ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓުތަކުގެ ގުރުއަތުލުން އަނެއްކާވެސް މެދުކަނޑާލައިފި އެވެ.
ހިޔާ ފްލެޓުތަކުގެ ގުރު އަތުލުން ފެށީ މިދިޔަ މަހުގެ އަށް ވަނަ ދުވަހު އެވެ. އެ ދުވަހު ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ކެޓަގަރީގެ ގުރު ނެގުމަށް ފަހު ގުރުލުން މެދު ކަނޑާލުމަށް ފަހު އަލުން ފެށީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ.
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ލިބޭ ފްލެޓު ކަނޑައެޅުމަށް އެ ކުންފުނިން ގުރުއަތުލުން ކުރިޔަށް ގެންދަނީ ހައުސިން މިނިސްޓްރީން ލިސްޓު ފައިނަލްކޮށް ފޮނުވުމުން ކަމަށެވެ. އެ ކުންފުންޏަށް މިހާތަނަށް ލިބިފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އެހެނިގެން ކެޓަގަރީތަކުގައި ހިމެނޭ އެންމެންގެ މެދުގައި ގުރު ނަގާ މިމަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ނިމިފައިވާ ކަމަށެވެ.
އެޗްޑީސީން ބުނީ އެހެން ކެޓަގަރީތަކުގައި ހާއްސަ އެހީއަށް ބޭނުންވާ މީހުން ތިބުމާއި އެކެޓަގަރީތަކުގައި ހިމެނޭ އިތުރު ފަރާތްތަކުގެ ލިސްޓު ފައިނަކޮށް ހައުސިން މިނިސްޓްރީން ފޮނުވުމުން ގުރުނަގަން އަލުން ފަށާނެ ކަމަށެވެ. އަދި އަލުން ގުރުއަތުލުން ފަށާނެ ތާރީހު ފަހުން އިއުލާނު ކުރާނެ ކަމަށް ބުނެފައިވެ އެވެ.
ހިޔާ ފްލެޓުގެ 25 ފަންގިފިލާގެ 16 ޓަވަރުން 6،720 މީހުންނަށް ފްލެޓު ލިބެ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ލިބޭ ފްލެޓުތައް ކަނޑައަޅާ މިހާރު ވަނީ ނިމިފަ އެވެ.
އެޗްޑީސީން ކުރިން ބުނީ ގުރުލުން ނިމޭތާ 10 ދުވަސް ތެރޭގައި ފްލެޓު ލިބުނު ފަރާތްތަކާއި އެކު އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް