ހަމުގެ ސީރިއަސް ބައްޔެއް ތަހައްމަލް ކުރަމުން ދިޔަ ލަޔަކް ނިޔާވެއްޖެ

ހަމުގެ ސީރިއަސް ބައްޔެއް ތަހައްމަލް ކުރަމުން ދިޔަ ޔޫސުފް ލަޔަކް ނިޔާވެއްޖެ އެވެ. ފުވައްމުލަކަށް ނިސްބަތްވާ ލަޔަކް އުމުރުން އެއް އަހަރުގައި ނިޔާވީ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ދަރިފުޅު ނިޔާވިކަ...

06 Apr 2022 | 06:37

ހަމުގެ ސީރިއަސް ބައްޔެއް ތަހައްމަލް ކުރަމުން ދިޔަ ޔޫސުފް ލަޔަކް ނިޔާވެއްޖެ އެވެ.

ފުވައްމުލަކަށް ނިސްބަތްވާ ލަޔަކް އުމުރުން އެއް އަހަރުގައި ނިޔާވީ ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށެވެ. ދަރިފުޅު ނިޔާވިކަން ހާމަ ކުރީ މަންމަ ހައްވާ އުލާ އެވެ.

އޭނާ އިންސްޓަގްރާމްގައި ބުނެފައިވަނީ ދަރިފުޅު މިއަދު ހެނދުނު ނިޔާވެފައިވާ ކަމަށެވެ. ނިޔާވި އިރުވެސް ދިޔައީ ހާލެކުއިނިކް އިޗްތިއޮސިސް ނަމަކަށް ކިޔާ ހަމުގެ ބައްޔަށް ފަރުވާ ހޯދަމުން ކަމަށެވެ.

ނިޔާވުމުގެ ކުރިން އުލާ އިންސްޓަގްރާމްގައި މީގެ ހަތަރު ދުވަސް ކުރިން ބުނެފައިވަނީ ބްލަޑް އިންފެކްޝަނެއް ޖެހުމާ ގުޅިގެން އިންޑިއާގެ ރެއިންބޯ ހޮސްޕިޓަލުގެ އައިސީޔޫގައި ލަޔަކަށް ފަރުވާ ދެމުންދާ ކަމަށެވެ.

މީގެ ކުރިން އުލާ މީޑިއާގައި ބުނީ ލަޔަކް ފެންވަރުވާ ގަޑީގައި ބަލީގެ ސަބަބުން ގައިން ހަންގަނޑު ނެއްޓެ އެވެ. އަދި ހަން ބޯވެ، ކުރަކިވެ އެ ހަންތައް ނެއްޓޭތީ ބައެއް ފަހަރު ގައިން ލޭ ވެސް އަންނަ ކަމަށެވެ

https://www.instagram.com/p/Cb_vuhRJ_oN/

އުލާގެ ދެމަފިރިން ވަނީ މާބޮޑު ފަރުވާއެއް ނެތް މި ބަލިން ލަޔަކް ސަލާމަތް ކުރުމަށް ބުރަ މަސައްކަތްތަކެއް މީހުންގެ އެހީތެރިކަމާއި އެކު ފަހު ވަގުތާއި ޖެހެންދެންވެސް ކޮށްފަ އެވެ. އެގޮތުން މީޑިއާގައި ބަލީގެ ވާހަކަ ދެއްކުމުގެ އިތުރުން ލަޔަކަށް ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ހިންގި ކެމްޕެއިނުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ލިބުނެވެ.

އުލާގެ ދެމަފިރިންގެ އަލަތު ދަރިފުޅު ވެސް ވަނީ މީގެ 12 ވަރަކަށް އަހަރު ކުރިން ހަމަ އެ ބަލީގައި ނިޔާވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް