ރައީސް ޔާމީންގެ އަބުރާ ބެހިގެން ރާއްޖެޓީވީ އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކޮށްފި

ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަބުރު ގެއްލޭފަދަ ގޮތަކަށް ވާހަކަ ދެއްކި ކޮންޓެންޓެއް ދެއްކި ކަމަށްބުނެ ރާއްޖެ ޓީވީ އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ. އެއް މިލިއަން ރުފިޔ...

06 Apr 2017 | 10:10

ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަބުރު ގެއްލޭފަދަ ގޮތަކަށް ވާހަކަ ދެއްކި ކޮންޓެންޓެއް ދެއްކި ކަމަށްބުނެ ރާއްޖެ ޓީވީ އެއް މިލިޔަން ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.

އެއް މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ 26 އޮކްޓޯބަރު 2016ވަނަ ދުވަހުގެ ރޭ 23:27 ހާއިރު ރާއްޖެ ޓީވީން ގެނެސްދިން އެމްޔޫއޯގެ ފަރާތުން ބޭއްވި ހަރުގެ ޖަލްސާގައި، ރައީސް އަބްދުﷲ ޔާމީންގެ އަބުރު ގެއްލޭ ފަދަ ގޮތަކަށް ވާހަކަ ދައްކައިފައިވާ ކޮންޓެންޓެއް ރާއްޖެ ޓީވީ އިން ބްރޯޑްކާސްޓް ކޮށްފައިވާކަމަށް ބުނެ ހުށަހެޅި މައްސަލަ ބްރޯޑްކާސްޓިން ކޮމިޝަނުން ބެލުމަށްފަހުގަ އެވެ.

މި މައްސަލަ ނިންމި ގޮތް ހާމަކޮށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައިވަނީ "ޙުކުމަކާއި ހަމައަށް ވާސިލްވުމުގައި ޤާނޫނީ ހަމަތަކުގެ މަތީން ތަޙްޤީޤުގެ އެންމެހައި އިޖުރާޢުތައް ފުރިހަމަކޮށް ކޮމިޝަނަށް ލިބިފައިވާ މަޢުލޫމާތައް ބަލާއިރު، ކޮމިޝަނުގެ މޮނިޓަރިންގ ސެކްޝަނުން ފާހަގަކޮށް ރާއްޖެޓީވީއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެވިފައިވާ ކޮންޓެންޓް ބްރޯޑްކާސްޓްކޮށްފައިވާކަން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑްގެ ނަންބަރު: RTV/17/02/15 (21 ފެބުރުވަރީ 2017) ސިޓީއިން ރަސްމީކޮށް އިޢުތިރާފްވެފައިވާތީއާއި ކޮންޓެންޓާއި ގުޅިގެން ޤާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާކޮށް ތަބްރީރެއް ދެއްކުމަކީ ރާއްޖެޓީވީއަށް އެކަށީގެންވާކަމެއް ނޫންކަން އެނގެން އޮތަތީ، ރާއްޖެޓީވީއިން އެކޮންޓެންޓް ބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ދިވެހިރާއްޖޭގެ ވަލިއްޔުލް އަމްރުގެ ޤާނޫނީ ޛިންމާއަށް ނުވަތަ މަސްޢޫލިއްޔަތާ މެދު ފާޅުކަން ބޮޑު ގޮތެއްގައި ޢާންމުންގެ ހިތްތަކުގައި ޝައްކު އުފައްދައި އެމަނިކުފާނުގެ އިއްޒަތާއި ކަރާމާތަށް ގެއްލުން ލިބިދޭ ކަމަށް މިކޮމިޝަނުގެ ތަޙުޤީޤަށް ސާބިތުވެފައިވާތީ، އެ ކޮންޓެންޓްއަކީ ޤާނޫނު ނަމްބަރު 2016/15 (އަބުރުރައްކާތެރިކޮށްދިނުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު) ގެ 27 ވަނަ މާއްދާ އަދި ހަވަނަ ބާބު (މީޑިއާ ތަކުގެ ޒިންމާ) ގައި ބަޔާންކޮށްފައިވާ ޚިޔާލުފާޅުކުރުމުގެ ހަމަތަކާ ޚިލަފުވާ ކޮންޓެންޓްއެއްކަމަށް ކަނޑައަޅައި، އަދި މިއީ އެޤާނޫނުގައި ހުއްދަކުރާ އިންތަކާ ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑުން ޚިލާފްވާ 2ވަނަ ފަހަރުކަމަށްވާތީ އަބުރު ރައްކާތެރިކޮށްދިނުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނުގެ ހަވަނަ ބާބުގެ ދަށުން ޖޫރިމަނާކުރުމާ ބެހޭ އުސޫލުގެ 14 ވަނަ މާއްދާގެ (ށ) އަދި (ބ) އަށް ރިއާޔަތްކޮށް މި އުސޫލުގެ 10ވަނަ މާއްދާގެ (ހ)ގެ 2ގެ ދަށުން ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑް -/1,000,000ރ. (އެއް މިލިއަން ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ނިންމައި، މި ފައިސާ މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި ކޮމިޝަނަށް ދެއްކުމަށް ރާއްޖެ ޓެލެވިޜަން ޕްރައިވެޓް ލިމިޓެޑަށް އެންގުމަށް މި މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ނިންމާފައި" ވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް