އަންނަ ހޮނިހިރު ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޯވިޑް-19 ވެކްސިން ދޭނީ ދުވާލު ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިން ބުނެފި އެވެ.
އެޗްޕީއޭއިން ކޮށްފައިވާ ޓުވީޓެއްގައި ބުނީ މިރޭ މާލޭގެ އެއްވެސް ސެންޓަރެއްގައި ވެކްސިން ޖެހުން ކުރިޔަށް ނުގެންދާނެ ކަމަށެވެ. އެއީ މިރެއިން ފެށިގެން މާލޭ ސިޓީގައި ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމާފައިވާތީ އެވެ.
ރޯދަ މަސް ފެށުނު ފަހުން ކޯވިޑް ވެކްސިން ދެމުން ދަނީ ރޭގަނޑު 9:00 ން 11:45 އަށެވެ.
މިކަމާއި ގުޅިގެން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބުރޫކު މީޑިއާގައި ވިދާޅުވީ މިއަދު ވެކްސިން ސެންޓަރުތައް ބަންދު ކުރުމަށް ފަހު ދެން ވެކްސިން ދޭން ފަށާނީ ހޮނިހިރު ދުވަހު ކަމަށެވެ. ހޮނިހިރު ދުވަހު ވެކްސިން ދޭން ފަށާނީ ދުވާލު ކަމަށް ވިދާޅުވި އެވެ.
ދުވާލުވެސް ރޯދަ މަހު ވެކްސިން ދޭނީ ދެ ގަޑިއިރު ކަމަށް ވިދާޅުވި އެވެ. ވެކްސިން ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:00 ން 11:00 އަށެވެ.
އާންމުކޮށް ހުޅުވާލައިގެން މިހާރު މާލެ ސަރަހައްދުގައި ދެމުންދަނީ ސިފޮފާމް ވެކްސިން އެކަންނެވެ. ފައިޒާ ވެކްސިން ޖަހައިދެނީ އެޕޮއިންޓްމެންޓު އުސޫލުން ރެޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.
މީގެ ކުރިން އާންމުކޮށް ހުޅުވާލައިގެން ޖަހައިދެމުން ދިޔަ ކޮވިޝީލްޑް ވެކްސިން ޖެހުން ހުއްޓާލީ ސްޓޮކް މަދުކަމުން ކަމަށް އެޗްޕީއޭއިން ބުނެ އެވެ. ކޮވިޝީލްޑް ވެކްސިން ޖަހަން އަލުން ފަށާނީ އިތުރު ޝިޕްމެންޓެއް ލިބުމުން ކަމަށާއި ލަފާ ކުރެވޭ ގޮތުގައި ދެ ހަފްތާ ތެރޭގައި އިތުރު ޝިޕްމެންޓް ލިބޭނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް