އެސްޓީއޯ އިން އެމްއޭސީއެލަށް ތެޔޮ ވިއްކާ ރޭޓު ބޮޑުކޮށް، އެއްބަސްވުން އާކޮށްފިއެވެ.
އެސްޓީއޯއިން ބުނީ ތެޔޮ ވިއްކާ ރޭޓު ބޮޑުކޮށްފައި ވަނީ ރަޝިޔާ ޔުކްރެއިންގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައި ވާތީ ކަމަށެވެ.
އެގޮތުން އެސްޓީއޯ އިން ތެޔޮ ވިއްކާ އަގަށް ބަދަލު ގެނައީ، އެމްއޭސީއެލަށް ތެޔޮ ފޯރުކޮށްދިނުމަށް ދެ ކުންފުނީގެ މެދުގައި ވެފައިވާ އެއްބަސްވުން އާ ކުރިއިރު އެވެ.
އެސްޓީއޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ އައު މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސައީދެވެ.
އަދި މި އެއްބަސްވުމުގައި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަހްޖޫބު ޝުޖާއުއެވެ.
މީގެ ކުރިން އެސްޓީއޯއިން އެމްއޭސީއެލަށް ތެޔޮ ފޯރުކޮށްދިން އަގަށްވުރެ މިފަހަރުގެ އަގު ބޮޑުކަން އެސްޓީއޯއިން ފާހަގަކޮށްފައިވާ ނަމަވެސް އަގަށް ގެނައި ބަދަލެއް އެ ކުންފުނިން ވެސް އަދި އެމްއޭސީއެލުން ވެސް ހާމަކޮށްފައެއް ނުވެއެވެ.
އެ އެއްބަސްވުމުގެ ދަށުން އެމްއޭސީއެލަށް އެއް އަހަރު ތެރޭ 1.5 މިލިއަން ފީފާގެ ޖެޓް ފިއުލް އާއި 88،000 ފީފާގެ ގޭސަލިން އެސްޓީއޯ އިން ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. އެސްޓީއޯއިން އެމްއޭސީއެލްއަށް ސަޕްލައިކޮށްދޭނީ ޖެޓް A1، ޑީޒަލް އަދި ގޭސަލިންއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް