އެމެރިކާ އާއި އީޔޫއިން ރަޝިއާއާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅަނީ

ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ރަޝިއާ އާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނިންމައިފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ވައިޓް...

06 Apr 2022 | 04:36

ޔޫކްރެއިން ހަނގުރާމަ އާއި ގުޅިގެން ރަޝިއާ އާއި ދެކޮޅަށް އިތުރު ފިޔަވަޅުތައް އަޅަން އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނިންމައިފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމެރިކާގެ ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ޕާކީ ވިދާޅުވީ މިފަހަރު ދަތިކުރުމުގެ ފިޔަވަޅު އަޅާނީ ރަޝިއާގެ ވިޔަފާރިތަކާއި ރަޝިއާ މީހުން ބައިނަލްއަގުވާމީ މައިދާނުގައި ކުރަމުންދާ ވިޔަފާރިތަކަށް ކަމަށެވެ. އަދި އެގައުމުގެ ސަރުކާރު އޮފިޝަލުންނަށްވެސް މިފަހަރު އިތުރު ޕްރެޝަރުތަކެއް ކުރިމަތި ކުރުވާނެ ކަމަށެވެ.

މިފިޔަވަޅުތަކަކީ މިހާރު ޔޫކްރެއިންގެ ސިޓީއެއް ކަމަށްވާ ބުޗާއަށް އަރައި ރަޝިއާ ސިފައިން ހިންގަމުންދާ އަނިޔާވެރި އަމަލުތަކުގެ ސަބަބުން އަޅާ ފިޔަވަޅުތަކެއް ކަމަށް ވިދާޅުވި އެވެ. ޕާކީ ވިދާޅުވީ މިފަހަރުގެ ފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާ ރައްޔިތުންގެ ތެރެއިން އަލަށް ބައިނަލްއަގުވާމީ ފެންވަރުގެ ބޮޑެތި ވިޔަފާރި ފަށަން ނިންމާފައިވާ ފަރާތްތަކަށް ހުރަސް އެޅޭނެ ކަމަށެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި މިފަހަރު އެމެރިކާ އާއި އީޔޫގެ ޓާގެޓު އަމާޒުވާ މީހުންގެ ތެރޭގައި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިންގެ ދެ ދަރިކަލުން ހިމެނެ އެވެ. އެކަމަކު އެކަން ޔަގީންކޮށްދީ ނުވަތަ އެކަމާއި ގުޅޭގޮތުން ވާހަކަ ދައްކަން ޕްރެސް ސެކްރެޓަރީ ޕާކީ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ރަޝިއާ އާއި ދެކޮޅަށް އަޅާ ފިޔަވަޅުތައް ވަރަށް އަވަހަށް އިއުލާނު ކުރާނެ އެވެ. މި ފިޔަވަޅުތަކަކީ ދުނިޔޭގެ އެންމެ މުއްސަނދި ހަތް ގައުމާއިވެސް މަޝްވަރާ ކުރުމަށް ފަހު އަޅާ ފިޔަވަޅުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާއިން ބުޗާ ސިޓީއަށް އަރައި ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 320 އަށްވުރެ ގިނަ އާންމު ރައްޔިތުން މަރާލާފައިވާ ކަމަށް އެ ސިޓީގެ މޭޔަރު ވިދާޅުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް