ބުލީކޮށް އަނިޔާކުރިކަމުގެ ތުހުމަތު ކުރެވެނީ 13 އަހަރުގެ ކުއްޖަކާއި 14 އަހަރުގެ ކުއްޖަކަށް، ފުލުހުން އެދެނީ ވީޑިއޯ ދައުރު ނުކުރުމަށް

މިސްކިތެއްގެ ފާހާނާތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވާންފެށުމާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށާފައިވާއިރު އެ ވީޑިއޯ ސޯޝަލ...

05 Apr 2024 | 21:23

މިސްކިތެއްގެ ފާހާނާތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ދައުރުވާންފެށުމާއި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަން ފަށާފައިވާއިރު އެ ވީޑިއޯ ސޯޝަލް މީޑިއާގައި އިތުރަށް ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

އެކަމާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން މިރޭ ބުނެފައިވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނައިރު މިހާތަނަށް ފުލުހުން ކުރި މަސައްކަތުން، އެކަން ކުރިކަމަށް ތުހުމަތު ކުރެވޭ ކުދިން ވަނީ ދެނެގަނެވިފައި ކަމަށާއި އެއީ 13 އަހަރު އަދި 14 އަހަރުގެ ދެ ކުދިން ކަމަށެވެ.

"މި ވީޑިއޯ އިން ފެންނަ މަންޒަރު ތަކަކީ ބަލަން އުނދަގޫ އަދި ކުޑަ ކުއްޖާގެ ކަރާމާތަށް އުނިކަން އަންނާނެފަދަ މަންޒަރު ތަކަކަށް ވުމާއެކު މި ވީޑިއޯ އެކަކު އަނެކަކަށް ހިއްސާކޮށް ސޯޝަލް މީޑިއާގައި ސަރކިއުލޭޓް ނުކުރުމަށް ދަންނަވަމެވެ." ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އަނިޔާ ލިބުނު ކުއްޖާއަށް ބޭނުންވާ ސައިކޯ ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރަމުންދާ ވާހަކަ އެންމެހައި ފަރާތްތަކުގެ މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.

އެ ވީޑިއޯއާއި ގުޅޭގޮތުން ފުލުހުން ކުރިން ބުނެފައިވާގޮތުގައި އެއީ އއ. ރަސްދޫގައި ހިނގި ކަމެއްކަން ވަނީ ދެނެގަނެވިފައެވެ. އަދި އެކަންކުރި ކުދިންވެސް ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފައިވާއިރު އާންމުވި ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ފާހާނާތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އެހެން ކުދިންތަކެއް އެ ކުއްޖާގެ ގައިގާ ތަޅާ އަނިޔާކުރާ މަންޒަރެވެ. އަނިޔާ ނުކޮށް ދޫކޮށްލަން އެ ކުއްޖާ ރޮމުން އާދޭސް ކުރި ނަމަވެސް ހަޑިހުތުރު ބަހުން އެ ކުއްޖާއާއި މުއާމަލާތްކޮށް އަނިޔާކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް