ސަރުކާރުގެ މަޝްރޫއުތައް ނަގާ ކުންފުނިތަކުގެ މައްސަލައަކުން މަޝްރޫއު ނިންމަން ކަނޑައަޅާފައިވާ ތާރީހަށް ނުނިންމާނަމަ ބްލެކް ލިސްޓު ކުރުމުގެ ނިޒާމެއް ފިނޭންސް މިނިސްޓްރީން ހަދާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މެމްބަރު ސުވާލު ކުރެއްވީ އެ ދާއިރާގައި ހިމެނޭ ރ. އިންނަމާދޫ ނަރުދަމާ ނިޒާމުގެ މަސައްކަތް ފެށިތާ ހަތަރު އަހަރުވީ އިރުވެސް ނުނިމި ލަސްވަނީ ކީއްވެތޯ އެވެ.
މިނިސްޓަރު ވިދާޅުވީ މަޝްރުއުތައް މުއްދަތަށް ނުނިންމާ ކުންފުނިތަކަކާއި އިތުރު މަސައްކަތް ހަވާލު ކުރުމާއި ނުކުރުން އޮންނަނީ ޓެންޑާ ބޯޑުގެ އަތް މަތީގައި ކަމަށެވެ. އޭނާ ވިދާޅުވީ މިނިސްޓްރީން ވަނީ އެފަދަ ކުންފުނިތައް މިހާރު ބްލެކްލިސްޓު ކުރަމުންދާ ކަމަށް އަންގާފައި ކަމަށެވެ.
އިންނަމާދޫ ބަނދަރުގެ މަސައްކަތް ކުރިޔަށް ގެންދަނީ އެސްޖޭ ކުންފުނިންނެވެ. މިނިސްޓަރު އަސްލަމް މިއަދު ވިދާޅުވީ މަސައްކަތް ލަސްވާ މައްސަލައިގަ އެ ކުންފުންޏާއި އެތައް ފަހަރަކު ބައްދަލުކޮށް މަޝްވަރާކޮށްފައިވާ ކަމަށެވެ. އެކަމަކު ކުރިއެރުމެއް ނުލިބޭ ކަމަށެވެ.
އެ ކުންފުންޏަކީ މި މަޝްރޫއުގެ އިތުރުން ސަރުކާރުގެ ގިނަ މަޝްރޫއުތަކެއް ނަގައިގެން އުޅޭ ކުންފުންޏެވެ. އޭގެ ތެރޭގައި ސްކޫލްތަކާއި މިސްކިތް އަދި ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް