ކުރުވާހަކަ: ހިންތާ

ލިޔުނީ: ސަމްލާ އިބްރާހިމް "އަހަރެން މި ބުނީ ހަމަ އެންމެ ހަތްދިހަ ހާސް ދޭށޭ. އެހެން ނޫނަސް މަށަށް އެނގޭ ބައްޕަތީ ރުފިޔާ ނެތް މީހެއް ނޫންކަން." އަތު ކޮޅަށް ދޮރުޖަހާ ގެއިން ނުކުންނަން ދަމުން އެންމެ ފަހުނ...

06 May 2021 | 05:15

ލިޔުނީ: ސަމްލާ އިބްރާހިމް

"އަހަރެން މި ބުނީ ހަމަ އެންމެ ހަތްދިހަ ހާސް ދޭށޭ. އެހެން ނޫނަސް މަށަށް އެނގޭ ބައްޕަތީ ރުފިޔާ ނެތް މީހެއް ނޫންކަން." އަތު ކޮޅަށް ދޮރުޖަހާ ގެއިން ނުކުންނަން ދަމުން އެންމެ ފަހުން މިފްރާހު ބުނެލި ޖުމްލަ މުޅި ސިޓިންރޫމުގައިވަނީ ގުގުމާލާފައެވެ. އުމުރުން ފަންސާހުގެ ކުރީކޮޅުގެ އަހަރުތައް ގުނަމުންދާ ހާރޫން އޭނާގެ އަތުގައިވާ ސިނގިރޭޓް ފަހު ފަހަރަށް ދަމާލުމަށްފަހު އަޅިކެނޑިއަށް އެވައްޓާލީ މިފްރާހު ގެއިން ނުކުމެގެން ދިޔަތަން ބަލަން އިނދެއެވެ.

މިފްރާހަކީ ހާރޫނާއި ހަސީނާގެ ކައިވެންޏަށް 11 އަހަރުވީފަހުން އެމީހުންގެ ޙަޔާތުގައި ފޮޅުނު ހަމަ އެކަނި މަލެވެ. އަދި އެއީ އެމީހުން ދުނިޔޭގެ އެކި ހިސާބުތަކަށް ދަތުރުކޮށް ހޯދި ފަރުވާގެ މޭވާވެސް މެއެވެ. މިފްރާހަށްފަހު އިތުރު ކުއްޖެއް ނުލިބޭނެކަމަށް ޑޮކްޓަރުން ބުނެފައިވުމާއި ފިރިހެން ކުއްޖެއް ލިބުމުގެ ސަބަބުން އެމީހުން މިފްރާހް ބަލަމުން ގެންދަނީ އެއްވެސް ކަމެއް ދަތި ނުވާނެ ފަދައަކުންނެވެ. މިފްރާހު އެދޭ ކަންކަމުގައި ހަސީނާ އެއްވެސް ހަމައެއް ލަމައެއް ނެތި  ޚަރަދުކުރަމުން ދިޔަ ނަމަވެސް ހާރޫނަކީ ކޮންމެ ކަމެއްގައިވެސް ހަރުދަނާ ސިޔާސަތެއް ގެންގުޅޭ މީހެކެވެ. މިކަމުގެ ސަބަބުން އުމުރުން އެންމެ 21 އަހަރުގެ އެއްވެސް ޒިންމާދާރުކަމެއް ނެތް މިފްރާހަށް އޭނާގެ ބައްޕަ ސިފަކުރެވެނީ "މުށްބާރު" އަދި ބޮޑާ މީހެއްގެ ގޮތުގައެވެ.

"އޭ ބުރޯ. ކޮބާ ކިހިނެތް އެއްކަލަ ކަންތައް ދިޔައީ؟" މިފްރާހުގެ ހުސް ވަގުތުތަކުގެ ބައިވެރިޔާ ފައްތާހު ސުވާލުކޮށްލީ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް ކަހަލައެވެ. "މާބޮޑަށް ފުއްޕާކަށް ނުކެރުން. ދެރައީ އެގަޑީ މަންމަ ނެތީމަ. އެހެންނަމަ ވަރަށް ހަބޭސް ވީސް. މަ ޖެހޭނީ މަންމަ ކައިރީ އެއްފަހަރު ބުނެލަން. އެކަމަކު މަގޭ ބައްޕައެކޭ އެކިޔާ މީހަ ހުންނަނީ ލަގޮނޑީގަ ނާށި ލައިފަ ވިއްޔަ. މަށަށް އެނގޭ ކަމަކީ އެންމެ ރީސެންޓް އެއަރބްލޭޑެއް ނުގަނެވިއްޖެއްޔާ މަގޭ ނަމަކަށް މިފްރާހެއް ނުކިޔާނެކަން." އަމިއްލަ ނަފްސަށް ފަޚުރުވެރިވުމުގައި ހައްދުފަހަނަ އަޅާފައިވާ މިފްރާހަށް ކިޔޭ ނުކިޔޭއެއް ނޭނގޭ ކަހަލައެވެ. "ބުނަންތަ ވާހަކައެއް؟ ކުޑަކޮށް ބައްޕަ ހައްދާލާ.  ބުނޭ މިއުޅެނީ ޖޮބަކަށް އެޕްލައި ކޮށްގެންނޭ. ބައްޕައަތުން ނަގާ ރުފިޔާ އަނބުރާ ދޭނަމޭ ކިޔާ ނިކަން ބަހުގެ އިތުބާރު ހޯދަބަލަ ބްރޯ." މިފްރާހުގެ ކޮނޑުގައި ޖަހާލަމުން ފައްތާހު ހިނގައިގަތީ އޭނާގެ ވޭވް ސައިކަލާ ދިމާލަށެވެ.

"ހާރޫނު އަޅެ ކީއްތަ ވާނީ އެސޮރު އެބުނާ ކަހަލަ ސައިކަލެއް ގަންނަން ރުފިޔާ ދިނިއްޔާ؟" ދުފާ ތަބަކުން ކަރަންފުލެއް ނަގާ ހާރޫނަށް ދިއްކޮށްލަމުން ހަސީނާ ސުވާލުކުރީ މިފްރާހު އޭނާގެ ގާތުގައި ދެއްކި ވާހަކަޔާ ގުޅުވައިގެންނެވެ. "ހަސީނާޔަށް ހަމަ ރަނގަޅަށް އެނގޭނެ އެ ރުފިޔާކޮޅު މަ ބަހައްޓާފަ އެހުރީ ބިއްދަށް ފަރާތުގަ ކޮޓަރި ބަރިއެއް އަޅަންކަން. އެހެން ނޫނަސް މިފްރާހުވެސް މިހާރު އެހުރީ އަތުންފައިން މަސައްކަތްކޮށްގެން ރުފިޔާ ހޯދޭވަރުވެފަ. އަބަދަކު އަހަރެމެނެއް ނުތިބޭނެ އޭނަޔަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދޭކަށް. މި ހިސާބު ގަނޑުގަވެސް ނޫޅޭ އެފުރައިގެ އެފާޑަށް އުޅޭ އެހެން ކުއްޖެއް. ބުޅާ ނިދާހެން ނިދާފަ، ލާޗާރު ބިޗާރަށް އެއުޅެނީ ގައިމު އަހަރެމެން އެގޮތްގޮތަށް އުޅެން ދަސްކޮށްދީގެނެއް ނޫން." ހާރޫނު އޭނާގެ ހިތުގައިވާ ޝަކުވާތައް ބަންޑުންކޮށްލީ ލޯބިވާ އަނބިމީހާގެ އެއްބާރުލުން ލިބޭނެކަމަށް އުންމީދު ކޮށްގެންނެވެ. "ތިޔޭ ހާރޫނުގެ މައްސަލައަކީ. ދުވަހަކު އެސޮރު ކުރާ ރަނގަޅު ކަމެއް ނުފެނޭ. އެސޮރާ ހިތުން ރުހުމުން އަނގައިން ބުނަނީއެއް ނޫން. ލާރިއެއްގެ ވާހަކަ ބުންޏަސް ތިޔަ ހުރިހާ ހާސަރުތައް ނުދަމަ ދެވޭ ކަމަކަށްނުވޭ. ހާރޫނަށް ލިބިފަ ތިހުރީ ހަމަ ހާރޫނުގެ ބަފާގެ ދަހިކަން." އުނގުގައި ހުރި ދުފާތަބަށް ނަގާ ސޯފާ މައްޗަށް ހޫރާލުމަށްފަހު ހަސީނާ ހިނގައިގަތީ އެމީހުންގެ ކޮޓަރިއާ ދިމާލަށެވެ. ދިގު ވެފައިވާ ނުރަ ތުނބުޅީގެ ތެރެއަށް އަތް މަހާލައިގެން އިން ހާރޫނު ފުން ވިސްނުމެއްގެ ތެރެއަށް ގަންބާލަމުންނެވެ.

ރަށު ކޯޓުގެ މަސައްކަތު މީހަކަށް އުޅެމުން، ލިބޭ ހުސްވަގުތު އަމިއްލަ ޑިންގީގައި ފަރުމަހަށް ގޮސްގެން ލިބޭ ރުފިޔާއިން ގޭގެ ޚަރަދުތައްކޮށް، ކޮންމެ މަހަކު ބާކީ ކުރާ މަދު ރުފިޔާކޮޅު މިފްރާހަށް ދިނުމާމެދު ވިސްނާ ވިސްނާ ހާރޫނުގެ ސިކުނޑި ވަނީ ތަޣައްޔަރު ވެފައެވެ. ވާނީވެސް އެހެންނޫން ހެއްޔެވެ؟ ޅަދުވަހުން ފެށިގެން ކައިވެނިކޮށްގެން އުޅޭ ބައިވެރިޔާވެސް މިކަމުގައި ހާރޫނާ އެއްގަލަކަށް ނޭރިއެވެ. އެހެންކަމުން ސައިކަލު ގަތުމަށް މިފްރާހަށް ރުފިޔާދީ ގެ އެޅުމަށް ލޯނެއް ނެގުމަށް ހާރޫނު ނިންމީ އޭނާގެ ހިތާ ދެކޮޅަށެވެ. ހާރޫނު ނެތް ދުނިޔެއެއްގައިވެސް އޭގެ ދެމައިންނަށް އާމްދަނީއެއް ލިބޭނެފަދައިން ކޮޓަރިބަރި ކުއްޔަށް ދިނުމަށް ކުރަންޖެހޭ ޚަރަދުތައް ހިސާބުކުރަމުންނެވެ. ލޯބިވާ އަނބިމީހާ އާއި ދެލޯ ނޭދި އެދޭ ދަރިފުޅުގެ ބަހަށް އިތުބާރު ކުރަމުންވެސް މެއެވެ.

ދުވަސްތައް ފާއިތުވަމުންދިޔަ ނަމަވެސް މިފްރާހުގެ އުޅުމަށް ކުޑަ ނަމަވެސް ބަދަލެއް ނާދެއެވެ. އެއްވެސް ހަރުދަނާ ކަމެއްނެތި  ރަށުތެރެއަށް ގިނަ ވެގެން އުޅެނީ ތިމާގެ ނެތް ފެންވަރު ދައްކަމުންނެވެ. އެހެނެއްކަމަކު ހާރޫނު މަސައްކަތްކުރަމުންދަނީ ހާރޫނުގެ އެކައުންޓުގައި ރައްކާ ކުރެވިފައިވާ މަދު ފައިސާ ކޮޅާއި އޭނާގެ ގެ މޯގޭޖް ކުރުމަށްފަހު ބޭންކް އޮފް މޯލްޑިވްސް އިން ނަގާފައިވާ އެއްލައްކަ ފަންސާސްހާސް ރުފިޔާގެ ލޯނު އޭނާގެ އެކައުންޓަށް ޖަމާވިހާ އަވަހަކަށް ގޭގެ މަސައްކަތް ފެށުމަށެވެ. އަދި މިހާރު އޭނާގެ ޢަޒުމަކަށް ވެފައިވަނީ ގެއާ އިންވެގެން އޮންނަ ހުސް ބިމުގައި ހަތަރު ކޮޓަރީގެ ރަނގަޅު ފެންވަރުގެ އެޕާޓުމެންޓެއް ތަރައްޤީކޮށް އެތަން ބޮޑު އަގުގައި ކުއްޔަށް ދިނުމެވެ. ހަމަ މިއާއެކު ބީ.އެމް.އެލް އިން ނަގާފައިވާ ލޯނު ހަމަޖެހިފައިވާ މުއްދަތަށްވުރެ އަވަހަށް ދައްކާ ޚަލާސް ކުރުމުގެ އުންމީދު ހާރޫނުގެ ހިތުގައި އަބަދުވެސް ވެއެވެ. އެހެނީ ލޯނު ނަގާ ބޮޑު ދަރަންޏެއް ބޮލުގަ އަޅައިގެން އުޅުމަކީ އެއް އިރެއްގައިވެސް ހާރޫނު ކުރަން ބޭނުންވި ކަމެއް ނޫނެވެ.

އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. ވައިގަދަވެ ގުގުރަންފެށީ ކުރިން އިންޒާރު ދިނުމަކާ ނުލައެވެ. ހާރޫނުގެ ދެމަފިރިން އަށެއްގެ ޚަބަރު ބެލުމަށް ހަމަޖެހިލައިގެން ސޯފާގައި ތިބީ އިޝާ ނަމާދުން އަވަދިވެގެން ކެއުމަށްފަހު ވެސް މެއެވެ. ކުއްލިޔަކަށް ގޭގެ ދޮރު ހުޅުވާލުމަށްފަހު ބޮލުގެ އިސްތަށިގަނޑުން ފެން ފޮޅަމުން މިފްރާހު އައިސް ވެއްޓިގަތީ ހާރޫނުމެން ތިބި ސޯފާ އާއި ޖެހިގެން ހުރި ސޯފާ މައްޗަށެވެ. "މަންމާ! އަނެއްކާވެސް ރުފިޔާ ކޮޅެއް ދޭންވެއްޖެ. އަހަރެން ނޫނީ ހުރިހާ ރައްޓެހިން މިހާރު ގެންގުޅެނީ އައިފޯން 12. ޕްރޮމިސް ހަމަ. އަހަރެން އަނބުރާ އެ ފައިސާ ދައްކާނަމޭ. " މިފްރާހުގެ ރާގު ހުރި ގޮތުން ހީވަނީ ކުޑަ ކުއްޖަކު ބޯ މެޓައެއް ބޭނުންވެގެން ކުސްތަޅާލި ހެންނެވެ. ހާރޫނު އަނގައިން ބުނުމަށް ބުރަކަށި ސީދާ ކޮށްލުމާއެކު ހަސީނާގެ އަތުގެ އިޝާރާތުން އެކަން މަނާކޮށް އޭނާ ވާހަކަ ދައްކަން ފެށިއެވެ. "އިހަށް ފަހަރުވެސް އަނގަ ފުޅާކޮށްފަ ބުނި ހަމަ ތިހެން. ވީކަމެއް ހަރާމުން ހަރާން. ގެއެއްގަ މަޑުވަނީ އެއް ނޫން. ރެސްޓޯރެންޓަކުން ނޫނީ އެއްޗެއް ދިރޭ ކަމަކަށް ވަނީއެއް ނޫން. އަތުން ފައިން މަސައްކަތެއް ނުކޮށް އަޑުގަދަކޮށް ސައިކަލު ދުއްވާފަ، އައިފޯނު ހިފައިގެން އަންހެން ކުދިންނަށް ތިއްތި ދެއްކުނީމަ އެދެން ހުރިހާ ކަމެއް ހަމަވީތަ؟" ހަސީނާގެ ހިތަށް ކޮށްފައިވާ އަސަރުތައް ބަންޑުންކޮށްލީ ރުޅިވެރި ޝުޢޫރުތަކެއްގެ ސިފައިގައެވެ. ދެމައިންގެ މެދުގައި ޒުވާބެއް ފެށިދާނެކަމަށްބަލާ ހާރޫނު ޓީވީގެ އަޑު ގަދަކޮށްލިއެވެ. " ބޭންކުން އެއްވެސް ފަރާތަކަށް ކާޑުގެ މައުލޫމާތު ހޯދުމަށް ނުގުޅާނެ ކަމަށާއި، ބޭންކުގެ ނަމުގައި ގުޅާ ގޮތް ނޭނގޭ ފަރާތްތަކަށް ޒާތީ މައުލޫމާތާއި ކާޑުގެ މައުލޫމާތު ނުދިނުމަށް ބޭންކް އޮފް މޯލްޑިވްސްއިން އަނެއްކާވެސް އިލްތިމާސްކޮށްފި. ބީ.އެމް.އެލް އިން މިމަހުގެ ތެރޭގައި ދެވަނަ ފަހަރަށް މިކަމަށް އިލްތިމާސް ކޮށްފައި މިވަނީ ގިނަ ބައެއްގެ އަތުން އޮޅުވާލައިގެން ބޮޑެތި އަދަދުތަކުން ފައިސާ އަތުލަމުންދާ ކަމުގެ ޝަކުވާ އެ ބޭންކަށް ލިބެމުންދާތީ.... " ޓީ.ވީ.އެމް ގެ ޚަބަރު ހުށައަޅައިދޭ ޕްރެޒެންޓަރގެ އަޑު ސިޓިންރޫމްގެ ތެރެއަށް ސާފުކޮށް އިވިގެންދިޔައީ ގުގުރީގެ އަޑު މެދުކެނޑިފައިވާ ވަގުތަކަށް ވާތީއެވެ. ކުއްލިޔަކަށް ކަމެއް ހަނދާންވި މީހަކު ފަދައިން މިފްރާހު ބާރު ބާރަށް ހިނގާފައިގޮސް އަނެއްކާވެސް ގެއިން ނުކުމެއްޖެއެވެ.

”މިފަހަރަކު ހިޔެއްނުވޭ ކޮޅެއްގަ ޖެހޭނެހެނެއް. މަންމަވެސް ހުރީ ކަޓާފަ. ކުރީ ފަހަރުވެސް އެމީހުންނަށް ދޯކާ އެއްނު މަ ދިނީ" ކުރިމަތީގައި ހުރި ކޮފީ ޖޯޑު ނަގާ އެތިފޮދެއް ބޯލަމުން މިފްރާހު ބަލާލީ ފައްތާހުއާ ދިމާލަށެވެ. "މަށަކަށްވެސް ނެތް ހަމަ ކުޑަ އެއްޗެއްވެސް ދެވޭކަށް. ބްރޯއަށް ވެސް އެނގޭނެ މަވެސް މި ރެޑީވަނީ މެރީ ކުރަންކަން. އެފަހަރު ވަޒީފާ ލިބުނު ގަރާޖަށް ދިޔަ ނަމަ ކޮންމެސް އެއްޗެއް ބްރޯ އަތުގަވެސް ހުރީސް ދޯ. ދެން ނަމަ އަކުން ކުރާނެ ކަމެއް ނެތްތާ. ތި ޚިޔާލު ދޫކޮށްލަން މަށަށް ދެން ފެންނަނީ." ވެއިޓަރު ގެނައި ފުޅިން ތައްޓަށް ފެން އަޅަމުން ފައްތާހު ބެލީ މިފްރާހުއަށް ވިސްނައިދެވޭތޯއެވެ. "ހީކުރާ ގޮތް ދޯ؟ މަށަކީ ބަލި ގަބޫލު ކުރާނެ މީހެއްނޫން. ފައްތޭވެސް މަށަށް މިހާރު ލެކްޗަރު ދޭން ފެށީ. މަށާހެދި އުނދަގު ވިޔަސް ބުނޭ. މަ ނޫޅެން ކޮންމެހެން ގޮތް ހުސްވެގެނެއް." މޭޒުމަތީގައި ބާރަށް އަތުން ޖެހުމަށްފަހު ކޮފީތަށި ގަޔާ ދުރަށް ކޮށްޕާލަމުން ގޮނޑިން ތެދުވެ މިފްރާހު ހިނގައިގަތީ ރެސްޓޯރެންޓުން ނުކުންނާށެވެ.

ހަފްތާގެ ހޮނިހިރު ދުވަހެވެ. ހާރޫނު ތައްޔާރުވަމުންދަނީ މިފަހަރު ބޯޓުން މާލެގޮސް ކޮޓަރި ހެދުމަށް ބޭނުންވާ ރަނގަޅު ސާމާނު ސީދާ ހާރޫނު ގަތުމަށެވެ. ހަވީރު ބޯޓު ފުރަން ހަމަޖެހިފައިވާތީ ހާރޫނުގެ ދެފައި އެއްތާކު ޖެހޭ ކަމަކަށް ނުވެއެވެ. އަންނައުނު ދަބަސް ތައްޔާރުވެއްޖެތޯވެސް ހަސީނާ ކުރެން މިހާރު 3 ފަހަރަށް އަހައިފިއެވެ. މާލެގޮސް ގަންނަންޖެހޭ ތަކެތީގެ ލިސްޓު ތައްޔާރުކުރަން ފެށިފަހުން ހަފްތާއެއް ފާއިތުވެފައިވީ ނަމަވެސް އަދިވެސް ލިސްޓު ފުރިހަމަވީ ކަމަކަށް ނުމެވޭމެއެވެ.

"ހަސީނާ!!! ނިކަން ހަރުކޮށް އާދެބަލަ.." ހާރޫނު އަޑުގެ ނެތްތަނަށް ގޮވާލީ އޭނާގެ ފޯނަށް ބަލަހައްޓައިގެން އިނދެއެވެ. "އެއްކަލަ ހާރޫނު. މިހާރު ކިހިނެއްވީ މާބާރަކަށް ތި ގޮވަނީ؟މިވަރުން ދަންޏާ ދުވަސްކޮޅަކުން އަހަރެން ލޭ މައްޗަށް ނުދާނެ ކަމެއްވެސް ނޭނގެ" ހާރޫނާ އަރާ ހަމަ ކުރަމުން ހަސީނާ މިހެން އެހި ނަމަވެސް އޭނާއަށް އެއްވެސް ޖަވާބެއް ނުލިބުނެވެ. "ހޫން.. އަނެއްކާ އެއްކަލަ ބެންކު އެއްޗަށް ވަދެގެންދޯ. ބަލަ ހާރޫނު ދެއިރު ދެ ދަޅައަށް ތިޔަށް ވަނަސް ރުފިޔާ އިތުރެއް ނުވާނޭ. ހާރޫނު ބޭނުންކުރިއްޔާ ނޫނީ މަދެއްވެސް ނުވާނެ." ވާނުވާ ނޭނގިހުރެ ހާރޫނުގެ ފޯނާ ދިމާލަށް ބަލާލުމަށްފަހު ހަސީނާ ހިނގައިގަތީ އައިކޮޅަށް އަނބުރާ ދިޔުމަށެވެ. ކުއްލިޔަކަށް އެއްޗެއް ވެއްޓި ޖެހުނު ކަހަލަ ބާރު އަޑެއް އިވިގެން ހަސީނާ ބަލާލި އިރު ހާރޫނު އޮތީ މުށިގަނޑު މައްޗަށް ދެމިފައެވެ. އަތުގަ އޮތް ފޯނު ވަނީ މާ ދުރަށް ވިއްސައިގެން ގޮސްފައެވެ. "ހާރޫނޫ...." އަޑުގެ ނެތްތަނަށް ހަޅޭލަވައިގަންނަމުން، ހެދުން ކޮށިކޮށްލާ ހަސީނާ ދުއްވައިގަތީ ހާރޫނާ ދިމާލަށެވެ.

އައިސީޔޫގެ ބޭރުގެ ގޮނޑިބަރީގައި ހަސީނާ އިށީނދެގެން އިން އިރުވެސް އޭނާގެ ލޮލުން ކަރުނައެއް ނުހިކެއެވެ. ހަސީނާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހާރޫނުގެ އެއްބަފާ ދައްތަ އިންއިރު މެދު ކެނޑުމެއްނެތި ހަސީނާ މަސައްކަތް ކުރަމުންދިޔައީ މިފްރާހަށް ގުޅޭތޯއެވެ. "ހާރޫން އަބްދުލް ކަރީމްގެ އެހީތެރިއެއް." ކުއްލިއަކަށް އައިސީޔޫގެ ދޮރު ހުޅުވާލުމަށްފަހު ނަރުސް ކުއްޖަކު މިހެން ބުނެލުމާއެކު ހަސީނާ އެދިމާލަށް ހިނގައިގަތެވެ. "ޕޭޝަންޓު ހޭ އަރައިފި. މިހާރު އިރާދަ ކުރެއްވީތީ އެއްވެސް ނުރައްކަލެއްނެތް. ޑޮކްޓަރ ވިދާޅުވަނީ މައިނާ ހާރޓް އެޓޭކެއް ކަމަށް. ޕޭޝަންޓާ މިހާރު ބައްދަލު ކޮށްލެވޭނެ. އެކަމަކު ހިތުގަ ޖެހޭނެ ނުވަތަ ވިސްނަންޖެހޭ ކަހަލަ ވާހަކައެއް ދައްކައިގެން ނުވާނެ." ނަރުސް ކުއްޖާ ދެއްކި ވާހަކައަށް ބޯޖަހާލަމުން ހަސީނާ ހިނގައިގަތީ ހާރޫނު ބޭއްވިފައިއޮތް އެނދާ ދިމާލަށެވެ. އޭރުވެސް މެޝިނުތަކުގެ ބީޕް އަޑުން މުޅި ކޮޓަރިތެރޭގެ ހަމަހިމޭންކަން ވަނީ ނަގާލާފައެވެ.

"ހަސީނާ.. ކީއްވެ، ކީއްވެ މިހެން ވާންވީ. އަހަރެން މީހަކަށް ދެރައެއް ދިނިއްޔެއް ނޫން. މަކަރާ ހީލަތުން ފައިދާއެއް ހޯދީއެއް ނޫން. އަހަރެންގެ އެކައުންޓުގަ ހުރި ހުރިހާ.. ހުރިހާ ފައިސާ އެއް ވީ ނުވީއެއް ނޭނގި ގެއްލިއްޖެ.. އުނު އޮރިޔާން ނިވާ ކުރާނެ ފަދަ ވެސް މިހާރު މަގޭ އަތަކު ނެތް.. އަހަރެން މުޅިން ގޮތް ހުސްވެއްޖެ.." ހިތް ދަތިވެފައިވާ ހާރޫނުގެ ބޮލުގައި ފިރުމާލަ ފިރުމާލަ ހަސީނާ ހުރީ ހާރޫނުގެ ހިތްހަމަ ޖެހުމަށް ބުނާނެ އެންމެ ލަފުޒެއްވެސް ދުލަށް ނައިސްގެންނެވެ. "މީގެ ދެ ދުވަސް ކުރިން މަށަށް އައި ފޯނެއް. ބުނީ މިގުޅީ ބެންކުންނޭ. މިހާރު ކުރިއަށް އެބަދެޔޯ ޕްރޮމޯޝަނެއް. އެހެންވީމަ ނެގި ލޯނުގެ އިތުރުން 25 ހާސް އިތުރަށް ޖަމާކޮށްދޭނެޔޯ. އެކަމަކު އެކަން ކުރެވޭނީ ކާޑުގަ އިން ނަމްބަރެއް ކިޔާ ދިނީމައޭ ބުނީ.. ބުނީމަ... ބުނީމަ.. އަހަރެން އެބުނާ ނަމްބަރެއް ކިޔާދިނިން.. ކުޑަކޮށްވެސް ހިތަކަށްނާރާ މިހެން ވެދާނެއެކޭ.. " ހާރޫނުގެ އަރު ބެދޭގޮތް ވެފައިވަނީ ގިނައިރު ރުއިމުގެ ސަބަބުންނެވެ. ހަސީނާ ހާރޫނުގެ އަތަށް ފިތާލީ ކޮންމެ ހާލެއްގައިވެސް އޭނާއާ އެކު އެބަ ހުރީމޭ ބުނުމުގެ ގޮތުންނެވެ.

އިތުރު 3 ދުވަހު ހޮސްޕިޓަލުގައި ހާރޫނު ބޭއްވުމަށްފަހު ގެއަށް ދޫކޮށްލައިފިއެވެ. މިވީ ދުވަސްތަކުގައި މިފްރާހުގެ އެއްވެސް ޚަބަރެއް ނުވެއެވެ. އުޅެން ޖެހުނު ގޮތުން މިފްރާހަށް ގުޅާކަށް ހަސީނާ މާބޮޑު ސަމާލުކަމެއްވެސް ނުމެދޭމެއެވެ. ހަސީނާގެ ފޯނު ރިންގުވާންފެށީ ހޮސްޕިޓަލުން އައިސް ކިރިޔާ ހަމަޖެހެވުނު ތަނާއެވެ. "ބޮޑުއްތާ.. މިފޫ ދޮންބެ ޕޮލިހަށް ގެންގޮސްފި. ހަމަ ދެންމެ. ކޮންމެސް ޕޮލިހަކަށް ގުޅާފަ ކަމަކަށް އެއްބަސްވީއޯ. އާދެބަލަ ނިކަން އަވަހަށް ސްޓޭޝަނަށް. މަވެސް މި ނައްޓާލަނީ." މިފްރާހަށްވުރެ އެއް އަހަރު ހަގު، ހަސީނާގެ އެއްބަނޑު ހަރީރާގެ ފިރިހެން ދަރިފުޅު ގުޅުމަށްފަހު ދިން ޚަބަރަކުން އޭނާގެ ދުނިޔެ އެނބުރިގަތް ކަހަލައެވެ.

"މިފްރާހު އެބަ ބުނޭ ހާރޫނުގެ އެކައުންޓުން ފައިސާ ނެގީ އޭނައޭ. އަދި އެބަ އެއްބަސްވެސްވޭ އޭގެ ފަހުން އިތުރު ދެމީހެއްގެ އެކައުންޓު ދަވާލިކަމަށް. މިކަމުގައި އަޅުގަނޑުމެނަށް ކުރެވޭނެ ކަމެއްނެތް. ކޯޓު އަމުރާ އެއްގޮތަށް ޝަރީއަތް ނިމެންދެން ބަންދުގަ ބަހައްޓަން ޖެހޭނީ. ބަންދަށް 15 ދުވަސް ޖަހާފަ އަދި މީނީ. އަމިއްލަ އަށް އެއްބަސްވީމަ ޔަގީނުންވެސް ދުވަސް އިތުރުވަމުން ދާނީ.." ޕޮލިސް ސްޓޭޝަނުން ހާރޫނުގެ ދެމަފިރިންނާ ބައްދަލުކުރި ފުލުސް އޮފިސަރު ވެގެން އުޅޭގޮތް ނުހަނު ސާފުކޮށް ކިޔައިދިނެވެ. އޭރު އިސްޖެހިފައި ހަސީނާ އިން އިރު ހާރޫނު ކަޅި ޖަހާނުލާ ބަލަހައްޓައިގެން ހުރީ މިފްރާހާ ދިމާލަށެވެ. " މި ހުރިހާ ކަމެއްކޮށްފަ ވަރަށް ހަމަ ޖެހިލައިގެން އުޅުނީ ފޯނުވެސް ނިވާލައިގެން.. އެކަމަކު ރޭގަ.. ރޭގަ ފެނުނީ ވަރަށް ބިރުވެރި ހުވަފެނެއް.. ސަންދޯކުގަ ފިތިގެން ނޭވާ ނުލެވިގެން އުޅެނިކޮށް. އެކި ކަހަލަ އުނދަގޫ ހުވަފެނުގަ ވި.. ހޭލެވުން އިރު ދާހިއްލާ ފޯވެފަ. ފަހުން ނުވެސް ނިދުނު. ހިތަށް ވަންނަނީ އެންމެ ނުބައި ގޮތްގޮތަށް.. ދެން އަހަރެންގެ ފޯނު މި ހުޅުވީ.. ހުޅުވިއިރު ވަރަށް ގިނަ މީހުން ގުޅާ މެސެޖު ކޮށްފަހުރި.. ބައްޕައަށް ދިމާވި ގޮތް އެނގުނީވެސް ރޭގަ، އެވެސް ފައްތޭ ކޮށްފަ އިން މެސެޖު ފެނުނީމަ.. މިހާރު ވަރަށް ދެރަވޭ ކަންތައް މިކުރެވުނު ގޮތުން. އެހެންވެ އަމިއްލައަށް މި ތަނަށް މި އައީ.. މަންމާ.. ބައްޕާ.. އަހަންނަށް މާފު...." މިފްރާހުގެ ވާހަކަ މިހާ ހިސާބަށް ދިޔަތަނާ ހާރޫނު އިން ގޮނޑިން ތެދުވެއްޖެއެވެ. "އަހަރެން ކަލެއާމެދު ދެކުނު ހުވަފެންތައް ވިއްސި ވިހާލިވެއްޖެ. އަހަރެންގެ އަނބިމީހާގެ ހައްގުގަ ކަލޭގެ އުޅުން ރަނގަޅުވާނެ ކަމަށް ކުރި އިތުބާރު ގެއްލިގެން ދިޔަތާ އެތައް ދުވަހެއް. އަދި މިއަދު .. މިއަދު ކަލޭގެ ބަހުގެ އިތުބާރުވެސް ގެއްލިއްޖެ. މިއަދަށްފަހު އަހަރެންގެ މިފްރާހު ކިޔާ ދަރިއެއް ނުހުންނާނެ.. ދެން މައުޅޭ ފޫޓު ތެރެއަށް ވަދެގެންނުވާނެ." ހަސީނާގެ އަތުގައި ހިފާ ދަމަމުން ކަހަލަ ގޮތަކަށް ހާރޫނަށް ދެވުނީ ސްޓޭޝަންގެ ގޭޓާ ހަމައަށެވެ. ކަނޑާ ވައްޓާލި ރުކެއްހެން ހާރޫނު ވެއްޓުނު އިރުވެސް އޭނާގެ ވިންދެއް ނެތެވެ. މިފްރާހު ހެދި ހިންތާގައި އޭނާގެ މުޅި ދިރިއުޅުން ވިއްސި ވިހާލިވެ ޖަލުގެ ތޭރިތަކުގެ ތެރޭގައި ގައިދު ކޮށްލުމަށްފަހުއެވެ.

---- ނިމުނީ-----------------

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް