މިސްކިތެއްގެ ތެރޭގައި ކުޑަކުއްޖަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުން ބަލަން ފަށައިފިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވެފައިވަނީ އެކަން ކުރިކަމަށް ޔަގީން ކުރެވެނީ އއ. ރަސްދޫގައި ކަމަށާއި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންފަށާފައިވާކަމަށެވެ.
އަދި އެއަށްފަހު ދެއްވި އަޕްޑޭޓެއްގައި ޝިފާން ވިދާޅުވީ މިކަން ކުރިކަމަށް ތުހުމަތުކުރެވޭ ފަރާތްތައް ފުލުހުންނަށް މިހާރު ދެނެގަނެވިފައިވާކަމަށާއި އެ މަންޒަރުތައް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރު ނުކުރުމަށް ފުލުހުން އިލްތިމާސް ކުރާ ކަމަށެވެ.
އާންމުވި ވީޑިއޯއިން ފެންނަނީ މިސްކިތެއްގެ ފާހާނާތެރޭގައި ކުޑަކުއްޖަކަށް ބުލީކޮށް އެހެން ކުދިންތަކެއް އެ ކުއްޖާގެ ގައިގާ ތަޅާ އަނިޔާކުރާ މަންޒަރެވެ. އަނިޔާ ނުކޮށް ދޫކޮށްލަން އެ ކުއްޖާ ރޮމުން އާދޭސް ކުރި ނަމަވެސް ހަޑިހުތުރު ބަހުން އެ ކުއްޖާއާއި މުއާމަލާތްކޮށް އަނިޔާކުރާ މަންޒަރު އެ ވީޑިއޯއިން ފެނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް