ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރޭ މުނާސަބަތާ ދިމާކޮށް ސަރުކާރުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި އދ. އަތޮޅު ކައުންސިލުން ބައިވެރި ނުވާން އެ ކައުންސިލުން ފާސްކުރި ގަރާރު ބާތިލްކޮށްފި އެވެ.
އެ ގަރާރު ބާތިލް ކަމަށް ނިންމާފައިމިވަނީ މިނިވަން 50 ގެ ހަރަކާތްތަކުގައި ބައިވެރި ނުވުމަށް ނިންމި ގަރާރު ބާތިލް ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު އެ އަތޮޅު ކައުންސިލަށް އިންޒާރު ދެއްވާފައި ވަނިކޮށެވެ. އުމަރު ފޮނުއްވި ސިޓީގައި ވަނީ ގަރާރު ބާތިލްކޮށް މައާފަށް ނޭދެފިނަމަ ގާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އެ ގަރާރު ބާތިލްކުރުމަށް އދ އަތޮޅު ކައުންސިލްގެ އިއްޔެގެ ބައްދަލުވުމަށް ހުށަހަޅާ އަގުލަބިއްޔަތުން ފާސްކޮށްފައިވާ މައްސަލާގައި ބުނެފައިވަނީ "މިނިވަން ދުވަސް ފާހަގަކުރާ ކަހަލަ މާހައުލެއް ދިވެހިރާއްޖޭގައި ނެތް ކަމަށް ބުނެ އދ. އަތޮޅު ކައުންސިލުން މިނިވަން ދުވަހުގެ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް ނިންމި ނިންމުމަކީ ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނުގެ 71 ވަނަ މާއްދާއާ ހިލާފު ކަމަކަށް ވީހިނދު މިނިންމުން ބާތިލްކުރުމަށް ނިންމީ،" ކަމަށެވެ.
އދ. އަތޮޅު ކައުންސިލްގައި ތިއްބަވަނީ ހަ ކައުންސިލަރުންނެވެ. ކުރީގެ ގަރާރު ބާތިލް ކުރީ އިއްޔެގެ ބައްދަލުވުމަށް ހާޒިރުވި ފަސް ކައުންސިލަރުންގެ ތެރެއިން ތިން ކައުންސިލަރުންގެ އަގުލަބިއްޔަތުންނެވެ. މި ގަރާރު ބާތިލްކުރަން ވޯޓް ދެއްވީ ޕީޕީއެމަށް ނިސްބަތްވާ ކައުންސިލްގެ ރައީސް ސުހާނާ އާދަމްއާއި ޕީޕީއެމަމްގެ ކައުންސިލަރު އަލީ ފުއާދާއި، ޖުމްހޫރީ ޕާޓީގެ ކައުންސިލަރު އަހްމަދު ކަމާލް އެވެ. ދެކޮޅަށް ވޯޓް ދެއްވީ ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ކައުންސިލްގެ ނައިބް ރައީސް އަލީ އަޒަމްއާއި އެމްޑީޕީގެ ކައުންސިލަރު އަހްމަދު ހަލީލް އެވެ. މޭޑޭގައި މާލޭގައި ބޭއްވި ބޮޑު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާތީ އެމްޑީޕީއަށް ނިސްބަތްވާ ކައުންސިލަރު އަބްދުލް މުހައިމިން މުހައްމަދު އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވެފައެއް ނުވެ އެވެ.
މިނިވަން 50ގެ ހަރަކާތްތަކުގައި ބައިވެރިނުވާން އދ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކުރީ ކައުންސިލް ބައްދަލުވުމުގައި ވޯޓުގައި ބައިވެރިވި ހަތަރު ކައުންސިލަރުންގެ އިއްތިފާގުންނެވެ. އެ ދުވަހުގެ ވޯޓުގައި ޕީޕީއެމްގެ ކައުންސިލަރުން ބައިވެރިވެފައެއް ނުވެ އެވެ.
އުމަރު އދ އަތޮޅު ކައުންސިލަށް ފޮނުއްވި ސިޓީގައި ވަނީ ގާނޫނުގެ ތެރެއަށް އަނބުރާ އެ ކައުންސިލުން އައުމަށާއި އަދި ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުން އަނބުރާ ގެނެސް ހަތް ދުވަހުގެ ތެރޭގައި ކައުންސިލުން މައާފަށް އެދުމަށް އަންގާ ކަމަށެވެ. ހަރަކާތްތަކުގައި ބައިވެރި ނުވާން ނިންމާ ގަރާރު ފާސްކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް