ސީލައިފް ގްލޯބަލް ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ (އައްމަޓީ) ބަންދުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމުން ހައިކޯޓުން އެ މައްސަލަ ބޭރުކޮށްލައިފި އެވެ.
ޝަރުތުތަކަކާއި އެކު ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލީ މިދޔަ މަހުގެ20 ވަނަ ދުވަހު އެވެ. އައްމަޓީގެ މައްޗަށް ދައުލަތުން42 ދައުވައެއް އުފުލީ ފްލެޓު އަޅައިދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ހޯދައި އޮޅުވާލި މައްސަލައިގަ އެވެ.
ހައި ކޯޓުން މިއަދު އެ މައްސަލަ ބޭރުކޮށްލީ ކޯޓު އަމުރުތައް އިސްތިއުނާފް ކުރަން އޮންނަ 48 ގަޑިއިރު ހަމަވިފަހުން އެ މައްސަލަ ހުށަހަޅާފައިވާތީ އެވެ. އެ މައްސަލަ ހުށަހެޅީ އެ މުއްދަތު ހަމަވިތާ އެއް ދުވަސް ފަހުންނެވެ.
ދައުލަތުން ކޯޓުގައި ބުނެފައިވާ ގޮތުން 48 ގަޑިއިރުގެ މުއްދަތު ދައުލަތުން ގުނަމުން އަންނަނީ އެކަމެއް ފެށޭ ދުވަސް ނުވަތަ އެ ނިންމުން ކޯޓުން ނިންމާ ދުވަސް ނުހިމަނަ އެވެ. އެގޮތަށް މުއްދަތު ގުނުމުން އިސްތިއުނާފް މުއްދަތު ހަމައެއް ނުވެ އެވެ.
ހައި ކޯޓުގެ ހުކުމުގައި ބުނެފައިވަނީ މުއްދަތު ހަމަވިފަހުން މައްސަލަ ހުށަހަޅާފައިވާތީ އިޖްރާއީ ގޮތުން ބަލާއިރު، އެ މައްސަލަ ދެން އިތުރަކަށް ކުރިއަށް ނުގެންދެވޭނެ އެވެ. އެހެންވެ، އައްމަޓީ ބަންދުން ދޫކުރުމާ ބެހޭގޮތުން ދައުލަތުން ފާހަގަކުރި ކަންކަން އިތުރަށް ބެލޭނެ ތަނެއް ނެތް ކަމަށް ވެސް ހުކުމުގައިވެ އެވެ.
މިއީ ޝަރުތުތަކާއި އެކު އޭނާ ދޫކޮށްލި ތިން ވަނަ ފަހަރެވެ.
އައްމަޓީ އާއި ދެކޮޅަށް ދައުވާތައް އުފުލާފައިވަނީ ހުޅުމާލޭގައި ހައުސިން ޔުނިޓުތަކެއް އަޅާނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގުމަށް ފަހު އަންމަޓީ ފިލި މައްސަލައިގަ އެވެ. އައްމަޓީގެ ސީލައިފް އިން ފްލެޓު ދޭނެ ކަމަށް ބުނެ 280 މީހަކު އަތުން އޭނާ ފައިސާ ހޯދާފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް