މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށަނީ

ރާއްޖޭގައި މާބަނޑު އަންހެނުންނަށް ފައިޒާ ވެކްސިން ދޭން ފަށަން ނިންމައިފި އެވެ. މިކަން ހާމަ ކުރެއްވީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާމަން އަދި ކުޑަކުދިންގެ ހާއްސަ ބަ...

06 May 2021 | 06:46

ރާއްޖޭގައި މާބަނޑު އަންހެނުންނަށް ފައިޒާ ވެކްސިން ދޭން ފަށަން ނިންމައިފި އެވެ.

މިކަން ހާމަ ކުރެއްވީ މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމުނައިޒޭޝަންގެ ޗެއާމަން އަދި ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ ޑޮކްޓަރު އަހުމަދު ފައިސަލް ކުރެއްވި ޓުވީޓެއްގަ އެވެ. އޭނާ މިހެން ވިދާޅުވީ މަބަނޑުވުމުން ކޯވިޑް ވެކްސިން ޖެހެން ނެތް އަންހެނަކު ފާޅު ކުރި ހިޔާލަކަށް ކުރެއްވި ކޮމެންޓެއްގައި އެވެ.

އެކަމަކު މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށާނެ ތާރީހެއް އަދި އެކަމާއި ގުޅޭ އިތުރު ތަފްސީލް ހާމަ ކުރައްވާފައެއް ނުވެ އެވެ.

ޑރ. ފައިސަލް މިހެން ވިދާޅުވެފައިވަނީ ފަހަކަށް އައިސް މާބަނޑު މީހުންނަށް ކޯވިޑް ޖެހުން އިތުރުވެފައިވާ ކަމަށް އެޗްއީއޯސީން ބުނެފަ ވަނިކޮށެވެ. އެ ސެންޓަރުން ބުނީ ކޯވިޑް ޖެހިފައިވާ ގިނަ މާބަނޑު އަންހެނުންތަކެއް ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފައި އެބަތިބި ކަމަށާއި އޭގެ ތެރެއިން އެކަކުގެ ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނީ ޑީއެޗް 11 ގައި ކަަމަށެވެ.

https://twitter.com/Faisalnaifaru/status/1390167239500857351

ކޯވިޑް-19 އަށް ތައްޔާރުކޮށް ބޭނުން ކުރާމުންދާ ވެކްސިންތަކުގެ ތެރެއިން ފައިޒާ ވެކްސިން ދިރާސާކޮށްފައިވަނީ މާބަނޑު މީހުން ހިމެނޭ ގޮތަށް 16 އަހަރާއި 60 އަހަރުގެ ކުދިންނާއި މީހުން ޓެސްޓުގައި ބައިވެރިކޮށްގެންނެވެ. އަދި އެ ވެކްސިން އަކީ މާބަނޑު މީހުންނަށް ދިނުމުގެ ހުއްދަ އޮންނަ ވެކްސިނެކެވެ.

ރާއްޖޭގައި ފައިޒާ ވެކްސިން ފުރަތަމަ ދިނީ އުމުރުން 16 އަހަރާއި 60 އަހަރާއި ދެމެދުގެ މީހުންގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ ކުދިންނާއި މީހުންނަށެވެ. ފަހުން ވަނީ 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ކޯވީޑް ވެކްސިންގެ ފުރަތަމަ ޑޯޒު ނުޖަހާ މީހުންނަށް ފައިޒާ ވެކްސިން ދޭން ފަށާފަ އެވެ.

މި ވެކްސިން ދެނީ އެޕޮއިންޓްމެންޓް އުސޫލުން މީހުން ގެންގޮސްގެންނެވެ. ރާއްޖެއަށް ލިބިފައިވަނީ ކޮވެކްސް ފެސިލިޓީގެ ދަށުން ފައިޒާ ވެކްސިންގެ 5،500 ޑޯޒެވެ.

މިހާތަނަށް ފައިޒާ ވެކްސިން ދީފައިވަނީ ގާތްގަނޑަކަށް 1،400 މީހުންނަށެވެ. ފައިޒާ ވެކްސިން ގެންގުޅެން ޖެހޭ މިނިހޫނިމިނަށް ބަލައި ވެކްސިން ދެނީ ހަމައެކަނި މާލެ ސަރަހައްދުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް