ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ރޭ ފުލުސް އޮފީހަށް ހާޒިރުކުރީ، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލަ އާއި ރާއްޖެ ޓީވީގައި ރޯކުރި މައްސަލައާ ގުޅޭ ގޮތުން، ރާއްޖެ ޓީވީގެ ޕްރޮގްރާމްގައި ދެއްކެވި ވާހަކަތަކާ ގުޅިގެން ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ މައި މަރުކަޒުގައި ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ފަހު، ނުކުމެވަޑައިގެން ރިޔާޒް ނޫސްވެރިންނަށް ވިދާޅުވީ ފުލުހުން ސުވާލު ކުރީ އެ ދެ މައްސަލާގައި އިތުރު މައުލޫމާތެއް ލިބިފައިވޭތޯ ކަމަށެވެ. ރިޔާޒު ވިދާޅުވީ ތަހުގީގުގައި އޭނާއަށް މައުލޫމާތެއް ލިބިފައިވާނަމަ ލިބިފައިވަނީ ޕޮލިސް ކޮމިޝަނަރުގެ ހައިސިއްޔަތުން ކަމަށް ދަންނަވާފައިވާނެ ކަަމށެވެ.
އޭނާ ވިދާޅުވި ގޮތުގައި ޑރ. އަފްރާޝީމްގެ މަރުގެ މައްސަލަ އާއި ރާއްޖެ ޓީވީ ރޯކުރި މައްސަލާގައި، ޕޮލިސް ކޮމިޝަނަރުގެ ހައިސިއްޔަތުން ލިބިވަޑައިގެންނެވި މައުލޫމާތުތައް އޭނާ ހާމަކުރެއްވި ކަމުގެ ތުހުމަތު ވެސް ފުލުހުން ކުރެ އެވެ. އެކަމަކު އެއީ ކޮން މައުލޫމާތުތަކެއް ކަމެއް ފުލުހުންނަށް ބުނެ ނުދެވުނު ކަމަށް ރިޔާޒް ވިދާޅުވި އެވެ.
އެ ތުހުމަތާ ގުޅޭ ގޮތުން ކުރާ ސުވާލުތަކެއް ނަމަ ހަނު ހުންނަވަން ނިންމެވި ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެހެންވެ އެއްވެސް މައްސަލައެއްގައި ފުލުހުން މިރޭ ބަޔާނެއް ނުނަގާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެރޭ ރާޢްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ރިޔާޒު ވިދާޅުވެފައިވަނީ ޑރ. އަފްރާޝީމްގެ މަރުގެ މައްސަލާގައި ލިބިވަޑައިގެންފައިވާ މައުލޫމާތުތައް ވަގުތު ޖެހުމުން ހާމަކުރައްވާނެ ކަމަށެވެ. އަދި ރާއްޖެ ޓީވީ ރޯކުރި މައްސަލާގައި ފުލުހުންގެ އިހުމާލެއް އޮތް ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ރިޔާޒް ވިދާޅުވެފައިވެ އެވެ.
އޭރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ ރިޔާޒެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް