ފަހުވަގުތު ވިސާ ހަމަނުޖެހި 180 ދިވެއްސަކަށް އުމްރާއަށް ނުފުރުނު

އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި މިއަދު އުމްރާއަށް ފުރަން ތިބި މީހުންނަށް ވިސާ ހަމަޖެހޭގޮތް ނުވެ ފަހުވަގުތު ފުރުން ކެންސަލް ވެއްޖެއެވެ. މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އަލް...

06 Apr 2023 | 06:54

އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ ހަވާލުގައި މިއަދު އުމްރާއަށް ފުރަން ތިބި މީހުންނަށް ވިސާ ހަމަޖެހޭގޮތް ނުވެ ފަހުވަގުތު ފުރުން ކެންސަލް ވެއްޖެއެވެ.

މިކަމާއި ގުޅޭގޮތުން ދުވަހަށް މައުލޫމާތުދެއްވަމުން އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ނަސީމް ވިދާޅުވީ ހުރިހާ ކަމެއް ރާވާ އިންތިޒާމުވަމުންދިޔައީ ރަނގަޅަށް ކަމަށާއި ފުރަން ދާން އެންމެ ފަހުގެ ތައްޔާރީތައްވެސް ވަމުންދިޔައީ އެކުގައި ހުންނަ އޭޖެންޓު (ސައޫދީ އޭޖެންޓް) ދެމުންދިޔަ ޔަގީންކަމެއްގެ މައްޗަށް ކަމަށެވެ.

"އެހެންނަމަވެސް ފަހުވަގުތު އެނގިގެންދިޔައީ ވިސާ ހަމަނުޖެހޭކަން" ނަސީމް ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ ވިސާ ހަމަނުޖެހުމުން ފްލައިޓް ބުކިންތައްވެސް ކެންސަލްވެ އަލުން ފްލައިޓް ބުކް ކުރެވޭތޯވެސް މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެހެންނަމަވެސް އަދި އެއްވެސް ފްލައިޓަކުން ޖާގަ ލިބޭގޮތް ނުވާކަމަށެވެ.

"ކުރީގައިވެސް ކަންކަން ހަމަޖައްސަމުންދިޔަ އޭޖެންޓް އެއީ، ކުރިއަކުން މައްސަލައެއް ދިމާ ނުވޭ، ރަމަޟާން މަހުގެ 10 ގައި މިކޮޅުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖައްސައި އެ ފަރާތަށް އެންގިން، އެކޮޅުން ބުނަނީ ސިސްޓަމް އެރޯއެއް ދިމާވެގެން ދިމާވި ކަމެއް ކަމަށް" ނަސީމް ވިދާޅުވިއެވެ.

ނަސީމް އިތުރަށް ވިދާޅުވީ ފްލައިޓް ޖާގަ އަލުން ހޯދުމުގެ މަސައްކަތް އަލުން ފަށައިގެން ކުރިއަށް ގެންދަނީވެސް ވިސާ ހަމަޖެހޭނެކަމުގެ ޔަގީންކަން އަނެއްކާވެސް އެ ފަރާތުން ދޭތީ ކަމަށާއި އެހެން ނަމަވެސް އަދި ވިސާ ހަމަޖެހުނުކަން އަންގާފައި ނުވާކަމަށެވެ.

މިކަން މިހެން ދިމާވުމުން ގިނަ ބަޔަކު އަންނަނީ މިކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެ ގްރޫޕުން ރަމަޟާން މަހުގެ އުމްރާއަށް ބޮލަކަށް 37،500 ރުފިޔާ ނެގިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް