ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢޫގެ އެއްބަސްވުމުގައި އެންވާރްމަންޓް މިނިސްޓްރީއާއި ޖައިކާއިން ސޮއިކޮށްފި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީއާ ޖަޕާން އިންޓަރނޭޝަނަލް ކޯރޕަރޭޝަން އެޖެންސީ (ޖައިކާ) އާ ގުޅިގެން ކުރިއަށްގެންދާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢޫގެ އެއްބަސް...

06 Apr 2023 | 08:40

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީއާ ޖަޕާން އިންޓަރނޭޝަނަލް ކޯރޕަރޭޝަން އެޖެންސީ (ޖައިކާ) އާ ގުޅިގެން ކުރިއަށްގެންދާ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރުޢޫގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިކަން ހާމަކޮށް އެންވާރްމަންޓް މިނިސްޓްރީން ބުނީ ރާއްޖޭގެ ރަށްރަށުގެ ގޮނޑުދޮށް ޙިމާޔާތްކުރުމުގެ ނިޒާމު ހަރުދަނާކޮށް މޫސުމީ ކާރިސާތަކުގެ އިންޒާރާއި މަޢުލޫމާތު ފޯރުކޮށްދޭ ނިޒާމް އިތުރަށް ހަރުދަނާ ކުރުމަށާއި، ލޭންޑް ޔޫޒް މޮނިޓާރ ކުރާނެ ނިޒާމެއް ޤާއިމުކުރުމަށާއި ކަނޑުގެ ލޮނުގަނޑު އުފުލޭ މިންވަރު އޮބްޒާވްކުރުމުގެ ޤާބިލުކަށް އިތުރުކުރުމަށް، ކުރިއަށް ގެންދާ "ބިލްޑިންގ ކުލައިމެޓް ރެސިލިއަންޓް އެންޑް ސޭފަރ އައިލެންޑްސް އިން ދި މޯލްޑިވްސް" އެއްބަސް ވުމުގައި މިއަދު ސޮއި ކޮށްފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން ރަށްރަށުގެ ގޮނޑުދޮށުގައި ތަރައްޤީގެ މަޝްރޫޢުތައް ހިންގުމުގައި ޤުދްރަތީ ވަސީލަތްތައް ހިމާޔަތްކޮށްގެން ކުރިއަށް ގެންދިއުމަށް އިންޓަރގްރޭޓަޑް ކޯސްޓަލް ޒޯން މެނޭޖްމަންޓް (އައި.ސީ.ޒެޑް.އެމް.) ހަރުދަނާކުރުމަށް، ރަށްރަށުގެ ގޮނޑުދޮށާއި ފަރުތަކުގެ ޙާލަތު މިހާރު ހުރިގޮތުގެ އިންވެންޓްރީ ސްޓަޑީއަކާއި، ރިސްކް އެސެސްމަންޓެއް ތައްޔާރުކޮށް އައި.ސީ.ޒެޑް.އެމް. ޕްލޭންތައް ތައްޔާރު ކުރުމަށްވެސް ވަނީ ރޭވިފައި ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.

އެންވާރްމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢުގެ ދަށުން ބައެއް ރަށްރަށުގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ކުރުމަށްވެސް ވަނީ ހަމަޖެހިފައި ކަމަށެވެ.

މި ގޮތުން ލ. މާމެންދޫ، ފޮނަދޫ، ގަން، އިސްދޫ އަދި އައްޑޫ ސިޓީ މީދޫގެ ކަނޑައެޅޭ ސަރަހައްދުތަކެއްގައި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ ވަސީލަތްތައް ތަރައްޤީ ކުރެވިގެންދާނެ ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.

ދިވެހިސަރުކާރާއި ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އޭޖެންސީ (ޖައިކާ) އާއި ގުޅިގެން، ގްރީން ކުލައިމެޓް ފަންޑުގެ އެހީގައި ހިންގުމަށް ހަމަޖެހިފައިވާ މިމަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކުލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޯޖީ އާމިނަތު ޝައުނާއެވެ. އަދި ޖައިކާގެ ފަރާތުން، ސޮއި ކުރެއްވީ ޖައިކާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް އެވެ.

އެންވާރްމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫޢަށް ގްރީން ކުލައިމެޓް ފަންޑުން 25.1 މިލިއަން އެމެރިކާ ޑޮލަރު، ޖައިކާގެ ފަރާތުން 35.4 އެމެރިކާ ޑޮލަރު އަދި ދިވެހި ސަރުކާރުގެ ފަރާތުން 5.5 މިލިއަން ޔޫ.އެސް. ޑޮލަރަށް ވާ ދިވެހި ފައިސާ އާއި ވަސީލަތްތައް، މިމަޝްރޫޢު ހިންގުމަށް ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މި މަޝްރޫއަކީ ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތިން، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖޭގެ ރަށްތައް ރައްކާތެރިކުރުމަށް، އަދި ވަކިން ޚާއްސަކޮށް މީހުން ދިރިއުޅޭ ރަށްރަށުގެ ގޮނޑުދޮށްތައް ޙިމާޔަތް ކުރުމަށް އަމާޒުކޮށްގެން ހިންގޭ މަޝްރޫޢެކެވެ.

އެންވާރްމަންޓް މިނިސްޓްރީން ބުނީ މިމަޝްރޫޢަކީ 6 އަހަރު ދުވަހުގެ މުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް