އިސްލާމިކް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި މުހައްމަދު ޝަހީމް އަލީ ސައީދަށް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ޝުކުރު އަދާކުރައްވައިފި އެވެ.
ވެރިކަންކުރާ ޕީޕީއެމްގެ ރައީސް މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ގިނަ އަހަރުތަކެއް ވަންދެން އިސްލާމިކް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން ޝަހީމް ވަނީ ގައުމަށް އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފަ ކަމަށެވެ.
"އެ ހިދުމަތްތަކަށް ޝުކުރު އަދާކުރަން،" އިނގިރޭސި ބަހާއި އަރަބި ބަހުން ކުރެއްވި ދެ ޓުވީޓުގައިވެ އެވެ.
https://twitter.com/maumoonagayoom/status/595824782484086784
ސަރުކާރާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އަދާލަތު ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ޝަހީމް މިނިސްޓަރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވީ އިއްޔެ އެވެ. އޭނާ އިސްތިއުފާ ދެއްވީ ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި އަދާލަތު ޕާޓީގެ ބޭފުޅުން އިސްތިއުފާ ދެއްވަން އެ ޕާޓީން މިދިޔަ ހޮނިހިރު ދުވަހު އަންގާފައި ވަނިކޮށެވެ.
އެކަމަކު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި ސަބަބެއް ޝަހީމް އަދި ވިދާޅެއް ނުވެ އެވެ.
އިސްތިއުފާ ދެއްވިކަން ޓުވިޓާގައި ހާމަކުރައްވަމުން ވެސް ޝަހީމް ވިދާޅުވެފައި ވަނީ ރައީސް އަބްދުﷲ ޔާމީންގެ ކެބިނެޓްގައި މަސައްކަތް ކުރެއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ރައީސް ދެއްވި އެއްބާރުލެއްވުމަށް އޭނާ ވަނީ ޝުކުރު ދަންނަވާފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ޑރ ޝަހީމް އިސްތިއުފާދެއްވީ އިއްޔެ ރައީސް ތަސްދީގު ކުރެއްވި އިސްލާމިކް ޔުނިވާސިޓީގެ ބިލްގެ ދަށުން އުފައްދާ ޔުނިވާސިޓީގެ ޗާންސެލަރުގެ މަގާމަށް ހަމަޖައްސަވަން ނިންމަވާފައިވާތީ އެވެ.
ޝަހީމް އިސްތިއުފާދެއްވުމާއި ގުޅިގެން އިސްލާމިކް މިނިސްޓަރުގެ މަގާމަށް ޑރ އަހުމަދު ޒިޔާދު މިއަދު ރައީސް ވަނީ އައްޔަން ކުރައްވާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް