ޖިންސީ ގޯނާގެ ތުހުމަތުކުރާ ގައްދޫ ކައުންސިލްގެ އިންތިހާބީ ރައީސް ދޫކޮށްލި މައްސަލަ ހައިކޯޓަށް

ޖިންސީ ގޯނާގެ ތުހުމަތުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ގދ. ގައްދޫ ވިންސެންޓް، މުޙައްމަދު އަޙްމަދު ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ. މުހައްމަދު އަހުމަދު ފުލު...

06 May 2021 | 15:45

ޖިންސީ ގޯނާގެ ތުހުމަތުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ގދ. ގައްދޫ ވިންސެންޓް، މުޙައްމަދު އަޙްމަދު ބަންދުން ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

މުހައްމަދު އަހުމަދު ފުލުހުންގެ ބަންދުގައި ހުއްޓަ މިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އޭނާ ވަނީ ޕީޕީއެމް ޓިކެޓުގައި ވާދަކޮށް ގައްދޫ ކައުންސިލްގެ ރައީސް ކަމަށް އިންތިހާބުވެފަ އެވެ. އޭނާއަށް ޖިންސީ ގޯނާގެ ތުހުމަތުކޮށް ބަންދު ކުރީވެސް އިންތިހާބުގއި ވާދަ ކުރުމަށް ފޯމު ހުށަހެޅުމުން ކެންޑިޑޭސީ ބަލައިގަނެފަ ވަނިކޮށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، މުހައްމަދު އަހުމަދު ދޫކޮށްލަން އެ ރަށު މެޖިސްޓްރޭޓް ކޯޓުން މިދިޔަ ހޯމަ ދުވަހު ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ. އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކުރީ މިއަދު އެވެ.

ޝަފީއު ވިދާޅުވީ މިބާވަތުގެ މައްސަލަތަކުގައި ދައުވާލިބޭ މީހަކު އިންތިހާބެއްގައި ވާދަކޮށް ކާމިޔާބު ވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއްކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ. އަދި އެ ނިންމުމާއި، އެ ނިންމުން ބިނާކުރިކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ ކަމަށް ޝަފީއު ވިދާޅުވި އެވެ.

މުހައްމަދު އަހުމަދު ހައްޔަރު ކުރީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް އޮރިޔާން ކާޑު ދެއްކުމުގެ ތުހުމަތުގައި މީގެ ފަސް މަހެއްހާ ދުވަސް ކުރިންނެވެ. މި މައްސަލައިގަ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ.

މިފަދަ ތުހުމަތެއްގައި ޖަލުގައި ހުރި ނަމަވެސް ކުށް ސާބިތުނުވާ ނަމަ އިންތިހާބުގައި ވާދަކުރެވޭނެ އެވެ.

އެ މައްސަލައިގައި ޕީޕީއެމުން ބުނީ އެ މީހާގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އެޅުވީ ބަޔަކު ރާވައިގެން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް