ގޯހުންގޯހަށް ޤައުމުގެ ޙާލަތު ނުދަނީސް ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިވަޑައިގަތުމަށް ސަރުކާރަށް އިލްތިމާސް ކުރައްވާ ކަމަށް މާލޭގެ އިންތިޚާބީ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުޢިއްޒު މިހެން ވިދާޅުވީ، ކުރެއްވި ޓްވީޓެއްގައެވެ.
މުއިއްޒު ވިދާޅުވީ، ވެކްސިންގެ ސްޓޮކް މަދުވެ، ވެންޓިލޭޓަރު މަދުވެ ކޮވިޑަށް ޕޮޒިޓިވްވުން އިތުރުވާ މިފަދަ ހާލަތެއްގައި ބޭރުގެ އެހީއަށް އެދި މަސައްކަތް ފަށަންޖެހެނީ ރައްޔިތުންގެ ސަލާމަތަށްޓަކައި ކަމަށެވެ.
މުއިއްޒު މިހެން ވިދާޅުވިއރު މިއަދު އކަނި ވެސް ރާއްޖޭން 700 އަށް ވުރެ ގިނަ މީހުނަށް ކޯވިޑް-19 ޖެހުނެވެ.
އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވްވި މީހުންގެ ތެރެއިން 540 މީހުން ނިސްބަތްވަނީ މާލެ ސަރަހައްދަށް ކަމަށެވެ. އަދި އަތޮޅުތެރެއިން 186 ކޭސް ފެނިފައިވާ ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ. މިއަދަކީ އެއް ދުވަހެއްގައި ރާއްޖެއިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވް ދުވަހެވެ. އަދި ފާއިތުވި ދުވަސްތަކުގައި ރާއްޖެއިން ރިކޯޑު އަދަދަކަށް މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 32،665 އަށް އަރާފައެވެ.
ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި މިހާރު އުޅެނީ 7109 ކޭސް އެވެ. މި ބަލިން 25،473 މީހުން ރަނގަޅުވެފައިވާއިރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ 198 މީހަކަށެވެ. މި ބަލީގައި 74 މީހަކު ވަނީ ނިޔާވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް