ކ. މާފުށިން އިއްޔެ އަނެއްކާވެސް ގިނަ ބަޔަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މާފުށީ ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިށް ޕޮސިޓިވްވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ. އޭގެ ފަހުން މިދިޔަ މަހު ގިނަ ބަޔަކު ކޯވިޑަށް ޕޮސިޓިވްވެފައިވީ ނަމަވެސް މިދިޔަ ހަފްތާއެއްހާ ދުވަހު އެ ރަށުގައި އެއް ދުވަހާ ކޯވިޑް ޖެހޭ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައި އެވެ.
މާފުށީ ސިއްހީ މަރުކަޒުން އާންމުކޮށްފައިވާ މައުލޫމާތުތަކުގައި ބުނެފައިވަނީ އިއްޔެ އެ ރަށުން 39 މީހަކަށް ކޯވިޑް ޖެހިފައިވާ ކަމަށެވެ. މި އަދަދާއި އެކު އެ ރަށުގައި ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ މީހުންގެ އަދަދު 356 އަށް އަރާފައިވާ ކަމަށް ބުނެ އެވެ.
އެ މަރުކަޒުން ބުނީ ކޯވިޑަށް ފަރުވާ ދެމުންދާ މީހުންގެ ތެރެއިން ހަ މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ކަމަށެވެ. އޭގެ ތެރެއިން ބައެއް މީހުންނަށް ފަރުވާ ދެނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގަ އެވެ.
ރަށް މޮނިޓަރިންގެ ހާލަތަށް ގެނައި ފަހުން އެ ރަށުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 388 މީހުންނެވެ. އޭގެ ތެރެއިން 32 މީހަކު މިހާރު ވަނީ ބަލިން ރަނގަޅުވެފައި އެވެ.
ކޯވިޑް ކޭސްތަކާއި ގުޅިގެން މިވަގުތު 27 ރަށެއް މޮނިޓަރިންގެ ހާލަތުގައި އެބައޮތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް