެސެޖްގައި މަޖިލީހުގެ ހުރިހާ މެމްބަރުން ވެސް ގޭގައި ތިއްބެވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހަމަލާގައި އިތުރު މީހަކަށް ވެސް ވަނީ އަނިޔާވެފައެވެ. އެއީ ބޭރު މީހެއްކަމަށާއި އެމީހާގެ ފަޔަށް ވަރަށް ބޮޑަށް އަނިޔާވެފައިވާކަމަށް މައުލޫމާތު ލިބެއެވެ. ގޮވި ގަޑީގައި އިތުރު ދެ ފަތުރުވެރިއަކު އެސަރަހައްދުން ދުވެފައި ދިޔައެވެ. އެސަރަހައްދުގައި އެއްޗެއް ގޮވައިގެންދިޔައިރު، ކަންމަތީގައި އެމްއެންޑީއެފް ސެކިއުރިޓީ ވެހިކަލް ވެސް އޮތެވެ.
މިހާދިސާއާ ގުޅިގެން އެސަރަހައްދު ބަންދުކޮށްފައިވާއިރު، ސިފައިނުންނާއި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް