ދައުލަތުގެ ރިޒާވްގައި ހުރި ބޭނުން ކުރެވޭ ޑޮލަރުގެ ރިޒާވް 16 ޕަސެންޓު އިތުރުވެއްޖެ އެވެ.
އެމްއެމްއޭއިން އާންމުކޮށްފައިވާ އިގްތިސާދީ ރިވިއުގައި ބުނެފައިވަނީ ބޭނުންކުރެވޭ ރިޒާވްގެ އަދަދު ވަނީ 213.3 މިލިއަން ޑޮލަރަށް ފެބްރުއަރީ މަހު އިތުރުވެފަ ކަމަށެވެ. ޖެނުއަރީ މަހު ބޭނުންކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 201.5 މިލިއަން ޑޮލަރެވެ.
މަހުން މަހަށް ބަލާއިރު މިދިޔަ ފެބްރުއަރީ މަހު އެކަނި ބޭނުން ކުރެވޭ ރިޒާވް ވަނީ ހަ ޕަސެންޓު އިތުރުވެފައި އެވެ. އެމްއެމްއޭގެ ރިވިއުގައިވާ ގޮތުން ފެބްރުއަރީ މަހު ރާއްޖޭގެ ރަސްމީ ރިޒާވްގައި 516.8 މިލިއަން ޑޮލަރު ހުއްޓެވެ.
ބޭނުން ކުރެވޭ ރިޒާވް އަކީ ރައްޔިތުންނަށް ބޭނުންވާ ކާޑާއި ބޭހާއި ތެލާއި އެނޫންވެސް އަސާސީ ބޭނުން ތަކުގައި ބޭނުންވާނެ ސާމާނު ގަތުމަށް ބޭނުން ކުރާ ފައިސާ އެވެ.
މިދިޔަ ފެބްރުއަރީ މަސް ނިމުނުއިރު ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ޓަކައި 23.2 ބިލިއަން ރުފިޔާގެ ޓީ ބިލާއި ޓީ ބޮންޑް ވިއްކާފައިވެ އެވެ. އަދި ސަރުކާރުން ސެކިއުރިޓީސްގައި އިންވެސްޓްކުރި އަދަދު ފެބްރުއަރީ މަހު ވަނީ 15 ޕަަސެންޓް އިތުރުވެފަ އެވެ.
ބޭނުން ކުރެވޭ ރިޒާވް އިތުރުވެފައި މިވަނީ މިދިޔަ ޑިސެމްބަރު މަހު ރިޒާވް ދަށްވެފައި އޮތުމަށް ފަހު އެވެ.
އެ މަހު އެމްއެމްއޭއިން ވަނީ ދައުލަތުން ޖީއެމްއާރަށް ދައްކަންޖެހޭ ފައިސާދެއްކުމަށް އެމްއޭސީއެލްއަށް އެހީވުމުގެ ގޮތުން އެ ކުންފުނިން 140 މިލިއަން ޑޮލަރުގެ ބޮންޑެއް ގަނެފައި އެވެ. އެ ފައިސާ އެމްއޭސީއެލްއިން އެމްއެމްއޭއަށް ދައްކަން ޖެހެނީ ހަތަރު އަހަަރު ތެރޭގައި 4.9 ޕަސެންޓުގެ އިންޓްރެސްޓަކާއި އެކު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް