ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ ދެ ކަނބަލުން ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.
ދެދުވަހުގެ މުއްދަތަކަށް ކުރައްވާ މި ދަތުރުފުޅަށް ފަހު ރައީސް ރާއްޖެ ވަޑައިގެންނަވާނީ މާދަމާ އެވެ.
ރައީސް އޮފީހުން ބުނީ ރައީސް ޔާމީންގެ މި ދަތުރުފުޅުގައި ކުޅިވަރާއި، ސިއްހަތާއި، ތަޢްލީމީ ދާއިރާއިން އަދި މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރުމުގެ ގޮތުން ދެ ގައުމު ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ދަތުރުފުޅުގައި، ޕާކިސްތާނުގެ ރައީސް މަމްނޫން ޙުސައިނާއި، ބޮޑުވަޒީރު މުހައްމަދު ނަވާޒް ޝަރީފާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރައްވާނެއެވެ. އަދި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވަވާނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.
ރައީސް ޔާމިން ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދާއި، ވަޒީރުންގެ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް ޔާމީން ޕާކިސްތާނަށް މިއަދު ވަޑައިގަންނަވާއިރު މިދިޔަ މާޗު މަހުގެ ތެރޭގައި ރައީސް ޔާމީން ވަނީ ސައުދީ އަރަބިއްޔާއަށް ވަޑައިގަންނަވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް