ކުޑަކުއްޖާއަށް އަނިޔާކުރި މައްސަލައާއި ގުޅިގެން ފުލުހުންނާއި އާއިލީ ވުޒާރާ އަދި ޖުވައިނަލް ޖަސްޓިސް ހިމެނޭހެން ޓީމެއް ރަސްދޫގައި

މިސްކިތެއްގެ ފާހާނާގައި ކުޑަ ދެ ކުއްޖަކުވެގެން ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލައާއި ގުޅިގެން ފުލުހުންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއިބެހޭ ވުޒާރާ އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ޖަސް...

06 Apr 2024 | 08:28

މިސްކިތެއްގެ ފާހާނާގައި ކުޑަ ދެ ކުއްޖަކުވެގެން ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރި މައްސަލައާއި ގުޅިގެން ފުލުހުންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއިބެހޭ ވުޒާރާ އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް ޖަސްޓިސް ހިމެނޭހެން ޓީމެއް ރަސްދޫގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މިކަން ދިވެހި ފުލުހުން ވަނީ ހާމަކޮށްފައެވެ.

ރޭގައި ދައުރުވި ވީޑިއޯއިން ފެންނަނީ ކުދިންތަކެއް ކުއްޖަކު މިސްކިތެއްގެ ފާހާނައެއްގައި ބަހައްޓައިގެން ބުލީކޮށް އެކި އަނިޔާކުރާ މަންޒަރެވެ. އަނިޔާ ލިބޭ ކުއްޖާ ރޮއި އާދޭސް ކުރަމުންދިޔަނަމަވެސް ރަހުމެއް ނެތި އަނިޔާކުރަމުންދިޔަ މަންޒަރު ވީޑިއޯއިން ފެނެވެ.

އެކަމާއި ގުޅިގެން ފުލުހުން އެންމެ ފުރަތަމަ ބުނީ އެއީ އއ. ރަސްދޫގައި ހިނގި ކަމެއްކަން ދެނެގަނެވިފައިވާކަމަށާއި އަދި އެ އަމަލު ހިންގި 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖަކުވެސް ދެނެގަނެވިފައިވާކަމަށެވެ. އަދި ސީރިއަސް މައްސަލައެއްގެ ގޮތުގައި މައްސަލަ ބަލަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.

ކުއްޖާއަށް އަނިޔާކުރާ މަންޒަރު ދައުރު ނުކުރުމަށް ރޭގައި ފުލުހުން އިލްތިމާސްކޮށްފައިވާއިރު އެ ވީޑިއޯ އާއިލީ ވުޒާރާގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި ފުލުހުންނާއި ގުޅިގެން، ކުރަންޖެހޭ ކަންކަން ކުރަމުން އަންނަކަމުގައި އާއިލީ ވުޒާރާއިންވެސް ރޭގައި ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް