މާލޭ ސިޓީގައި މިރެއިން ފެށިގެން ކާފިއު ހިންގަން ފަށާތީ ވެމްކޯއިން ކުނި ނަގަމުން އައި ގަޑިއަށް އަނެއްކާވެސް ބަދަލު ގެނެސްފި އެވެ.
ކޯވިޑް-19 ފެތުރުން އިތުރުވެ މާލެ ނުރައްކާތެރި ހާލަތެއްގައި އޮތުމުން އެޗްޕީއޭއިން ވަނީ މިއަދުން ފެށިގެން މުއްދަތެއް ނެތް ގޮތަށް ކޮންމެ ރެއަކު 9:00 ން ފަތިހު 4:00 އަށް ކާފިއު ހިންގަން ނިންމާފަ އެވެ. ކޯވިޑް ކޮންޓްރޯލް ކުރުމަށް މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން ރޭގެ ނިޔަލަށް ނިންމާފައި އޮތީ ރޭގަނޑު 12:00 ން ފަތިހު 4:00 އަށް އެއްގަމު އުޅަނދު ނުދުއްވޭގޮތަށެވެ.
ވެމްކޯއިން ވަނީ ހަތަރު ވަނަ ދުވަހު އެއްގަމު އުޅަދު ދުއްވޭ ގަޑިތަކަށް ގެނައި ބަދަލާއި އެކު މާލެ ސަރަހައްދުގެ ގޭބިސީތަކުން ކުނި ނަގާ ގަޑި ރޭގަނޑު 10:00 ން 11:00 އަށް ބަދަލު ކޮށްފަ އެވެ. އެކަމަކު މިއަދު ވަނީ އެ ނިންމުމަށް އަނެއްކާވެސް ބަދަލު ގެނެސްފަ އެވެ.
އެ ކުންފުނިން ބުނީ މިއަދުން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭ ގޭބިސީތަކުން ކުނިނަގަމުން ދާނީ ކޮންމެ ރެއަކު 9:00 ން 10:00 އަށް ކަމަށެވެ. މިއީ ވަކި މުއްދަތެއް ނެތް ގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބުންޏެވެ.
އިތުރު މައުލޫމާތު ވެމްކޯގެ ނަމްބަރު 1666 އަށް ގުޅުމުން ލިބޭނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް