ހަވާލުވިއިރު ހުރިހާ މަޝްރޫއުތަކެއްހެން ހުރީ ހުއްޓިފައި، ދެއްކީ ދެމީހަކުވެގެން ވީލްބަރޯއެއްގެ ސިމެންތި ގަށާ މަންޒަރު: ރައީސް މުއިއްޒު

މި ސަރުކާރުން ވެރިކަމަށް އައި އިރު ތަރައްގީގެ ހުރިހާ މަޝްރޫއެއްހެން ހުރީ ހުއްޓިފައި ކަމަށާއި މަޝްރޫއުތައް ހުއްޓުވަނީ މި ސަރުކާރުން ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހ...

06 Apr 2024 | 07:56

މި ސަރުކާރުން ވެރިކަމަށް އައި އިރު ތަރައްގީގެ ހުރިހާ މަޝްރޫއެއްހެން ހުރީ ހުއްޓިފައި ކަމަށާއި މަޝްރޫއުތައް ހުއްޓުވަނީ މި ސަރުކާރުން ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ ރައީސް އޮފީހުން ގެނެސްދެމުން އަންނަ "ރައީސްގެ ޖަވާބު" ސެގްމަންޓްގައި މާލެ ސިޓީ، ދަފްތަރު 12151، އައިމިނަތު ނަޒީރާ ރައީސަށް ކުރެއްވި ސުވާލަކަށް ދެއްވި ޖަވާބުގައެވެ.

ނަސީރާގެ ސުވާލުގައި ރައީސް ކުރެއް އެއްސެވީ ކުރީ ސަރުކާރުން ހިންގަމުންދިޔަ ޕްރޮޖެކްޓްތައް މި ސަރުކާރުން ހުއްޓާލާ ވާހަކަ އަޑުއިވޭއިރު، އެއީ ކިހާވަރެއްގެ ހަޤީޤީ ވާހަކައެއްތޯ؟ އެވެ.

ޖަވާބުގައި ރައީސް ވިދާޅުވީ އެއީ އިދިކޮޅުން ދައްކާ ދޮގުތަކުގެ ތެރެއިން އެންމެ ބޮޑު ދޮގުކަމަށާއި މި ސަރުކާރުން ހަވާލުވިއިރުގަ އެ ފާހަގަކުރައްވާ މަޝްރޫއުތައް އޭރުގެ ސަރުކާރުގެ ދުވަސްވަރު ހުރީ ހުއްޓިފައި ކަމަށެވެ. އަދި އެ ރަށްރަށުގެ ބޭފުޅުން އެކަމަށް ހެކިވެވަޑައިގަންނަވާނެ ކަމަށެވެ.

"ކެމްޕޭނު ތެރޭގަ އޭރު އެ ސަރުކާރު ދުވަސްވަރު، ހުރިހާ ރަށަކަށް ދެވުނު، އެއިން ކޮންމެ ރަށެއްގަ ހުރީ މަޝްރޫއުތައް ހުއްޓިފަ، މަދު މަޝްރޫއެއް ނޫނިއްޔާ ހުރީ އެކި ސަބަބުތަކާ ހެދި ހުއްޓިފަ، ފެނުނު ރަށްރަށުގަ މިސާލަކަށް ފެނާ ނަރުދަމާ މަޝްރޫއު ހޮޅިތައް މަގުމަތީގަ މަސައްކަތް ކުރާނެ މީހަކު ނެތް، މަގު ހަދަން ފަށާފަ މީހެއްގެ ހިލަމެއް ނެތް، މިހެން ގޮސް ބަނދަރުތަކުގެ މައްސަލަ، ސްކޫލުގެ އިމާރާތްތައް ފަށާފަ އޮނިގަނޑުން ކޮންމެވެސް ވަރެއް ނިންމާލާފަ، އަހާލީމަ މީގެ ދެ އަހަރު ކުރިން ހުއްޓިފަ ކަމަށް ހެލްތު ޕޯސްޓްތައް ހެލްތު ސެންޓަރުތައް އެގޮތަށް، މިގޮތަށް ގޮސް ހުރިހާ މަޝްރޫއުތަކެއް ހުއްޓިފަ ހުރީ" ރައީސް ވިދާޅުވިއެވެ.

ރައީސް ފާހަގަކުރެއްވިގޮތުގައި އޭރު ކަންކުރި ގޮތަކީ ޕާޓީގެ ކޮންމެވެސް މީހަކަށް ފައިސާކޮޅެއް ދޭންކަމުގެ ތުހުމަތުގެ ގޮތުގައި އަޑުއިވުނު ކަމަށާއި، އެ މޭރުމުނ ފައިސާ ދޭންވެގެން ކޮންމެވެސް ފަރާތަކަށް ޕްރޮޖެކްޓްދީ، ދެން އޭނައަށް އެޑްވާންސް ދީ، އޭނައަށް އެ ފައިސާކޮޅު ލިބުނީމަ އޭނަ އެހިސާބުން ގޮސް، އަނެއްކާވެސް އެ މަޝްރޫއު ޕާޓީގަ އެހެންމީހަކަށް ހަވާލު ކުރަނީ ކަމަށެވެ.

"މާނައަކީ ތިން ހަތަރުފަހަރު އެބަހުއްޓޭ އެކި ފަރާތްތަކަށް ދީފަ، އެޑްވާންސް ޕޭމަންޓް ނަގާފަ ދެން މަޝްރޫއު ކުރިއަށް ނުގެންދޭ، ބައެއް ރަށްތަކުގަ ކުދިކުދި މަސައްކަތް ހިނގަނީ، ސްކޫލް އިމާރާތް މަލްޓިޕާޕަސް ހޯލް، ސްކޫލް މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފަ ހަމައެކަނި ވީލްބަރޯއެއްގަ ދެމީހަކުވެގެން ސިމެންތިކޮޅެއް ކޮންކްރީޓްކޮޅެއް ގަށާލައިގެން އުފުއްލާތަންވެސް ފެނުނު، މީ މަސައްކަތް ހުރިގޮތް އޭރު" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެ ހުރިހާކަމެއް ފެއްޓުވީ،މި ވެރިކަން އައިސްގެން ކަމަށާއި މިހާރު ގިނަ ރަށްރަށުގައި ކަންކަން ފެށިފައިވާކަމަށެވެ.  އެތައް ބަޔަކަށް ނުދީހުރި ފައިސާ ހުރިއިރު ފައިސާ ނުދީ މަސައްކަތް ކުރާނެ ގޮތެއް ނޯންނާނެކަން ފާހަގަކޮށް އެއީ  ކުދި އަދި ކޮންމެވެސް ވަރަކަށް މެދުފަންތީގެ ކުންފުނިތައް ކަމުގައިވާއިރު އެމީހުންގެ އަތުގަ ކޭޝްފްލޯ ނެތީމަ މަސައްކަތެއް ނުހިނގާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިގޮތަށް ކަންކަމުގެ ހަގީގަތް އޮޅުވާލަމުން އެދަނީ އެމީހުން، އަޅުގަނޑުމެންނަކީ ތަރައްޤީގެ މީހުން، ތަރައްޤީގެ ފިކުރު ޕީޕީއެމް ޕީއެންސީއަކީ ، އަޅުގަނޑުމެން މިއައީ ތަރައްގީ ގެނެސްދޭން ނަތީޖާ ނެރެދޭން، ހުރިހާ ސަމާލުކަމެއް އޮތީ ރައްޔިތުންނަށް ތަރައްޤީ ގެނެސްދިނުމުގަ، ހުރިހާ ރަށެއްގަ ކުރަން ހުރި ހުރިހާ މަސައްކަތެއް ކުރުމަށް އަޅުގަނޑުމެން ވައުދުވެގެން އައިސް މި ތިބީ، އެހެންވީމަ އަޅުގަނޑުމެން އައިސް މަޝްރޫއުތައް ހުއްޓާލުމޭ ބުނުމަކީ އަޅުގަނޑުމެން ސިޔާސަތާ ފިކުރާ ދިމާ އިދިކޮޅަށް ދެކޮޅަށް ދައްކާ ވާހަކަ، އެއީ އެއްގޮތަކަށްވެސް ހަގީގަތެއް ނޫން، ރައްޔިތުންނަށް ސާފުކޮށް އެނގޭނެ" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ ކުރިން ހުރިހާ މަޝްރޫއެއް ހުރީ ހުއްޓުވާލާފައި ކަމަށާއި ދޯދިޔާކަމުގެ ތެރެއިން އެތައް އެތައް މިލިޔަން ރުފިޔާއެއް، އަމިއްލަ ބޭނުމަށް އެކި ފަރާތްތަކަށް ދީގެންނާ އެކި އެކި މަޝްރޫއުތައް ހުރީ މުޅިން ހަލާކުކޮށްލާފައި ކަމަށެވެ. އަދި އިންތިޙާބަށް ބޯމަތިވެގެން އައިމަ ވޯޓަށްޓަކާ ކަޑަޖަހާ އުސޫލުން ނަމެއްގަ އެތައް ރަށެއްގަ ސޮއި ކޮށްލި ކަމަށާއި އެގޮތުން ދެވަނަ ބުރުގަވެސް ސޮއިތައް ކުރިކަން ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް