ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ ހަ ޑޮކްޓަރެއްގެ ލައިސަންސް މިދިޔަ އަހަރު ހިފަހައްޓާފައިވާ ކަމަށް މޯލްޑިވްސް މެޑިކަލް ކައުންސިލް (އެމްއެމްސީ) އިން ބުނެފި އެވެ.
އެމްއެމްސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ބުނެފައި ވަނީ އެކިއެކި ސަބަބުތަކާ ހުރެ ވޭތުވެ ދިޔަ އަހަރު ބިދޭސީ ފަސް ޑޮކްޓަރެއްގެ ލައިސަންސް ބާތިލުކޮށްފައިވާ ކަމަށާއި އެއް ޑޮކްޓަރެއްގެ ލައިސަންސް ވަގުތީ ގޮތުން ހިފަހައްޓާފައިވާ ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ އިންޑިއާ އަށް ނިސްބަތްވާ ތިން ޑޮކްޓަރަކާއި ނޭޕާލަށް ނިސްބަތްވާ ޑޮކްޓަރަކާއި މިސްރުގެ ޑޮކްޓަރެކެވެ. އަދި މައްސަލަ ނިމެންދެން ވަގުތީ ގޮތުން ހިފަހައްޓާފައި ވަނީ ބަންގްލަދޭޝް އަށް ނިސްބަތްވާ ޑޮކްޓަރެއްގެ ލައިސަންސެއެވެ.
އެ ޑޮކްޓަރުންގެ ލައިސަންސް ބާތިލުކޮށްފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަމެއް އަދި ޑޮކްޓަރުންގެ ނަމެއް އާންމުކޮށްފައެއް ނުވެ އެވެ. އޭގެ ތެރެއިން އެއް ޑޮކްޓަރެއްގެ ލައިސަންސް ބާތިލް ކުރީ ސައްހަ ނޫން ސެޓްފިކެޓެއް ހުށަހެޅުމުން ކަމަށާއި ބާކީ ތިބި ޑޮކްޓަރުންނާ މެދު ފިޔަވަޅު އެޅީ އެ މީހުން ނިސްބަތްވާ ގައުމުތަކުގެ މެޑިކަލް ކައުންސިލުން ދޫކުރި ސެޓްފިކެޓްގެ ސައްހަކަން ކަށަވަރު ނުކުރެވޭތީ ކަމަށް އެ ރިޕޯޓުގައިވެ އެވެ. އަދި ވަގުތީ ގޮތުން ލައިސަންސް ހިފެހެއްޓީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް އެމްއެމްސީން ބުނެ އެވެ.
މިދިޔަ އަހަރު ހުށަހެޅި މައްސަލަތަކުގެ ތެރެއިން މިހާރު ނުނިމި އޮތީ މަރުގެ ތިން މައްސަލައެކެވެ. އެއީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވިހެއި ދެ ކުއްޖަކު، ވިހެއުމުގެ ތެރޭގައި މަރުވުމުން ހުށަހެޅި ދެ މައްސަލައަކާއި އޮޕަރޭޝަން ކުރަން ހޭނެއްތި އަންހެނަކު ކޯމާ އަކަށް ގޮސް، މަރުވި މައްސަލައެވެ. އެ ތިން މައްސަލައިގެ މައުލޫމާތުގެ ރިޕޯޓް އަދި ތައްޔާރު ނުކުރާކަން އެމްއެމްސީ އިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް