މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަން ނިންމާފައި ނުވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް ވިދާޅުވެއްޖެ އެވެ.
މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަން އުޅޭކަން ހާމަ ކުރެއްވީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާމަން އަދި ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓުވީޓެއްގަ އެވެ. އޭނާ މިހެން ވިދާޅުވީ މާބަނޑުވުމުން ކޯވިޑް ވެކްސިން ޖެހެން ނެތް އަންހެނަކު ފާޅު ކުރި ހިޔާލަކަށް ކުރެއްވި ކޮމެންޓެއްގައި އެވެ.
ޑރ. ފައިސަލްގެ ޓުވީޓުގައި އިތުރު ތަފްސީލް ދެއްވާފައެއް ނުވެ އެވެ. އެކަމަކު ފައިސަލްގެ ޓުވީޓާއި ގުޅިގެން ގިނަ ބަޔަކު ވަނީ ހިތްހަމަ ޖެހުން ފާޅުކޮށްފަ އެވެ.
މިކަމާއި ގުޅިގެން މަބްރޫކް ނޫސްވެރިންނަށް ވިދާޅުވީ މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދިނުމާއި ގުޅޭގޮތުން މިހާތަނަށް ގޮތެއް ނިންމާފައި ނުވާ ކަމަށެވެ. މަބްރޫކްވެސް އިތުރު ތަފްސީލް ހާމައެއް ނުކުރައްވަ އެވެ.
ކޯވިޑް-19 އަށް ތައްޔާރުކޮށް ބޭނުން ކުރާމުންދާ ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިން ދިރާސާކޮށްފައިވަނީ މާބަނޑު މީހުން ހިމެނޭ ގޮތަށް 16 އަހަރާއި 60 އަހަރުގެ ކުދިންނާއި މީހުން ޓެސްޓުގައި ބައިވެރިކޮށްގެންނެވެ. އަދި އެ ވެކްސިން އަކީ މާބަނޑު މީހުންނަށް ދިނުމުގެ ހުއްދަ އޮންނަ ވެކްސިނެކެވެ.
ރާއްޖޭގައި ފައިޒާ ވެކްސިން ފުރަތަމަ ދިނީ އުމުރުން 16 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ކުދިންނާއި މީހުންނަށެވެ. ފަހުން ވަނީ 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޯވީޑް ވެކްސިންގެ ފުރަތަމަ ޑޯޒު ނުޖަހާ މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށާފަ އެވެ.
މި ވެކްސިން ދެނީ އެޕޮއިންޓްމެންޓް އުސޫލުން މީހުން ގެންގޮސްގެންނެވެ. ރާއްޖެއަށް ލިބިފައިވަނީ ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒާ ވެކްސިންގެ 5،500 ޑޯޒެވެ.
މިހާތަނަށް ފައިޒާ ވެކްސިން ދީފައިވަނީ ގާތްގަނޑަކަށް 1،400 މީހުންނަށެވެ. ފައިޒާ ވެކްސިން ގެންގުޅެން ޖެހޭ ފިނިހޫނިމިނަށް ބަލައި ވެކްސިން ދެނީ ހަމައެކަނި މާލެ ސަރަހައްދުގައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް