ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރަކީ 15 އަހަރުގެ ބަދަލުގައި 12 އަހަރުކަމުގައި ހަދަން މަސައްކަތް ފަށާނެކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އަލީ އިހްސާން ވިދާޅުވެއްޖެއެވެ.
އަލީ އިހްސާން މިހެން ވިދާޅުވީ ރަސްދޫގައި ކުޑަކުއްޖަކަށް ހަނގާކުރި މައްސަލައިގާ މުއައްސަސާތައް ހިމެނޭހެން އެކުލަވާލާފައިވާ ޓާސްކްފޯހުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އިހްސާން ވިދާޅުވީ މިފަދަ މައްސަލަތަކުގައި މިވަގުތަށް އޮތް އެންމެ ބޮޑު ޗެލެންޖަކީ ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރަކީ 15 އަހަރު ކަމުގައި އޮންނަ އޮތުން ކަމަށެވެ. އަދި ރާއްޖޭގެ ކުށުގެ ވެށީގައި 12، 13 އަދި 14 އަހަރުގެ އެތައް ކުދީންނެއް ހިމެނޭއިރު ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 15 އަހަރުގައި އޮންނަ އޮތުން 12 އަހަރަށް ބަދަލު ކުރުމަށް ނިންމައި އެކަމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.
އިހްސާން ވިދާޅުވީ އެއީ އެމެރިކާ، އިނގިރޭސިވިލާތް އަދި އެހެން ބައެއް ގައުމުތަކުގައިވެސް އަމަލުކުރަން ފަށާފައިވާ އުމުރުފުރާތައް ކަމުގައިވާއިރު ގާނޫނުގައި އޮތް އެ ގޮންޖެހުމަށް މި ބަދަލާއެކު ހައްލު ލިބިގެންދާނެކަމަށެވެ.
ރަސްދޫގައި ކުޑަކުއްޖަކު މިސްކިތެއްގެ ފާހާނާ ތެރެއަށް ވައްދާ ހަނގާކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ރޭގައި ދައުރުވާން ފެށުމާއެކު ފުލުހުން އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައިވާކަން ހާމަކުރިއެވެ. އަދި އެ މައްސަލައިގާ ކުއްޖާއަށް އަނިޔާ ދިނީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖެއް ކަމަށްވެސް ރޭގައި ފުލުހުން ބުނެފައިވެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުކުރުމުގައި މިނިސްޓަރު އިހްސާން ފާހަގަކުރެއްވިގޮތުގައި އެ ދެކުދިންގެ އެއް ކުއްޖަކު އެ ކުއްޖާގެ ބެލެނިވެރިޔާއާއެކު ފުލުހަށް ހާޒިރު ކުރެވި ސުވާލު ކުރެވުނެވެ. އަދި މި މައްސަލައާއި ގުޅިގެން ކަމާބެހޭ ޓީމްތަކެއް ރަސްދުއާއި މަތިވެރީގައި ހަރަކާތްތެރިވަމުން އަންނަކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް