ކޯވިޑަށް ފަރުވާދޭ ތަންތަން ހެދުމަށް އަޖޭ ކުރާ މަސައްކަތާއި އަމީތާބު ގުޅެނީ!

ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު އަޖޭ ދޭވްގަން ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވާނެ ކަމުގެ ފެހި ސިގްނަލް ބޮލީވުޑްގެ މެގަ ސްޓާ އަމިތާބު ބައްޗަން ދީފި އެވެ. އަޖޭ އަމިއްލައަށް އި...

06 May 2021 | 08:52

ބޮލީވުޑްގެ އެކްޓަރު އަދި ޑައިރެކްޓަރު އަޖޭ ދޭވްގަން ކޯވިޑް-19 އާއި ދެކޮޅަށް ކުރާ މަސައްކަތުގައި ބައިވެރިވާނެ ކަމުގެ ފެހި ސިގްނަލް ބޮލީވުޑްގެ މެގަ ސްޓާ އަމިތާބު ބައްޗަން ދީފި އެވެ.

އަޖޭ އަމިއްލައަށް އިސް ނަގައިގެން މުމްބާއީގައި ކޯވިޑަށް ފަރުވާ ދޭ މަރުކަޒުތަކެއް ހެދުމުގެ މަސައްކަތް ފަށައި އޭނާ އާއި ބައިވެވުމުގެ ޝައުގުވެރިކަން ހުރިތޯ އެހީ ޕްރޮޑިއުސަރު އަނަންދް ޕަންޑިތް ކައިރީގަ އެވެ. ދެމީހުން ގުޅިގެން މިހާރު ވަނީ މުމްބާއީގެ ތިން ސަރަހައްދެއްގައި ކޯވިޑަށް ފަރުވާދޭ މަރުކަޒު ގާއިމް ކުރުމަށް ނިންމާފަ އެވެ.

އަނަންދް މީޑިއާގައި ބުނީ އެ ދެމީހުންގެ މަސައްކަތުގައި ބައިވެރިވާނެ ކަމަށް އަމީތާބު ބުނެފައިވާ ކަމަށެވެ. އަދި އެމީހުން ހުށަހަޅާ ހުރިހާ ކަންކަމާއި ހިޔާލަކަށްވެސް އަމީތާބުގެ ފަރާތުން ވަރަށް ބޮޑަށް އެއްބާރުލުން ލިބެމުންދާ ކަމަށް ބުންޏެވެ.

އެކަމަކު އެމީހުންނާއި ރަސްމީކޮށް ގުޅިގެން އަމީތާބު މަސައްކަތް ކުރަން ފަށާނެ ދުވަހެއް އަނަންދު ނުބުނެ އެވެ.

އަޖޭ އާއި އަނަންދު އިސް ނަގައިގެން މުމްބާއީގައި ހަދާ ކޯވިޑަށް ފަރުވާ ދޭ ކޮންމެ ސެންޓަރެއްގައި 25 އެނދު ހުންނާނެ އެވެ. އެ ތަންތަނުގައި ވޯޑާއި އައިސީޔޫގެ އިތުރުން ވެންޓިލޭޓަރުގައި ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖައްސާއިރު އޮކްސިޖަން ލިބޭނެ އިންތިޒާމްވެސް ހަމަޖައްސާނެ އެވެ.

އެ ސެންޓަރުތަކުން އެ ސަރަހައްދެއްގައި އުޅޭ ކޮންމެ މީހަކަށްވެސް އަޖޭ އާއި އަނަންދުގެ ހަރަދުގައި ކޯވިޑަށް ހިލޭ ފަރުވާ ހޯދޭނެ އެވެ. އަދި މުސްތަގުބަލުގައި އެތަންތަނަށް ހަރަދު ކުރާނެ މީހުން އިތުރުވުމުން އިތުރު ސެންޓަރުތައް ހަދާނެ ކަމަށް ބުނެ އެވެ.

އެ ސެންޓަރުތަކުގަިއ ފަރުވާ ދެނީ މުމްބާއީގެ އެކި ހޮސްޕިޓަލްތަކުގައި މަސައްކަތް ޑޮކްޓަރުންނާއި ނަރުހުންނެވެ.

އިންޑިއާގެ ކޯވިޑްގެ ހާލަތު ނުރައްކާތެރި މިންވަރަކަށް އިތުރުވެފައިވާއިރު އެ ގައުމަށް ކޯވިޑްގެ ތިން ވަނަ ރާޅު ވަރަށް އަވަހަށް އަރާނެ ކަމަށް އިންޑިއާގެ ސައިންސްވެރިން ދަނީ ބުނަމުންނެވެ. އަދި އެކަމަށް ތައްޔާރުވުމަށް އިންޑިއާ ސަރުކާރަށް ގޮވާލާފައިވެ އެވެ.

އިންޑިއާއިން މިހާރު ކޮންމެ ދުވަހަކު ހަތަރު ލައްކަ އާއި ގާތްކުރާ އަދަދަކަށް މީހުން ކޯވިޑް ޖެހެ އެވެ. އަދި ތިން ހާހަށްވުރެ ގިނަ މީހުން ކޯވިދް ޖެހިގެން މަރުވެ އެވެ. ގިނަ މީހުން މަރުވަނީ އޮކްސިޖަލް ނުލިބިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް