ރާއްޖެއަށް ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދެމީހަކު ހައްޔަރުކޮށްފި

ރާއްޖެއަށް 3.4 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން ބުނީ އެމީހުން އަތުލައިގަތީ މަސްތުވާތަކެެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯ...

06 May 2021 | 07:54

ރާއްޖެއަށް 3.4 ކިލޯގެ މަސްތުވާތަކެތި އެތެރެ ކުރު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެމީހުން އަތުލައިގަތީ މަސްތުވާތަކެެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް އަދި މޯލްޑިވްސް ކަސްޓަމްސް ސާވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 30 އަހަރުގެ އިނގިރޭސިވިލާތުގެ ފިރިހެނަކާއި، 43 އަހަރުގެ ތައިލެންޑްގެ ފިރިހެނެކެވެ. މި ދެ މީހުން ހައްޔަރު ކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ 25 ވަނަ ދުވަހުން ފެށިގެން އަށް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައެވެ.

މި މައްސަލައިގައި ހައްޔަރުކުރި ދެމީހުންގެ ތެރެއިން 30 އަހަރުގެ މީހާގެ ފޮށިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް މުއްދަތު ދީފައިވެއެވެ. އެގޮތުން 43 އަހަރުގެ މީހާއަށް 15 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ. އަދި 30 އަހަރުގެ މީހާއަށް ދެ މަސްދުވަހުގެ މުއްދަތު ދީފައިވެއެވެ. އެ މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އަމިއްލައަށް މަރުވެފައެވެ. ފުލުހުންގެ ދަށުގައި ހުއްޓައި އެމީހާ އަމިއްލައަށް މަރުވި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް ގުޅިގެންދަނީ ކުރަމުންނެވެ

މަސްތުވާތަކެތީގެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން  ތަހުގީގު ކުރަމުން ދާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް