ރައީސް ޔާމީން ގައުމު ދޫކުރައްވާ ވަޑައިގެންނެވުމަށް ގާސިމް ގޮވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ. ގާސިމް މިގޮތަށް ގޮވާލެއްވީ އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ސި...

05 Apr 2017 | 19:26

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ރާއްޖެ ދޫކުރައްވާ ވަޑައިގެންނެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގޮވާލައްވައިފި އެވެ.

ގާސިމް މިގޮތަށް ގޮވާލެއްވީ އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ސިލްސިލާކޮށް ބާއްވަމުން އަންނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. ގާސިމް ވިދާޅުވީ ގިނަ ރައްޔިތުންގެ އެދުމަކީ ރައީސް ޔާމީން ގައުމު ދޫކުރައްވާ ވަޑައިގެންނެވުމަށް ކަމަށެވެ.

ގާސިމް ވިދާޅުވީ މުޅި ގައުމު ފަސާދަކޮށް ހަމަނުޖެހުމާއި ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދަނީ ރައީސް ޔާމީން ކަމަށެވެ. އިދިކޮޅު ފަރާތްތައް ބައިބައިކޮށްލުމަށް ކުރައްވަމުން ގެންދަވާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށެވެ.

އެގޮތުން ފަހަރަކު މީހަކު ޖަލަށް ލައި ޕާޓީތަކުގެ އިސްވެރިން ހުސްކޮށްލިޔަސް މި ކޯލިޝަން ރައީސް ޔާމީނަށް ރޫޅާ ނުލެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރައީސް ޔާމީން ޖަލަށްލަނީ ހަމައެކަނި އެމަނިކުފާނާއި ދެކޮޅަށް ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވާ ބޭފުޅުން ނޫން ކަމަށާއި ޝެއިހް އިމްރާން މެން ފަދަ ބޭފުޅުން ޖަލަށް ލީ އިދިކޮޅު ހަރަކާތްތައް މަޑުޖެއްސުވުމަށް ކަމަށެވެ.

"އަޅުގަނޑު މިގޮވާލަނީ ރައީސް ޔާމީން ގައުމުދޫ ކުރައްވާ ވަޑައިގެންނަވާށޭ. ގައުމުގައި އުފެދިފައިވާ ހުރިހާ ހަމަނުޖެހުމަކީ އެމަނިކުފާނުގެ ސަބަބުން ދިމާވަމުން އަންނަ ކަންކަމޭ. އިދިކޮޅު ފަރާތްތަކުގެ ވަސް ފޮހެލުމަށް ކުރައްވަމުން އެ ގެންދަވާ އެއްވެސް ކަމެއް ކާމިޔާބުވިޔަކަ ނުދޭނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް އިތުރަށް ވިދާޅުވީ އޭނާ އާއި ދެކޮޅަށް ދައުވާކޮށް ޖަލަށް ލިޔަސް އެއްވެސް ހާސްކަމެތް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް