އައިސީޔޫގެ ކެޕޭސިޓީ އިތުރުކުރުމަށް މަސައްކަތް ކުރަނީ

ރާއްޖޭގައި ކޯވިޑް-19 ޖެހޭމީހުންގެ އަަދަދު އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އައިސީޔޫހެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސަރުކާ...

06 May 2021 | 05:42

ރާއްޖޭގައި ކޯވިޑް-19 ޖެހޭމީހުންގެ އަަދަދު އިތުރުވެ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ އައިސީޔޫހެ ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ، އައީސީޔޫ ފެސިލިޓީއެއްގެ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ ދަރުމަވަންތަ ހޮސްޕިޓަލްގެ 11 ވަނަ ފަންގިފިލާ ފުރިފައިވާކަމަށެވެ.

އެހެންކަމުން އައިސީޔޫ އެނދުތައް އިތުރުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އެގޮތުން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި 12 އައިސީޔޫ އެނދު މިހާރު އޮޕަރޭޝަނަށް ގެނެވިފައިވާކަމަށެވެ. އަދި މިއަދު އިތުރު އަށް އެނދު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ހުޅުމާލެ ހޮސްޕިޓަލުގައި ވަކިން ހުރި އިމާރާތުގައި އިތުރު 50 އެނދު އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތްކުރާކަމަށާއި، އައިސޮލޭޝަން ފެސިލިޓީތައް އިތުރު ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލީޓީ މިވަގުތުހުރީ ގާތްގަނޑަކަށް ފުރިފައި ކަމަށާއި ވެލިދޫ އަނެއްކާވެސް އޮޕަރޭޝަނަށް ގެންނަން މަސައްކަތްކުރަމުން އަންނަކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މިއަދު ވެލިދޫ އޮޕަރޭޝަނަށް ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.

އިއްޔެ އެކަނި ވެސް ރާއްޖޭން 700 އަށް ވުރެ ގިނަ މީހުނަށް ކޯވިޑް-19 ޖެހުނެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 540 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 186 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިއަދަކީ އެއް ދުވަހެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ދުވަހެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ރިކޯޑު އަދަދަކަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32،665 އަށް އަރާފައެވެ.

ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 7109 ކޭސް އެވެ. މި ބަލިން 25،473 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 198 މީހަކަށެވެ. މި ބަލީގައި 74 މީހަކު ވަނީ ނިޔާވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް